އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއްގައި މައުރޫފް ވާހަކަ ދައްކަވަނީ. -- ފޮޓޯ | މަޖިލިސް
18 ޖޫން 2025 - 15:55
އެމްޑީޕީއަށް ގެއްލުންވާ ފަދަ ކަމެއް ނުކުރާ ކޮންމެ މީހަކަށް އެ ޕާޓީއާ ގުޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕު (ޕީޖީ) އިން މިއަދު ބުނެފި އެވެ.
އެތެރޭގެ ހިޔާލުތަފާތުވުންތަކުގައި އެ ޕާޓީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް އުފެއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމަވައިފަ އެވެ. ޑިމޮކްރެޓްސްގެ ނޭޝަނަލް އެސެމްބްލީން އިއްޔެ ބޭއްވި ނުރަސްމީ ބައްދަލުވުމެއްގައި ވަނީ އެމަނިކުފާނުގެ އިތުރުން ޕާޓީގެ އެހެން ބައެއް މެމްބަރުން އެމްޑީޕީއާ އެކު ސިޔާސީ މަސައްކަތް ކުރަން ނިންމައިފަ އެވެ.
އެމްޑީޕީގެ ވެރިކަމުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު އުފެދުނު މައްސަލަތައް ހައްލުނުވެ، ނަޝީދު އެމްޑީޕީން ދޫކޮށްލެވި އިރު އެމަނިކުފާނު ހުންނެވީ ޕާޓީގެ ރައީސްގެ މަގާމުގަ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިން ވަނީ، ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުންތަކެއް އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުން ބަލައިގަންނާނެތޯ ސުވާލުކޮށްފަ އެވެ.
ފައްޔާޒަށް ނަޝީދާއި ޑިމޮކްރެޓްސް މެންބަރުން ދެއްވި މެންދުރުގެ ކެއުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން --
އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އެ ޕާޓީއާ ގުޅުމުގެ ފުރުސަތު އޮތް ކަމަށެވެ.
"މި ޕާޓީ [އެމްޑީޕީ]ގެ އުސޫލުތަކާއި އަސާސުތަކާ ހިލާފުނުވެ، ޕާޓީއަށް ގެއްލުންވާ ކަމެއް ނުކުރާ ކޮންމެ މީހަކަށް ވެސް ޕާޓީއާ ގުޅުމުގެ ފުރުސަތު އޮންނަން ޖެހޭނެ. އަޅުގަނޑުމެން އެ ކަމަށް މަރުހަބާ ކިޔާނަން،" މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީޖީ ގްރޫޕުން އެކަމާ ގުޅޭ މަޝްވަރާއެއް އަދި ނުކުރެ އެވެ. ޑިމޮކްރެޓްސް އެމްޑީޕީއާ ގުޅުމާ މެދު އަދި ނިންމުމެއް ވެސް ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް މިރޭ ބާއްވަން އޮތީ ނިންމައިފަ އެވެ.
އެމްޑީޕީގެ ލީޑަޝިޕާއި ގިނަ މެމްބަރުން ކުރިން ޑިމޮކްރެޓްސްއަށް ފާޑުކިއުން އަމާޒުކޮށް ބުނެފައި ވަނީ 2023 ގެ ރިޔާސީ އިންތިހާބު އެ ޕާޓީ އަށް ގެއްލުނު މައިގަނޑު ސަބަބަކީ އޭރުގެ ރައީސް އިބޫ އާއި ނަޝީދާ ދެމެދު އުފެދުނު ހަމަނުޖެހުންތަކާ އެކު، ނަޝީދު ޑިމޮކްރެޓްސް އުފައްދައި ވަކިން ކެންޑިޑޭޓަކު ނެރުމެވެ.
ޑިމޮކްރެޓްސް އަށް ޖުލައި 13، 2023 ވަނަ ދުވަހުގެ ރޭ ނަޝީދު ސޮއިކުރެއްވީ އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރު ދެއްވަމުންނެވެ. އެ ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ދެއްވި އިންޒާރުގައި ވިދާޅުވެފައި ވަނީ ކަށިކެޔޮ ގަނޑެއްހެން އެމްޑީޕީގެ ފޫ ވައް ވެއްޓިއްޖެ ކަމަށާއި އެ ޕާޓީ ރޫޅާލާއްވާނެ ކަމަށެވެ.
އެކަމަކު މި ފަހުން އެމްޑީޕީއާ އެކު މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަން ނަޝީދު ހާމަކުރައްވައި، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ވެސް ވަނީ ފާޅުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޫޅާލާނަން
19 June 2025
ރޫޅާލުމަކީ ކިހާބޮޑު ގެއްލުމެއްތޯ؟ ޕާޓީގެ ވެރިކަން ގެއްލުވާލުމަކީ ގެއްލުމެއްނޫންތޯ؟ ތިމީހުން އޯކޭވެފަ މެންބަރަކު ވިޕާ ހިލާފަށް ވޯޓުދިނުމުން އެމީހަކާމެދު ފިޔަވަޅުއެޅުން ޖަސްޓިފައިވަނީ ކިހިނެތްތޯ؟ ތި ބައިގަނޑު ބަލައިގަތުން ރަނގަޅެއްނޫން.
އަފްރާސިޔާބު
19 June 2025
މައްސަލައަކީ ނަޝީދުގެ ދަހިވެތިކަން ބޮޑުވުމާއި ފައްޔާޒުގެ އަމިއްލަ މުދާގަނޑެެއް ކަމަށްބެލި ބެލުން. އިބޫގެ ވެރިކަމާދެކޮޅުވެ ޕާޓީ ތެރޭގައި ބަޢާވާތް ކުރުމަކީ ލިބުނު ގެއްލުމެއް. ވެރިކަން ގެއްލުމަކީ ގެއްލުމަކަށް ނުވޭތޯ؟
އަކްމަލް އަލީ
19 June 2025
ބަލަގަ ކޮންހާ ވާހަކައެއް ދައްކާކަށް؟ ރައްޔިތުން އެމްޑީޕީއެއްވެސް ނަޝީދެއްވެސް ބޭނުމެއް ނުވޭ، ތީ ގައުމަށް ގެއްލުން ދިން މީހުން.
ހަސަން ނިހާމް
19 June 2025
ތީ އުވިފައި އޮތް ޕާޓީއެއް. ނެތް ޝައުގެއް
ދީދީޕީ
18 June 2025
އަޅެފަހެ މާސިންގާ ޕާރޓީއެއްގެ ގޮތުގަ އޮވެ މި ދަރަޖައަށް ވެއްޓިގަންނަން އެމްޑީޕީގެ ބޮޑުން ލަދުވެސް ނުގަންނަނީތަ؟ އިއްޔެ ގޮވިހާ ގޮވެއްޔާ ދިންހާ ކެއްސާ ވި ޣައްދާރީ މިއަދު ހަނދާން ނެތުނީކަމަކަށް ގަބޫލެއް ނުކުރެވޭ. އެހާ ދުވަހެއް ނުވޭ. އާއްމު މެމްބަރުން ދެއްކި އިހުލާސްތެރިކަމަށް ހަޖޫޖެހުމެެއް ނޫންތަ މީ؟ އެބައިގަނޑު ވަކިވެގެން ދިޔައީމަވެސް ޕާރޓީއާއި އެކު ތިބި މީހުންގެ އަނަގަ މައްޗަށް ރަތްކުޅު ޖެހުން ނޫންތަ މީ؟
ދަރުސް
18 June 2025
އަމިއްލަ އެދުމުން ފުރިފައި ތިބި ބަޔަކު ކަނުކޮށްލުމަކީ ވަރަށް ފަސޭހައިން ކުރެވޭކަމެއް. ކުރިމަތީ އޮންނަ އަލިފާންގަނޑު ފެނުގެ ސިފައިގައިފެނި އަވާމެންދުރު ފެނިފައިވާކަން ހަދާންވާނީ އަލިފާނަށް އެރުނީމާ. ޕާޓީ ނިޒާމު ގެނައުމުން ދިވެހި ރައްޔިތުންނަށް މިހާތަނަށް ފެނިގައިވަނީ މިކަން. އަދިވެސް ފެންނާނީ ހަމަ މިގޮތް. ފައިސާއިން ރައްޔިތުން ހައްލައިގެން ދޮގު މަންޒަރުތައް ދައްކަނީ ޤައުމަށް އިޚްލާޞްތެރިކަމެއް ނެތުން.
ކަޅުދިގު
18 June 2025
ޕާރޓީއަށް އެންމެ ބޮޑު ގެއްލުމެއްދިން މީހަކީ ޕާރޓީގެ އެތައްބަޔަކު އެތައް ގުރުބާނެއް ވެގެން ވެރިކަން ހޯދާދިނީމަ ހަމަބަޔަކު މުޒާހަރާކޮށް އިސްތިއުފާއަށް ގޮވާލާއިރަށް ދެބަންދިހާރަވެގެން މާމޮޅު ކަމެއް ކުރީކަމަށް ދައްކާ އިސްތިއުފާ ދިން މީހާ. ގުޅަކުޅޭ ފަސްގަޑަށް ނައިސް އާރަށުގަ ޓީވީ ބަލަން އިން ނަމަވެސް ދައުރު ނިމެންދެން ވެރިކަމުގަ ހުރެވުނީސް.
އޮށްގައު
18 June 2025
ފުރަތަމަ އެބެލީ ދުރުގަ ހުރެގެން އޮށްގައު އުކައިގެން ކަށިކެޔޮގަނޑު ރޫޅާ ލެވޭތޯއެވެ. ތިން އަހަރު މަސައްކަތްކޮށްގެން އެކަން ނުވީމާ މިހާރު އެންމެ ފަހުން އެބަލަނީ ގަހަށް އަރާ ކެޔޮގަނޑު ރޫޅާ ލެވޭތޯ އެވެ. އެމްޑީޕީގައި މުއުމިނުން ތިބިނަމަ، އެއްހަރަކުން ދެފަހަރު ކަށި ޖެހިޔަކަ ނުދޭނެކަން ކަށަވަރެވެ.
މަރުމޯލު
18 June 2025
ތިޕާރޓީ އަށް ގެއްލުން ނުދޭ ޕާރޓީގެ މެމްބަރެެއް ދައްކަބަލަ. ބޯންވާނޭ ބޮވެންވާނޭ. ކީރިތި ޤުރުއާން ނޫން ގޮތެއް ހޯދަން ވެއްޖެޔޭ ބުނާ މީހަކަށް ވުރެ ތިޕާރޓީއަށް ގެއްލުން ދިންމީހެއް ބުނެބަލަ؟
ނަގިއްޔާ
18 June 2025
ގައުމުވެސް ބޭނުމެއް ނުވޭ ތިފާޓީއެއް. ތިޕާޓީއަކާއި ހެދި ގައުމަށް ލިބުނު ފައިދާއަށްވުރެ ގެއްލުން ބޮޑީ. ޖެނެރޭޝަނެއްގެ އަޚުލާގު ގެއްލިއްޖެ! ލަދެއް ހަޔާތެއްނެއް. އެއްބަޑު މީހުން ޖެހިއްޖެ! ކެމެރާއެއް ފެނުނީމަ ލަދުން މޫނުނިޔާކުރި މީހުން މިހާރު އޭގެ ކުރިމަތީ ނާޗަރަންގީ ކުޅެނީ. އެއްޒަމާނެއްގައި އަމަން އަމާންކޮށް އޮތް ރާއްޖެ މިހާރު ފެންނަނީ އިޖުތިމާއީ ފޭރާން ވީދިފައިއޮތް ހަމަހަމަކަން ގެއްލިފައިވާ މުޖުތަމައެއްގޮތުގައި
ޢެޓޮމް
18 June 2025
ޢަންނި އަކީ އެމްޑީޕީ އަންނިއަކީ ދިވެހި ހިއްތަކުގެ ބާނީ. އެއީ މުތެއް
ސުނާރު
18 June 2025
މާނަޔަކީ އަންނި ބަލައެެއް ނުގަންނާނަމޭ. ޕާޓީ ރޫޅާލުމަށްވުރެ ބޮޑުގެއްލުމެއް އަދި އެމްޑީޕީ އަކަށް ނުލިބޭ. ވެރިކަން ވައްޓާލީމާވެސް. މުސްތަގުބަލަށް އެންމެފައިދާ ބޮޑުވާނީ އަދިވެސް ބަލާ ނުގަތުން .ދެންވެސް ޕުރައިމަރީން ބަލިވެއްޖެއްޔާ ބޮޑާހާކާ އޮޑިން ފުންމާލާނެ.