ހިތުގެ މައްސަލައެއް ހުރިތޯ ބެލުމަށް އީސީޖީއެއް ހަދަނީ: ޒުވާން އުމުރުގައި ހާޓް އެޓޭކް ޖެހޭ މީހުން ގިނަވުމާއި ދިރިއުޅުމުގެ އާދަތަކާއި ކެއިންބުއިމުގައި ހުރި މައްސަލަތަކާ ވަރަށް ބޮޑު ގުޅުމެއްވޭ.
08 ޖޫން 2025 - 14:41
ޒުވާނުންނަށް ހާޓްއެޓޭކް ޖެހުމަކީ މީގެ ކުރިން އެހާ އާންމު ކަމެއް ނޫނެވެ. އެކަމަކު، ސްރީ ލަންކާގެ ތަޖުރިބާކާރު ހިތުގެ ޑޮކްޓަރު ގޯޓާބަޔާ ރަނަސިންހު ލަންކާގެ ޑެއިލީމިރާ ނޫހުގައި މިދިޔަ ބުރާސްފަތި ދުވަހު އާއްމު ކުރެއްވި ލިޔުމެއްގައި ޒުވާނުންނަށް ހާޓް އެޓޭކް ޖެހުން އިތުރުވަމުން ދާތީ ކަންބޮޑުވުމާ އެކު އިންޒާރުތަކެއް ވަނީ ދެއްވައިފަ އެވެ.
ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި 25 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ޑޮކްޓަރު ވިދާޅުވިގޮތުގައި މީގެ ކުރިން 40 އަހަރުން ދަށުގެ މީހުންނަށް ހާޓްއެޓޭކް ޖެހުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.
ޑޮކްޓަރު ރަނަސިންހު ވިދާޅުވި ގޮތުގައި ސްރީ ލަންކާ އަދި ދެކުނު އޭޝިއާގެ އެހެން ގައުމުތަކުގައި ޒުވާނުންނަށް ހާޓްއެޓޭކް ޖެހޭ އަދަދު ކަންބޮޑުވާ މިންވަރަކަށް މިހާރު އިތުރުވެއްޖެ އެވެ.
ޑޮކްޓަރު ވިދާޅުވި ގޮތުގައި އުމުރުގެ 20 ގެ ފަހުކޮޅު ނުވަތަ 30 ގެ ކުރީކޮޅު ގުނަމުންދާ މީހުންނަށް ހާޓްއެޓޭކު ޖެހިގެން ފަރުވާ ހޯދަން އަންނަ މީހުންނާ ކޮންމެ މަހަކު ވެސް އޭނާއާ ދިމާވެ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ، އެ ލިޔުމުގައި ބުނާގޮތުން، ހާޓްއެޓޭކަށް މަގުފަހިވާ ކަންތައްތައް ކަމަށްވާ ބަރުދަން އިތުރުވުން ނުވަތަ އާއިލާގައި ވެސް އެފަދަ ކަމެއް ތަޖުރިބާކުރި ބަޔަކު ނެތް މީހުންނެވެ.
"އަޅުގަނޑުގެ ޕްރޮފެޝަނަލް ނަޒަރުގައި، މިކަން ދިމާވާ މައިގަނޑު ސަބަބަކީ ދިރިއުޅުމުގެ ޒަމާނީ ވައްޓަފާޅި އިހުތިޔާރު ކުރުން. ހާއްސަކޮށް ސިއްހަތަށް ނުރަނގަޅު ކެއުމާއި ހެލިފެލިވެ ނޫޅުމާއި ސްޓްރެސްގައި ގިނަ ދުވަހު އުޅުން އަދި ހަމަ ނިދި ނުލިބުން. މިކަންކަމަކީ ހަމައެކަނި "ނުބައި އާދަތަކެއް" ކަމުގައި މިހާރު ނުބެލެވޭ،" ލަންކާގެ ސަރުކާރު ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ޑޮކްޓަރު ވިދާޅުވި އެވެ.
"އެއީ ދުޅަވުމާއި އޮކްސިޑޭޓިވް ގެއްލުމާއި ކޮރޯނަރީ އާޓްރީތަކުގައި މާ އަވަހަށް 'ޕްލޭކް' އުފެދެން ވެސް މެދުވެރިވާ ކަންތައްތައް."
ހިތުގެ ބަލީގެ ތަޖުރިބާކާރު ޑޮކްޓަރު، ޑރ. ގޯޓާބަޔާ.
ޑޮކްޓަރު ވިދާޅުވީ ހިތުގެ ބަލިތައް ޖެހުމުގައި ޑައިޓާ ގުޅިފައިވާ ރިސްކުތައް ވެސް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި؛
މާގިނައިން ހަކުރު އެކުލެވޭ އެއްޗެހި ކެއުމުން އިންސިއުލިން ރެސިސްޓެންސް އާއި މެޓަބޮލިކް ސިންޑްރޯމް އަދި ލޭހޮޅިތަކުގެ އެންޑޮތެލިއަލް ލައިނިންއަށް ގެއްލުންވެ އެވެ. ޓައިޕް 2 ހަކުރު ބަލީގެ މައްސަލަތައް އިތުރުވަމުން ދާއިރު، ޒުވާނުންގެ ފަރާތުން ވެސް އެ ޓްރެންޑު ފެންނަ ކަމަށް އެ ލިޔުމުގައި ބުންޏެވެ.
ޕްރޮސެސްޑް އަދި ފާސްޓް ފުޑްސް ގިނައިން ކައްކާފައި ހުންނަނީ ސަންފްލާވާ، ކެނޯލާ، ސޯޔާބިން، ކޯން އަދި ޕާމް އޮއިލް ފަދަ ތެޔޮތަކުގަ އެވެ. އެ ތެލުގައި އޮމެގާ-6 ޕޮލިއަންސެޗުރޭޓެޑް ފެޓީ އެސިޑްސް ގިނަ އަދަދަކަށް އެކުލެވެ އެވެ. އޭގެ ސަބަބުން، ތެޔޮގަނޑު ހޫނުވުމުން މީހާއަށް އަސަރުތައް ކުރަން ފަށަ އެވެ.
އެ ބާވަތުގެ ތެލަށް ވުރެ ކާށި ތެލާއި ޒައިތޫނި ތެލަކީ ހިތުގެ ދުޅަހެޔޮކަމަށް ފައިދާ ހުރި އެއްޗެއްކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
ޕެކެޓްކޮށްފައި ހުންނަ ކެއުންތައް ތައްޔާރުކުރަނީ ދޯބުރާލި ހަކުރު ނުވަތަ ސީޑް ތެޔޮ އަދި ބައެއް ފަހަރު އެ ދެ ބާވަތް ވެސް ހިމަނައިގެންނެވެ. އެ އެއްޗެހީގެ ރަހަތައް ކިތަންމެ މީރުވިއަސް، އެ ކެއުމުން ހިތުގެ ނިޒާމަށް ގެއްލުން ލިބެ އެވެ.
ޒަމާނަށް އައި ބަދަލުތަކާ އެކު ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކަކީ، ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވެފައިވާ ކަމެއްކަމަށް އެ ލިޔުމުގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި ގިނަ ޒުވާނުންނަކީ ހެލިފެލިވެ ނޫޅޭ ބައެއް ކަމަށާއި ސްކްރީންތަކުގެ ކައިރީ ގިނަ ވަގުތު ހޭދަކުރުމާއި ދަތުރުފަތުރުކުރުން ނުވަތަ މަސައްކަތުގައި ގިނަ ވަގުތު ހޭދަވުމުން ޖިސްމާނީ ހަރަކާތްތައް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ބުންޏެވެ.
އެހެންވެ، ޑޮކްޓަރު ވަނީ މަދުވެގެން ހަފުތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު 40 މިނެޓަށް ކަސްރަތުކުރުމަށް އެދިފަ އެވެ.
"ކޮންމެހެން ޖިމް މެމްބަޝިޕެއް އޮންނާކަށް ނުޖެހޭނެ. ހިނގުމަކީ ހިތުގެ ދުޅަހެޔޮކަމަށް އެންމެ ފަސޭހަ އަދި އެންމެ ހަރުދަނާ އެއް ކަންތައް. ފެތުމާއި ބައިސިއިކަލް ދުއްވުން ނުވަތަ ނެށުން ފަދަ ކަސްރަތުތައް ވެސް ރަނގަޅުވާނެ." އޭނާ ވިދާޅުވި އެވެ.
އެކަންކަމުގެ އިތުރުން، ރަނގަޅަށް ނިދި ނުލިބުމަކީ ހިތުގެ މައްސަލަތަކަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވާ ކަމެކެވެ. ކޮންމެ ރެއަކު ވެސް މަދުވެގެން ހަތް ގަޑިއިރު ނިދި ހަމަކުރުމަށް އެދިވަޑައިގެން، ޑޮކްޓަރު ވިދާޅުވީ އެއީ "ލަގްޒަރީ" ކަމެއް ނޫން ކަމަށެވެ.
"މެޑިކަލް ރިކުއަމަންޓެއް އެއީ...ހިތުގެ ބަލިތަކަކީ މިހާރު ހަމައެކަނި މައިންބަފައިންނަށް ދިމާވާ މައްސަލައެއް ނޫން. މިއީ މިހާރު ޒުވާނުންގެ ކަންބޮޑުވުމެއް. އިހުމާލުވެ، އަޅާނުލާ ހުރެއްޖެނަމަ ހާޓްއެޓޭކްގައި މަރުވުމުގެ ފުރުސަތު އެބައޮތް،"
"އަވަހަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތަކުގެ ސަބަބުން ވަރަށް ބޮޑު އަސަރެއް ކުރާނެ. މީގެ ތެރެއިން ގިނަ ރިސްކް ފެކްޓާތަކަކީ ސީރިއަސް ނުރައްކަލެއް ކުރިމަތިވުމުގެ ކުރިން ބަދަލުކުރެވިދާނެ ކަންތައްތައް." އޭނާ ވިދާޅުވި އެވެ.
- ދޯބުރާލި ހަކުރު އަދި ޕްރޮސެސްޑް ކާބޯހައިޑްރޭޓްސް ކެއުން މަދުކުރުން
- ސީޑް އޮއިލްއިން ދުރުވެ، އޭގެ ބަދަލުގައި ކޮކޮނަޓް އޮއިލް ނުވަތަ ޒައިތޫނި ތެޔޮ ބޭނުންކުރުން
- އަލްޓްރާ ޕްރޮސެސްޑް ކާނާ ކެއުމުން ހުއްޓާލުން
- ކޮންމެ ދުވަހަކު ކަސްރަތުކުރުން
- ކޮންމެ ރެއަކު 7-8 ގަޑިއިރުގެ ނިދުން
- އާދަޔާ ހިލާފަށް ވަރުބަލިވުމާއި ހިތުގެ ތެޅުން އަވަސްވުމާއި މެއަށް އުނދަގޫވާ ނަމަ އަވަހަށް ފަރުވާ ހޯދުން. ހާއްސަކޮށް އާއިލާގައި ސިއްހީ މައްސަލަތަކުގެ ތާރީހެއް އޮވެއްޖެ ނަމަ އުމުރުން 20 ގެ ފަހުކޮޅުން ފެށިގެން ގަވައިދުން މެޑިކަލް ޗެކަޕް ހެދުން
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުލޭހާ
09 June 2025
ކާޑުގެ ގޮތުގަ ހަކުރު އެތެރެކޮށް ސަބްސިޓީދިނުން މިއީ ހުއްޓުވަަން ވެއްޖެކަމެއް، މަމިހެން ކިޔާތާކިހާދުވަހެއް މިވަނީ،
ސަލީމާން
09 June 2025
ގޮދަން ފުށާ ހަނޑުލުން ކަނޑާނުލާނަން؟ ބޫމާ ވިސްނުން. ބަތް ކެޔަސް ރޮށި ކެޔަސް އެވެސް ބަދަލުވަނީ ހަކުރަށް. މީހުން ހޭލުންތެރި ވާންވީ. ހައްދުން ނައްޓާ ވަރަށް ކާބޯހައިޑްރޭޓްސް ނުކަންވީ. ވަޅިން އަތް ކެނޑުނީމަ ވަޅި އެތެރެކުރުން ދޯ މަނާކުރަންވީ.
މހއމ
11 June 2025
ނޫން. ވަޅިން އަތް ކެނޑެންޔާ އެމީހަކު ވަޅި ގެންގުޅުން މަނާ ކުރަންވީ. އެކަމަކު ވަޅިން މީހުން މަރަންޔާ ވަޅި އެތެރެކުރުން މަނާ ކުރަން ރަނގަޅުވާނެ. @ސަލީމާ
ށސ11
09 June 2025
ހެޔުނުވާނެ ތިލިސްޓުގެ ތެރެއަށް މަޖުބޫރުކޮށްގެން ޖެހުވި ކޮވިޑު ވެކްސިން އިތުރުކޮށްބަލަ! ދުނިޔޭގެ އެތައް ގައުމަކުވެސް މިކަންތައް އިތުރުވީ އެހެންވެ. ކަލޭމެެެެން ޑޮކްޓަރުންނާ ނޫސްވެރިން ކިތައްމެ ފޮރުވަންއުޅުނަކަސް އެއީ ހަޤީޤަތަކީ
އަލީންކާ
09 June 2025
އެންޓި ވެކްސާސް. އަޒުމަތުގެ ކޮމެންޓެއްތަ؟
ނަނަނަ
09 June 2025
ރާއްޖޭގައި ޒުވާން ފިރިހެނުންނަށް ހާޓް އެޓޭކް ޖެހެނީ ފޭކް ފިރިހެން ބޭސް ބޭނުންކުރާތީ..
ދަންނަ ނުދަންނަ
09 June 2025
އެނގޭވޭސް ނޭންގޭވެސް ކަމެއް ނުހުރޭ
ޙާޓުބުރެކު
09 June 2025
ކޮވިޑް ވެކްސިން
ރަނބީރު
09 June 2025
ދޯބުރާލި ހަކުރު މިހާރުން މިހާރަށް ރާއްޖެ އެތެރެކުރުމާ ގެންގުޅުން މަނާ ކުރޭ. ފަލަވުމާ، ނޭވާކުރުވުމާ، ވަރުބަލިވުމާ ނިދި ހަރާބުވުން މިކަހަލަ ހުރިހާ ނުބައި ބައްޔެއްގެ ފެށުން.
ސީޑްއޮއިލް
08 June 2025
ކޮންމެ މީހަކުވެސް އެންމެ ރަނގަޅީ އެންމެ ސާފުކޮށް ހުންނަ ސަންފުލަވަރ އޮއިލްކަމަށް ހީކޮށް އެކަނީ. ހަގީގަތަކީ އެއީ ޥެޖިޓަބަލް އޮއިލްއެއްނޫން ކަމެވެ. އެންމެ ރަނގަޅީ ޒައިތޫނި ކޮކޮނަޓު އަދި ޕާމްއޮއިލް.
ކޮރަލް
08 June 2025
ރާއްޖެ އަށް އެސްޓީއޯ އިން ހަކުރު ބަސްތާ އެތެރެކުރުން މަނާ ކުރަން ވީ އެވެ. އޭގައި ފައިދާ އެއް ނެތެވެ. ހުރީ ގެއްލުމެވެ.
ތެންކިއު ގައުމް
08 June 2025
ޕާޓީ ޑްރަގްސް އެކްސްޓަސީ ފަދަ ޑްރަގްސް ތައް މުއްސަނދިންނާ ގޭންގުތަކުގެ މަންފާއަށް ސަރުކާރުން ކުރުވާތީ މިހެން ވަނީ. ކުއްލިއަކަށް ހިތް ހުއްޓުން ފަދަ ކަންކަން މިއީ ވާކަންކަން. ދެން ކޮބާ ކުޅިވަރު ކުޅެލަން ދާނެ ތަނެއް ނެތް އާއްމުންނަކަށް ނެތް (މިބުނީ ގޭންގުތަކަށް އަދި މުއްސަނދިންނަކަށް މިކަން ފަހި ނުވެޔޭ އެއް ނޫން) މާލޭ މަގެއްގަ ހިނގާ ނުލެވޭ. އަދި ކޮބާ ތަރުކާރި އާ މޭވާ ކަންޏާ ގިނަ މީހުން ތިބެން ޖެހޭނީ މަހުގެ ބޮޑުބައި ބަނޑަށް.
އިޓްސްދެމް
08 June 2025
ހިތުގެބަލި ރާއްޖޭގައި ދާނީ ގިނަވަމުންނޭ ޒުވާން އަންހެންކުދިން ކޮލެޖް ގައި އުޅޭއިރު އަތަށް ކޯކް ދަޅެއް ލައިގެން އެބޮއި ނަގަމުންދާނީ އެމެންނަށް ހީވަނީ ދެން އެމެން ވަރަށް ގަދަ ކަމަށް އެހެން މީހުންނަށް ދެއްކޭނެ ކަމެކޭ ދެން އުމުރުން 30 ނުވަނީސް ހަމަ އެޒުވާނާ ފެންނާނެ ހޮސްޕިޓަލުން އަރައިނުގަނެގެން އުޅޭ ތަން ދެން އުމުރުން 40 އަހަރު ވުމުން ކޮންމެ ދުވަހަކު ބޭސްސިޓީ އާއި އެކި މެޑިކަލް ޓެސްޓް ތަކުގެ ފައިލް ކިހިލީގައި ޖަހައިގެން ހޮސްޕިޓާ ތަކުން ނުފިލާނެއޭ
އިޓްސް ނޮޓް ޖަސްޓް ދެމް
16 June 2025
އަންހެން ކުދިން އެކަނިތަ؟ ފިރިހެން ކުއްޖަކު ނުކުރާނެ ބަލިބަލިޖެހޭ ކަމެއް އެއްގޮތަކަށް ވެސް. ކީކޭ ދެން ބުނާނީ...
މަޒްނާ
08 June 2025
ދުންފަތުގެ އިސްތިއުމާލު ކުރުމުން ވެސް ހިތުގެ ބަލިތައް ޖެހޭ.
އސއ
08 June 2025
ޑޮކްޓަރު ނުބެނޭ ތިހެނެއް.
ޑޮކް79
09 June 2025
ދުންފަތުގެ އިސްތިއުމާލު ކުރުމުން ހާރޓް އެޓެކް ޖެހުމުގެ ރިސްކް އިތުރުވޭ! އެންމެން ސިގިރޭޓް ބުއިން ހުއްޓާލުމަށް ލަފާދެން!