އާއިލާއެއްގެ ބަޔަކު ހިނގާފައި ދަނީ: އާއިލާ ދެމެހެއްޓޭނީ ދެމަފިރިން އެކަކު އަނެކަކަށް އިހުތިރާމް ކޮށްގެން.
24 މެއި 2025 - 08:25
އިސްލާމް ދީނުގައި އާއިލާ އަށް ދޭ އަހަންމިއްޔަތުގެ ދަށުން ދެމަފިރިންގެ ދެމެދުގައި އޮންނަން ޖެހޭ ގުޅުންތަކާއި އަދާކުރަންޖެހޭ ޒިންމާތައް ބިނާވެފައި އޮންނަން ޖެހެނީ މުހިންމު އަސާސްތަކެއްގެ މައްޗަށެވެ. މި އަސާސްތަކުގެ ތެރޭގައި ދެމަފިރިންގެ ދެމެދުގައި އާންމުކޮށް ހަމަހަމަކަން އޮތުމާއި އާއިލާގައި މައުނަވީ އަދި އަޚުލާގީ ގިޔަމުތައް ދެމެހެއްޓުމާއި، އަންހެނުންގެ އަހުލިއްޔަތާއި މުސްތަގިއްލުކަން އަންހެނުންނަށް ލިބުމާއި ދެމީހުން ކުރެ ކޮންމެ މީހަކު ވެސް އާއިލާއާ މެދު ޒިންމާވުން ހިމެނެ އެވެ.
މި އަސާސްތަކުގެ ތެރެއިން މި ލިޔުމުގައި މި ބަލައިލަނީ ދެމަފިރިންގެ މެދުގައި އާންމުކޮށް ހަމަހަމަކަން އޮތުމާއި އާއިލާގައި ދަމަހައްޓަންޖެހޭ މައުނަވީ އަދި އަޚުލާގީ ގިޔަމުތަކަށެވެ.
އިންސާނުންގެ ދެ ޖިންސު ވެސް ﷲ އުފައްދާފައި ވަނީ އެއް ނަފުސަކުންނެވެ. (އައްނިސާއު 1). އެހެންކަމުން އާންމު ސިފަތަކުގަ އާއި އާންމު ގާބިލިއްޔަތު ތަކުގައި ދެޖިންސު ވެސް ހަމަހަމަ އެވެ.
ނަމަވެސް އެއްބަޔަކު އަނެއްބަޔަކަށް ތައާރަފު ވުމާއި އެހީތެރިވެ އުޅުމަށްޓަކައި އިންސާނުން ތަފާތު ގައުމުތަކާއި ގަބީލާތަކަށް ﷲ ލެއްވިއެވެ (އަލްޙުޖުރާތު 13). މިގޮތުން އަންހެން ފިރިހެން ތަފާތު ވުމަކީ ވެސް ދެފަރާތުން އެކަކު އަނެކަކަށް ފުރިހަމަ ކޮށްދީ އެހީވުމަށް އޮތް ތަފާތެކެވެ. މި ތަފާތު މިގޮތަށް އޮތް ނަމަވެސް އާންމު އުސޫލަކީ އަންހެނުންނާއި ފިރިހެނުން ހަމަހަމަ ވުމެވެ. އެހެންވެ ޝަރުއީ ތަކުލީފުތަކުގައި ވެސް ދެ ޖިންސަށް އާންމު ހުރިހާ ތަކުލީފު ތައް އެއްގޮތެވެ. ޖަޒާ ލިބުމުގައި ވެސް އާންމުކޮށް ދެ ޖިންސު އެއްވަރެވެ. މިކަމަށް ކީރިތި ޤުރްއާނުން ދަލީލު ލިބެއެވެ. މި ހަގީގަތްތަކުގެ އަލީގައި އިސްލާމީ އާންމު އުސޫލަކީ ދެމަފިރިން ވެސް ހަމަހަމަ ވުމެވެ. އެއީ އާއިލީ ދިރިއުޅުމުގައި ކަމަށް ވިއަސް އާންމު ދިރިއުޅުމުގައި ކަމަށް ވިއަސް މެއެވެ.
އެކަމަކު، ދެމީހުންގެ މެދުގައި ތަބީއީ ގޮތުންނާއި ދީނީ ތަކުލީފުތަކުގެ ގޮތުން ބައެއް ތަފާތުތައް ހުރުމުން ޒަވާޖީ ހަޔާތުގެ ބައެއް ޒިންމާތަކަކީ ދެމީހުން ކުރެ ކޮންމެވެސް އެކަކަށް އެންމެ ފުރިހަމަ އަށް އަދާކުރެވޭނެ ޒިންމާތަކެވެ. އެހެންވެ އިސްލާމް ދީނުގައި މިފަދަ ޒިންމާތައް ދެފަރާތުން ކުރެ ކޮންމެވެސް އެއްފަރާތަކަށް ހަވާލު ކުރެއެވެ. އެއީ އާއިލާ އަށް ވިއަސް އަދި މުޖުތަމައަށް ވިއަސް އެންމެ މަސްލަހަތު ބޮޑުވަނީ މިފަދަ ތަފާތެއް ގެނެސްގެން ކަމަށް ވާތީ އެވެ. މިފަދަ ޚާއްސަ ކުރުންތަކުގައި ފިޔަވައި ދެމަފިރިންނަކީ ހަމަހަމަ ދެ މީހުންނެވެ. ދެމަފިރިންގެ ގުޅުންތަކާއި ޒިންމާތަކުގައި މި އަސާސަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ އެވެ.
ދެމަފިރިންގެ ގުޅުމާއި ޒިންމާތައް ބިނާކުރަން ޖެހޭ އަސާސްތަކުގެ ތެރެއިން ދެވަނަ އަސާސަކީ މައުނަވީ އަދި އަޚުލާގީ ގިޔަމުތައް އާއިލާގައި ދެމެހެއްޓުމެވެ. މި ގިޔަމުތައް މައިގަނޑު ތިން ބަޔަކަށް ބަހާލެވިދާނެ އެވެ.
އެއީ؛
1- ދެމަފިރިންގެ ދެމެދުގައި ލޯތްބާއި އޯގާތެރިކަން ދެމެހެއްޓުމާއި އެކަކު އަނެކަކަށް އިތުބާރު ކުރުމާއި އެހީތެރިވުން: އިސްލާމީ ނަޒަރުން ބަލާއިރު އާއިލާއެއް ބިނާކުރުމުގެ މަގުސަދުތަކުގެ ތެރޭގައި ދެމަފިރިންގެ މެދުގައި ހަމަހިމޭންކަމާއި ލޯތްބާއި އޯގާތެރިކަން ދެމެހެއްޓުން ހިމެނެ އެވެ. އެއީ ﷲ އިންސާނުންނަށް ދެއްވި ނިއުމަތެކެވެ (އައްރޫމް 21). އެހެންކަމުން އެ ނިއުމަތް ދެމެހެއްޓުމަށް ދެމީހުން ހަމަ އެއްވަރަށް މަސައްކަތް ކުރަން ޖެހޭނެ އެވެ. އަދި މިކަމަކީ ދެމަފިރިންގެ ހައްގުތަކާއި ވާޖިބުތަކުގެ ތެރެއިން ދެމީހުން އެއްވަރަށް ޒިންމާވާން ޖެހޭ ވާޖިބުތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.
އެކަކު އަނެކަކަށް އިތުބާރު ކުރުމަކީ ވެސް ދެމަފިރިންގެ ދެމެދުމުގައި އޮންނަ ގުޅުންތަކުގައި ދަމަހައްޓަން ޖެހޭ ވަރަށް މުހިންމު ގިޔަމެކެވެ. އީމާންވީ މީހުންނަށް މުޚާތަބު ކުރައްވައި ﷲ އަންގަވާފައި ވަނީ ގިނަ ހީކުރުންތަކުން ދުރުހެލިވުމަށެވެ. އެއީ ބައެއް ހީ ތަކަކީ ފާފައެއް ކަމުގައި ވާތީ އެވެ. އަދި ސިއްރުތައް ހޯދަން ފާރަލާ ނުހެދުމަށް ވެސް އެކަލާނގެ އަންގަވަ އެވެ (އަލްޙުޖުރާތު 12). ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވާ ގޮތުގައި އެންމެ ދޮގުކަން ބޮޑު ވާހަކަ އަކީ ހީކުރުންތަކެވެ. އެހެންވެ އެކަލޭގެފާނު ވެސް އަމުރު ކުރައްވަނީ އެކަކު އަނެކަކަށް ފާރަނުލުމަށާއި މީހުންގެ އައިބުތަކުގެ ވާހަކަތައް ހޯދަން ނުއުޅުމަށެވެ. އަދި އެކަކު އަނެކަކަށް ނަފުރަތު ނުކުރުމަށެވެ.
އޭގެ ބަދަލުގައި އަޚުން އުޚުތުންގެ ގޮތުގައި އެންމެން ދެމިތިބުމަށެވެ (އަޙުމަދާއި ބުޚާރީ). ދެމަފިރިންގެ ދެމެދުމުގައި އޮންނަ ގުޅުންތަކުގައި، ހެޔޮ ހާލަތުގައި ވިޔަސް އަދި ދަތި ހާލަތުގައި ވިޔަސް ދެމަފިރިން އެކަކު އަނެކަކަށް އެހީތެރިވެދިނުމަކީ ވެސް ދަމަހައްޓަން ޖެހޭ ގިޔަމެކެވެ. ﷲ އަންގަވަނީ ހެޔޮ ކަންތަކާއި ތަޤުވާވެރި ވުމުގައި އެކަކު އަނެކަކަށް ވާގިވެރި ވުމަށެވެ. އަދި ފާފަ ކުރުމާއި އަދާވާތްތެރި ވުމުގައި އެކަކު އަނެކަކަށް ވާގިވެރި ނުވުމަށެވެ. (އަލްމާއިދާ 2). ނަބިއްޔާ ﷺ ހަދީސް ކުރައްވަނީ އެއް މުއުމިނަކީ އަނެއް މުއުމިނަކަށް ބިނާއެއްގެ ބައިތައް ފަދައިން ގަދަކަން ދޭ ބައެއް ކަމަށެވެ (ބުޚާރީ އާއި މުސްލިމް އަދި އެހެން ބޭކަލުން).
2- ހެޔޮގޮތުގައި މުއާމަލާތު ކުރުމާއި އިހުސާންތެރިވުމާއި އިންސާނީ ކަރާމާތް ދެމެހެއްޓުން:
ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުންތަކުގައި މައުނަވީ އަދި އަޚުލާގީ ގިޔަމުތައް ދެމެހެއްޓުމާ ގުޅޭ ދެވަނަ ކަމަކީ، ހެޔޮގޮތުގައި މުއާމަލާތު ކުރުމާއި އިހުސާންތެރިވުމާއި އިންސާނީ ކަރާމާތް ދެމެހެއްޓުމެވެ. ހެޔޮގޮތުގައި މުއާމަލާތު ކުރުމަށް މާތް ﷲ ވަނީ ފިރިމީހާ އަށް އަންގަވާފަ އެވެ (އައްނިސާއު 19). މިގޮތުން ހެޔޮގޮތުގައި މުއާމަލާތު ކުރުމުގެ ތެރެއިން ހިމެނޭނެ އެއްކަމަކީ އަނބިމީހާގެ ފިތުރަތަށާއި އިހުސާސްތަކަށާއި ހެދިބޮޑުވުމުގައި ހުރި ތަފާތު ތަކަށް ބަލައި މަޑުމައިތިރިކަމާއި ހިލްމުވެރިކަމާއި އޯގާތެރިކަމާ އެކު މުއާމަލާތު ކުރުމެވެ.
ދެވަނަ ކަމަކީ އަނބިމީހާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތަން ފުރުސަތު ދިނުމެވެ. ބޮޑު ގެއްލުމެއް އޭގެ ސަބަބުން ނުލިބޭ ނަމަ އެކަނބަލުންނަށް އެކަން މަނާކޮށްގެން ނުވާނެ އެވެ.
ތިންވަނަ ކަމަކީ އެ ކަނބަލުންނާ މެދު ޣީރަތްތެރި ވުމުގައި އެއްވެސް އަތަކަށް ހައްދުފަހަނައަޅައި ނުދިއުމެވެ. އަންހެނުންނާ މެދު އިހުސާންތެރިކޮށް ހިތުމަށް ކީރިތި ނަބިއްޔާ ﷺ ވަނީ ވަސިއްޔަތް ކުރައްވާފަ އެވެ (މުސްލިމް އަދި އިބްނު މާޖާ). އެކަލޭގެފާނު ބަޔާން ކުރައްވަނީ އެންމެ ހެޔޮ މީހަކީ އެ މީހެއްގެ އަހުލަށް އެންމެ ހެޔޮ މީހާ ކަމަށެވެ (އަޙޫމަދާއި ތިރުމިޛީ). މީގެ އިތުރުން މި ފާހަގަކުރި ތިން ކަންތަކަށް މަގުފަހިވާ ކަންކަން ކީރިތި ރަސޫލާގެ ސިޔަރަތުން އެކި ހާދިސާތަކުން ވަނީ ފެނިފަ އެވެ.
3- ޒަވާޖީ ހަޔާތަކީ ދެމަފިރިން އޭގައި ބައިވެރިވާ ހަޔާތެއް ކަމުގައި ހެދުން:
ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުންތަކުގައި މައުނަވީ އަދި އަޚުލާގީ ގިޔަމުތައް ދެމެހެއްޓުމާ ގުޅޭ ތިންވަނަ ކަމަކީ ޒަވާޖީ ހަޔާތަކީ ދެމަފިރިން އޭގައި ބައިވެރިވާ ހަޔާތެއް ކަމުގައި ހެދުމެވެ. މީގެ މާނައަކީ ދެމަފިރިން ކުރެ ކޮންމެ މީހަކަށް ލިބިފައިވާ ގާބިލިއްޔަތަކާ އެއްގޮތްވާ ގޮތުގެ މަތިން ދެމީހުންވެސް ޒަވާޖީ ހަޔާތް ކާމިޔާބު ކުރުމުގައި ބައިވެރި ވުމެވެ. މިކަން އޮންނަން ވާނީ ދެމީހުންގެ ދެމެދުގައި ކުރެވޭ މަޝްވަރާގެ މައްޗަށެވެ. ކީރިތި ޤުރްއާނުގައި މަޝްވަރާ ކުރަން ބާރު އެޅިފައިވާ ކަންކަމުގެ ތެރެއިން އެއް ކަމަކީ ދަރިންނާ ގުޅުންހުރި ކަމެއްގައި މަޝްވަރާ ކުރުމެވެ (އަލްބަޤަރާ 233).
ޒަވާޖީ ހަޔާތް ކާމިޔާބު ކުރުމުގައި ދެމީހުން ބައިވެރި ވުމުގައި ވިސްނަން ޖެހޭ އެންމެ މުހިންމު ކަމަކީ ދެމީހުން ކުރެ ކޮންމެ މީހަކީ ވެސް އާއިލާގެ ދެބައިކުޅަ އެއްބައިކަން ގަބޫލު ކުރުމެވެ. ހަމަ އެއާ އެކު، ދެމީހުންނަކީ ވެސް އެކަކު އަނެކަކަށް ފުރިހަމަ ކޮށްދޭ މީހެއް ކަމުގައި ގަބޫލު ކުރުމެވެ. އާލް ޢިމްރާން ސޫރަތުގެ 195 ވަނަ އާޔަތުގައި އަންހެނެއް ވިޔަސް ފިރިހެނެއް ވިޔަސް ކުރާ އަމަލެއް ﷲ ގެއްލެނި ނުކުރައްވާނެ ކަން ބަޔާން ކުރެއްވުމަށް ފަހު ދެން ބަޔާން ކުރައްވާފައި ވަނީ "ތިޔަބައިމީހުން ކުރެ އެއްބަޔަކު ވަނީ އަނެއް ބައެއްގެ ކިބައިންނެވެ." އޭގެ މުރާދަކީ އަންހެނުން ވަނީ ފިރިހެނުންގެ ކިބައިންނެވެ. އަދި ފިރިހެނުން ވަނީ އަންހެނުންގެ ކިބައިންނެވެ.
އެހެންކަމުން ދެމަފިރިންނަކީ ދެ ޖިންސުގެ ދެމީހުން ކަމަށް ވިއަސް ދެކޮޅުވެރި ވުމެއް ދެބަސްވުމެއް އޮވެގެން ނުވާނެ އެވެ. އެކަކު އަނެކަކަށް ޖެހޭނީ ވާގިވެރިވާށެވެ. ދެމީހުން ވެސް ޖެހޭނީ އާއިލާ ކާމިޔާބު ކުރަން ބައިވެރިވާށެވެ. (ނުނިމޭ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅަމީނާ
24 May 2025
މާތް ﷲ ތިބާއަށް ހެޔޮ ރަހްމަތް ލައްވާށި! އަދި ދިވެހިރާއްޖޭގެ ބިމުގައިވާ އާއިލާތަކަށް ހެޔޮގޮތް މިންވަރުކޮށްދެއްވާ، އުފާވެރިކަން، ފާގަތިކަން، ހެޔޮ ވިސްނުންދެއްވާ، ތަގްވާވެރި އާއިލާތަކެއް ލައްވާންދޭވް. އާމީން