ސާޖިދާ: އަބުރުގެ ދައުވާއާ ގުޅޭ އިއުތިރާޒުތައް ބޭރުކޮށް ޖަވާބުދާރީވާން ވަނީ އަންގާފައި
02 ޖޫން 2025 - 12:38
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅަކަށް ނިސްބަތްކޮށް، އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އުފުލި އަބުރުގެ ދައުވާ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ނެގި އިއުތިރާޒު ބަލައިނުގަންނަން އެ ކޯޓުން ނިންމައިފި އެވެ.
ވޭޕް މަނާކުރުމާ ރައީސްގެ ބޭފުޅަކާ ގުޅުވައި މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ އިތުރުން އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްޗަށް ވެސް ފަސްޓް ލޭޑީ ސާޖިދާ ވަނީ އަބުރުގެ ދައުވާ ކުރައްވައިފަ އެވެ.
އެ މައްސަލައިގައި ދައުވާއަށް ޖަވާބުދާރީނުވެ، ދައުވާ ލިބޭ ފަރާތްތަކުން އިއުތިރާޒުތަކެއް ހުށަހެޅި އެވެ. އެގޮތުން ދައުވާ ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ނެތް ކަމަށް ބުނެ ނުކުތާއެއް ފާހަގަކުރި އެވެ. ނަމަވެސް، ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށެވެ.
އެހެންވެ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ދައުވާއަށް ޖަވާބުދާރީވާން ދައުވާ ލިބޭ ފަރާތްތަކަށް ވަނީ އަންގައިފަ އެވެ.
ރައީސްގެ އާއިލާގެ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ލޯ ފާމުން ކުރިން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، އުމައިރުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިވެ، އުމައިރުގެ ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިވެފައިވާ ކަމަށެވެ.
އެ ވާހަކަތަކުގެ ސަބަބުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ އިން ކަށަވަރު ކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ ކުރިން، ރައީސްގެ އާއިލާގެ ވަކީލުން ބުނެފައިވާ ގޮތުގައި، އެމްޑީޕީގެ މައްޗަށް ދައުވާ ކުރަނީ ރައީސްގެ ދަރިކަލުންނާ ގުޅޭގޮތުން ވާހަކަ ދައްކާފައިވަނީ އެމްޑީޕީން ބޭއްވި އެއްވުމެއްގައި ކަމަށް ވެފައި، އެކަން ހުއްޓުވުމަށް އެ ޕާޓީން މަސައްކަތް ކޮށްފައި ނުވާތީ އެވެ. އަދި ފައްޔާޒުގެ މައްޗަށް ދައުވާ ކޮށްފައި ވާއިރު، އެ ވާހަކަތައް ކުށްވެރި ކުރުމުގެ ބަދަލުގައި އެފަދަ ވާހަކަތަކަށް ހިތްވަރު ލިބޭ ގޮތަށް ފައްޔާޒު އެކްސްގައި ޕޯސްޓެއް ކުރެއްވި ކަަމަށް ބުނެ އެވެ.
މަންދީގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީ އާއި ފައްޔާޒުގެ މައްޗަށް ދައުވާ ކޮށްފައި ވާއިރު، އެމްޑީޕީން ވަނީ ކުއްޖާގެ ނަން ހާމަކޮށް، ކަރާމާތް ނަގާލީ އާއިލާ އާއި ވަކީލް ކަމަށް ބުނެ އެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޮއް
03 June 2025
މުއިއްޒުއަކަށް ދުވަހަކުވެސް ތާއީދެއް ނުކުރަން ވޯޓެއްވެސް ނުދެން ނުވެސް ދޭނަން އެކަމަކު މީ ރަގަޅު ކަމެއް ކަމަށް ދެކެން. ސިޔާސީ ވުމުގަ ދިވެހިން ހައްދު ފަހަނައަޅައިފި ލަދެއް ހަޔާތެއް މިހާރު ނެތް ކިޔޭ ނުކިޔޭއެއް ނޭނގެ. ބޮޑެތި މުރުތައްދު ދޮގާ އަބުރު ކަތިލުމާ އާންމު ކޮށްފި. މި ސަގާފަތް ހުއްޓުވަން އެބަ ޖެހޭ ދަރިންނަށްޓަކާ ނަމަވެސް. ބޭނުންހާ އެއްޗެއް ނުކިޔޭނެ އެއްވެސް އަދަބެއް ނުލިބި.
މަ ބުނީ
02 June 2025
މަރުގެ އަދަބެއްއަތުވެދާނެބާ ؟
މިހާލަތު
02 June 2025
ތި ނޫން ގޮތެއް މިއަދަކު ނެތެވެ. ހިތް ނުރުހޭގޮތަކަށް ކުރިޔަށް ދާން ނިންމީމަ އެންމެ މަތީ ކޯޓުގައި ތިބި މީހުންވެސް ޖެހުނީ ގެޔަށް ދާށެވެ.
ޑޮނާލްޑް ޑަކް
02 June 2025
ދެން ދައުވާ ކުރަން ހުށަހަޅަން ޖެހެނީ ކޮން ކޯޓަކަށް؟ ކަލޭމެން ކޮންމެ ކަމެއް ކުރިޔަސް އެ ބެލުމުގެ އިހްތިސާސެއް އެއްވެސް ކޯޓަކަށް އެއް އިރަކުވެސް އޮވޭތަ؟ ޢަބަދުވެސް ގާނޫނަށް ވުރެ މަތީގަ ދޯ؟
ކިނބޫ
02 June 2025
މީހުންގެ އަބުރާ ބެހުމުގެ އިހްތިސާސް ކަލޭމެން ދެއއޗށ ދިނީ ކާކު؟
ސަލްސާ
02 June 2025
ތިޔައީ ކުޑަކުއްޖެއްގެ އަނބުރުވެރިކަން ރައްކާތެރިކުރުމަށްޓަކައި މަޔަކު ކުރި މަސައްކަތައް ހުރަސްއެޅުމަށް ކުރެވޭ މަސައްކަތް! ސިޔާސީ ވިސްނުމާއި ޚިޔާލާތު ތަފާތު ވިޔަސް ކުދި ޅަދަރީން ޝިކާރައަކަށް ހަދައިގެން، އެކުދީންގެ މުސްތަޤުބަލް ބަނާވާނެގޮތަށް ފިކުރު ފެތުރުމާއި ޚިޔާލާތު ގެނައުމަކީ ޒަމާންތަކަށް އެ ދަރީންގެ މުސްތަޤުބަލް ބަނަކުރުން. ކޮންމެ މީހެއްގެ ދަރިއަކަށް ކުޑަކުއްޖެއްކަމުގައި ވަނީ ނަމަ އިތުރު ކަރަމާތެއް ލިބެންޖެހޭނެ!
އަލިހުރަސް ކަނޑު ތެރެއިން
02 June 2025
މައްސަލަ ރައްދުވާ ފަރާތުން ދައުވާއަށް ޖަވާބުދާރީ ވާންޖެހޭނެ. މަދަނީ ކޯޓުން މައްސަލަ ބަލައި ފިޔަވަޅު އެޅީމަ އިސްތިއުނާފް ކުރަން ހައިކޯޓާ ސުޕްރިމް ކޯޓުވެސް އެބަހުރި މަދަނީ ކޯޓުން މައްސަލަ ބަލައި ފިޔަވަޅު އަޅާފައިވަނީ މަދަނީ އިޖުރާއަތުތަކާ ޚިލާފަށް ކަމަށް ކަނޑައަޅާނީ މަތީ މަރުހަލާގެ ކޯޓުތަކުން.