ރިޕޯޓް / މީހުން

މަސްވެރިންނާއި މަސްވެރިކަން ބިނާކޮށްދޭ "ކެޔޮޅު"

ޝާކިރު ބުނީ މީގެ ހަތަރު އަހަރު ކުރިން މަސްވެރިކަމަށް ރަޖިސްޓަރީ ކޮށްފައިވާ ދޯނީގެ އަދަދު 700 އަށް އެރި ނަމަވެސް މިހާރު އެ އަދަދު 400 އަށް ވުރެ ވެސް މަދުވެއްޖެ ކަމަށް.

އަބްދުﷲ ޝާކިރު މުހައްމަދު: މަސްވެރިކަމުގެ ދާއިރާ އިން އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ މާހިރެއް.

އޭނާ ދާ ހިފައިގެން އެން ދަމާކަށް ނުފައިބަ އެވެ. ލޯ ކުޑަކޮށް ދުރުމި އަޅައިގެން، މަސްއައިނު ހޯދާކަށް ވެސް ނޫޅެ އެވެ. ދޮށި ހިފައިގެން އައިންއައިނަކަށް ވެސް ނާރަ އެވެ. އެކަމަކު މަސްވެރިންގެ ކުރިއެރުމަށާއި ފާގަތިކަމަށް އޭނާ ނުދަމާ ދަލެއް، ނާޅާ ދުރުމިއެއް، ނުހިފާ ދޮއްޓެއް ނެތެވެ. އަމަލީ ގޮތުން މަސްވެރިކަން ނުކުރި ނަމަވެސް އަބްދުﷲ ޝާކިރު މުހައްމަދު ވަނީ، ދިވެހި މަސްވެރިން ޒަމާނަށް ހޭލައްވައިދިނުމަށް މިދިޔަ ފަންސަވީހަކަށް އަހަރު ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދީފަ އެވެ.

އެކަމަކު، މި މަސައްކަތުގެ ތެރެއަށް އޭނާ ވެއްދީ ވެސް، މަސްވެރިކަމަށް އޮތް ޝައުގެއް ނޫނެވެ. ސްކޫލް ނިންމުމަށް ފަހު ގުޅުނީ ނޮވެލްޓީއާ އެވެ. ކުރީ ފަރުމާ އާއި ލޭއައުޓުގެ މަސައްކަތެވެ. ރަނގަޅު މުސާރައެއް ވެސް ލިބެ އެވެ. އެކަމަކު ބޭރުން ކިޔެވުމުގެ ފުރުސަތެއް ލިބެން އޮތީ ސަރުކާރަށް ވަދެގެންނެވެ. ދައުލަތުގެ އޮފީހެއްގައި އޭނާ މަސައްކަތް ކުރުމަކީ ބައްޕަ ވެސް ބޭނުންވާ ގޮތެވެ. އެހެންވެ އޭރު ވަޒީފާއެއް ލިބެން އޮތް ފިޝަރީޒް މިނިސްޓްރީއާ ގުޅުނެވެ.

ޝާކިރަށް ގޮސް ވަދެވުނީ އެ މިނިސްޓްރީގެ، ކިޔަވައިދިނުމާއި ހޭލުންތެރިކުރުވުމާ ބެހޭ ބަޔަށެވެ. އެއީ މަސްވެރިކަމުގެ ރޮނގުން ޕީއެޗްޑީ ހާސިލް ކުރައްވައިގެން މަރްހޫމާ ޑރ. ފާތިން ހަމީދު ވެސް އެ މިނިސްޓްރީއާ ގުޅިވަޑައިގެންނެވި ދުވަސްވަރެވެ. ޝާކިރަކީ ފަރުމާ އާއި ލޭއައުޓުގެ މަސައްކަތް ދަންނަ އަދި ދިވެއްސާއި އިނގިރޭސި ބަހުން ވެސް ލިޔާ މީހަކަށް ވުމުން، އޭނާގެ ބޭނުން ފާތިން ވަރަށް ބޮޑަށް ހިއްޕެވި އެވެ. އެންމެ ފުރަތަމަ ހަވާލުކުރެއްވީ، މަސްވެރިންނަށް ހިންގާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކަށް ބޭނުންވާ މެޓީރިއަލް ތައްޔާރުކުރުމާއި ބައެއް ޕްރޮގްރާމްތައް ވިލަރެސް ކުރުމެވެ.

"އެއީ މި ކަމަށް ލޯބި ޖެހުނު ހިސާބަކީ،" ޝާކިރު ބުންޏެވެ.

"ވަރަށް ގިނަ ރަށްރަށަށް ދަތުރުކޮށް، ވަރަށް ގިނަ މަސްވެރިންނަށް އެހީތެރިވުމުގެ ފުރުސަތު ލިބުނު އެ ހިސާބުން."

ސްކޫލެއްގައި ހިންގި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއްގައި ޝާކިރު ސެޝަނެއް ނަގައިދެނީ.

އެންމެ ފުރަތަމަ ހިންގީ ބޮޑަށް ޓެކްނިކަލް ޕްރޮގްރާމްތަކެވެ. އިންޖީނަށް ދިމާވާ ކުދިކުދި މައްސަލަތަކަށް އެ ދޯންޏެއްގެ ތެރެއިން ހައްލުހޯދާނެ ގޮތް ކިޔަވައިދިނުމަށްޓަކައި ޓެކްނިކަލް މީހުން ގޮވައިގެން ޝާކިރު ވަރަށް ގިނަ ރަށްރަށަށް ދަތުރުކުރި އެވެ.

އެއީ ރާއްޖެ އަށް ޒަމާނީ މަސްވެރިކަން ތައާރަފުވަމުން އައި ދުވަސްވަރުކަމުން، މަސްވެރިނާއި އޮޑިވެރިން ތިބީ އެ ބަދަލާ އެކު އެނގެން ޖެހޭ ކަންކަމަށް ވެސް ފެންބޮވައިގެންފަ އެވެ. އެފަދަ ކަންކަން ނޭނގި ކުރެވޭ ކަންކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތައް ވެސް ދިޔައީ ލިބެމުންނެވެ.

"އޭރުގެ ވިސްނުމަކީ ދޯންޏެއް ބަނދެފައި ވީހާ ވެސް ބޮޑު އިންޖީނެއް އެޅީމައޭ ބާރަށް ދުވާނީ. އެކަމަކު ހަގީގަތަކީ އެންމެ އެފިޝެންޓް ވާނީ ދޯންޏެއްގެ ބައްޓަމާ ސައިޒަށް ބަލާފައި އެންމެ އެކަށޭނަ އިންޖީނެއް އަޅައިގެންކަން. އެއީ ވެސް އޭރު ދޭން ޖެހުނު މައުލޫމާތު،" ޝާކިރު ބުންޏެވެ.

އަނެއް ކަމަކީ މަސްދޯނި ފަހަރުގައި ތާޒާކޮށް މަސް ބަލަހައްޓަން ދަސްކޮށްދިނުމެވެ. މަސްވެރިންނަކީ އިހުގައި ނަމަ އެ ދުވަހު ގޮސްފައި އެ ދުވަހު އެނބުރި އަންނަ ބަޔެކެވެ. ބާނާމަސްކޮޅު ހުންނާނީ ތައްޓުމަތީގައި، ރޯއަވީގަ އެވެ. ރަށާ ހަމަޔަށް ފޯރާއިރު އޭގެ ތާޒާކަން ހުންނާނީ ވަރަށް ބޮޑަށް ގެއްލިފަ އެވެ. އެހެންވެ އަމުދުން އަތޮޅު ބޭރަށް ބައެއް ދޯނި ފަހަރުން އޭރު މިސްރާބު ޖަހާފައިވާތީވެ، ރައްކާތެރިކަމާ އެކު މަސް ބަހައްޓާނެ ގޮތް ދަސްކޮށްދިނުން އެއީ ވެސް އަގުހުރި ކަމަކަށްވި އެވެ.

މަސްވެރިންނަށް ހިންގި ތަމްރީން ޕްރޮގްރާމެއްގައި ޝާކިރު ކިޔަވައިދެނީ.

އެކަމަކު، މިއަދު ވެސް ޝާކިރު އެންމެ ފަހުރުވެރިވާ އެއް ޕްރޮގްރާމަކީ، މަސްވެރިންގެ ކިބައިގައި ވިޔަފާރީގެ ވިސްނުން އަށަގަންނަވަވަން ކުރިއަށް ގެންދިޔަ ތަމްރީނެވެ. ގިނަ ދިވެހި މަސްވެރިންނަކީ އެ ދުވަހު ލިބޭ އެއްޗަކުން އެ ދުވަހެއްގެ ހަރަދުބަރަދު ހަމަޖައްސަމުން އައި ބައެކެވެ. ފަހަށް ރައްކާކުރުމެއް ނެތެވެ. އޮޑިވެރިންގެ ކިބައިގައި ވެސް ހިސާބު ބެލެހެއްޓުމާއި ވިޔަފާރިއެއްގެ ގޮތުގައި މިކަން ތަރައްގީ ކުރުމުގެ ވިސްނުމެއް ނެތެވެ.

"އެކަން ބަދަލުކުރުމަށްޓަކައި އަޅުގަނޑުމެން ތައްޔާރުކުރީ ކުދި ވިޔަފާރީގެ މާލިއްޔަތު ބަލަހައްޓާނެ ގޮތް ދަސްކޮށްދޭ ޕްރޮގްރާމެއް،" ޕްރޮގްރާމް ތައްޔާރުކުރުމުގެ އިތުރުން، ބައެއް ބައިތައް ކިޔަވައިދިނުމުގައި ވެސް އިސްކޮށް އުޅުނު ޝާކިރު ބުންޏެވެ.

"ވަރަށް ގިނަ މަސްވެރިން ބަލައިގަތް އެ ތަމްރީނުތައް."

އޭރު ޝާކިރު އުއްމީދުކޮށްގެން ހުރީ ރާއްޖޭން ބޭރުން ކިޔަވައިގެން މި މަސައްކަތް އިތުރަށް ރަނގަޅަށް ކުރިއަށް ގެންދާށެވެ. އެކަމަކު، ސްކޮލަޝިޕެއްގެ ޔަގީންކަން ދިނުމަށް ފަހު ވެސް އެ ފުރުސަތު ނުލިބުމުން، މާޔޫސްވެ އޭނާ އެހެން ދިމާލަކަށް ވަޒީފާ ބަދަލުކުރި އެވެ. އަމިއްލަ މީހެއްގެ ވިޔަފާރީގެ މަސައްކަތުގައި ދުވަސްކޮޅަކު އުޅުމަށް ފަހު، އުރީދު އާއި "ރާއްޖެ" ނޫހުގައި ވެސް މަސައްކަތް ކުރުމަށް ފަހު ޝާކިރަށް އަނެއްކާ ވެސް ވަދެވުނީ މަސްވެރިކަމުގެ ތެރެއަށެވެ.

މަސްވެރިކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ޝާކިރު (ކ) ރޭޑިއޯ ޕްރޮގްރާމެއްގައި ބައިވެރިވަނީ.

އޭނާ އަށް ވަޒީފާ ލިބުނީ، ސުނާމީ އަށް ފަހު މަސްވެރިކަން އަލުން އިއާދަކުރުމަށްޓަކައި، އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމެންޓް (އިފާޑް) އިން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓަކުންނެވެ. މި ފަހަރު ވެސް އޭނާ އަށް ކުރަން ޖެހުނު މައިގަނޑު ސައްކަތަކީ ރަށްރަށަށް ދަތުރުކޮށް ޕްރޮގްރާމްތައް ހިންގުމެވެ. އޭގެ ތެރޭގައި މަސްވެރިކަމުގެ ވިޔަފާރިތައް ކުރިއަރުވާނެ ގޮތާއި މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީތައް އުފައްދާނެ ގޮތާ ގުޅޭ ތަމްރީންތައް ހިމެނެ އެވެ.

އެ ޕްރޮޖެކްޓް ނިމުމާ އެކު، ޝާކިރަށް ދެން ދައުވަތު ލިބުނީ، މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަނުންނެވެ. އެ ޖަމިއްޔާ އިން އޭރު ކުރަމުންދިޔައީ ސަރުކާރަށް ބޭނުންވާ ފަންނީ ލަފާ އާއި މައުލޫމާތު ދިނުން ފަދަ ކޮންސަލްޓަންސީ މަސައްކަތެވެ. މަސްވެރިންނާއި މަސްވެރި މުޖުތަމައުއާ ގުޅުމެއް ނެތެވެ. އެހެންވެ ގްރާސްރޫޓް ފެންވަރުގައި ޖަމިއްޔާ އަލުން ހަރަކާތްތެރި ކުރުވާނެ މީހަކު ހޯދަން ބެލިއިރު، ޖަމިއްޔާގެ އެއް މުއައްސިސް މައިޒާން އަހުމަދު މަނިކުގެ ރާޑަރަށް އެރީ ޝާކިރެވެ.

އެ ހިސާބުން އެ ދައުވަތު ގަބޫލުކޮށް ފިޝަމަންސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ ހައިސިއްޔަތުން ޝާކިރު މަސައްކަތް ފެށި އެވެ. އޭނާގެ މައިގަނޑު އެއް އަމާޒަކަށްވީ ޒުވާނުންގެ ޝައުގުވެރިކަން މަސްވެރިކަމަށް ހޯދައިދިނުމެވެ. އޭރު މަސްވެރިންގެ އުމުރުމަތިވެފައިވާތީވެ، މި މަސައްކަތް ދިރިއޮންނާނީ ޒުވާނުން ވަދެގެން ކަމަށް ޝާކިރަށް ގަބޫލުކުރެވުނެވެ.

"އަޅުގަނޑު ފިޝަރީޒްގައި އުޅުނުއިރު ވެސް، ފާތިންގެ ވިސްނުންފުޅާ އެކު، ކުރި އެންމެ މުހިއްމު އެއް މަސައްކަތަކީ ޒުވާނުން މިކަމުގެ ތެރެއަށް ވެއްދުން،" ޝާކިރު ބުންޏެވެ.

ޝާކިރު ގަބޫލުކުރި ގޮތުގައި މަސްވެރިކަމަށް ޒުވާނުންގެ ޝައުގު ޖެއްސޭނީ، މި ދާއިރާގެ އެކިއެކި ފުރުސަތުތައް ދަރިވަރުންނަށް އަންގައިދީގެންނެވެ. މަސްވެރިކަމަކީ ހަމައެކަނި ދޮށީގައި ހިފުން ނޫން ކަމަށާއި މެރިން ބަޔޮލޮޖީ އާއި މާކެޓިން އާއި އިންޖިނިއަރިން އާއި މަހުން ތަފާތު ބާވާތްތައް އުފެއްދުމަކީ ވެސް އޮތް ފުރުސަތުތަކެއްކަން ވިސްނައިދީގެންނެވެ.

ސްކޫލެއްގައި ހިންގި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއްގައި ޝާކިރު ސެޝަނެއް ނަގައިދެނީ.

"އެހެންވެ ފިޝަމެންސް އެސޯސިއޭޝަންގެ ތެރެއިން އަޅުގަނޑުމެން ރޭވީ މަސްވެރިކަމަކީ ޕްރޮފެޝަނަލް ލެވެލެއްގައި ކުރާ މަސައްކަތެއްގެ ގޮތުގައި ތަރައްގީކުރަން،" ޝާކިރު ބުންޏެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ވިސްނިފައި އޮންނަނީ މަސްވެރިކަމަކީ، ނުކިޔަވާ މީހުން ކުރާ މަސައްކަތެއްގެ ގޮތުގަ އެވެ. ޝާކިރު ގަބޫލުކުރި ގޮތުގައި އޭގެ އެއް ސަބަބަކީ އެހެން ޕްރޮފެޝަނަލް މަސައްކަތްތަކާ ގުޅޭ ކޯސްތައް އޮވެފައި، އެފަދަ ކޯސްތައް ނިންމުމުން އެ ދައްކާ ކުލަ، މަސްވެރިކަމުގައި ނުފެނުނެވެ. އެހެންވެ މަސްވެރިކަމާ ގުޅޭ ސެޓްފިކެޓް ލެވެލްގެ ކޯސްތަކެއް ފަރުމާކޮށް، މިއީ ވެސް ކިޔަވައިގެން ކުރެވިދާނެ ކަމެއްކަން އަންގައިދޭން ޝާކިރު އިސްވެ ހުރެ، ޖަމިއްޔާ އިން މަސައްކަތް ފެށި އެވެ.

އެގޮތުން އެންމެ ފުރަތަމަ އެކުލަވައިލީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ ފެންވަރުގެ، ސެޓްފިކެޓް ލެވެލް ހަތަރެއްގެ މުގައްރަރެކެވެ. އެ ކޯހުގައި، މަސްވެރިކަމުގެ އަސާސީ ހުނަރުތަކުގެ އިތުރުން ހިއުމަން ރިސޯސަސް މެނޭޖް ކުރާނެ ގޮތްތަކާއި ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތްކުރާނެ ގޮތާއި ވިޔަފާރީގެ ބައިތައް ވެސް ހިމެނި އެވެ. ޕައިލޮޓް ޕްރޮޖެކްޓެއްގެ ގޮތުގައި، ހަތް މީހުން ގެނެސް އެ ކޯސް ހިންގި އެވެ.

"ވަރަށް ކާމިޔާބު ކޯހެއް އެއީ. އެ ކޯސް ފުރިހަމަކުރި ކުދިން މިހާރު އެންމެ ޓޮޕް ލެވެލްގައި ތިބީ. ބައެއް ކުދިންގެ އަމިއްލަ ދޯނިފަހަރު ވެސް އެބަހުރި،" ޝާކިރު ފަހުރުވެރިކަމާ އެކު ބުނެލި އެވެ.

ފިޝަމަންސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ ހައިސިއްޔަތުން ޝާކިރު (މ) ބައްދަލުވުމެއްގެ ރިޔާސަތުގައި.

ކޯސް ފުރިހަމަކުރުމަށް މަސައްކަތުން ވީއްލިގެން ތިބޭ ކޮންމެ ދުވަހަކީ އާމްދަނީ ގެއްލޭނެ ދުވަހެއް ކަމުން، އެ ފަހަރު ކޯސް ކުރިއަށް ގެންދިޔައީ ބައިވެރިންނަށް އެލަވަންސެއް ވެސް ދީގެންނެވެ. އެގޮތަށް އަބަދު ކޯސް ހިންގުމަކީ ޖަމިއްޔާ އަށް ކުރެވޭނެ ކަމަކަށް ނުވާތީވެ، އެ ކޯސް ގައުމީ ޔުނިވާސިޓީ ނުވަތަ ޕޮލިޓެކްނިކުގެ ތެރެއިން ހިންގަން މަޝްވަރާ ކުރި އެވެ. އެކަމަކު މިހާތަނަށް އެކަމަށް މާބޮޑު އަމަލީ ސިފައެއް އައިސްފައެއް ނުވެ އެވެ.

މަސްވެރިންނަށް، އެ ބަޔެއްގެ ރަށުގައި ތިބެގެން މިފަދަ ބައެއް ތަމްރީނު ހެދޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން، ޖަމިއްޔާ އިން ވަނީ ލ. ގަމުގައި ފިޝަމަންސް ކޮމިއުނިޓީ ސެންޓަރެއް ހުޅުވައިފަ އެވެ. އެ ސެންޓަރާ އެކު، ޝާކިރު އިސްވެ ހުރެ މަސްވެރިންގެ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ޕްރޮގްރާމްތަކެއް ވެސް ޖަމިއްޔާ އިން ހިންގި އެވެ. ޝާކިރު ގަބޫލުކުރި ގޮތުގައި އެއީ ވަރަށް ބޮޑަށް އަޅާނުލެވި އޮތް، އެކަމަކު ކޮންމެހެން ވެސް ސަމާލުކަން ބޭނުންވެފައި އޮތް ކަމެކެވެ.

"ވަރަށް ގިނަ ދުވަހު މަސްވެރިކަމުގައި އުޅެފައި، އުމުރުން 70، 80 އަހަރުގައި ދޯނިން ފައިބާއިރު މި ހުންނަނީ ވަރަށް ބޮޑަށް އެކަނިވެރިވެފައި. ދެން ސިއްހީ ގޮތުން ވެސް އޭނާއަކަށް މާ ބޮޑަކަށް ކަންތައްތަކަށް ސަމާލުކަމެއް ނުދެވޭ. އެހެންވީމާ އެފަދަ ބޭފުޅުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހަރަކާތްތަކެއް ވެސް އަޅުގަނޑުމެން ހިންގިން،" ޝާކިރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެފަދަ ވަރަށް ގިނަ ކަންކަމަށް ޖަމިއްޔާ އިން އިސް ނެގި އެވެ. އެކަމަކު ފައިސާގެ ދަތިކަމާ ހެދި ކުރިއަށް ނުގެންދެވެނީ އެވެ.

މަސްވެރިކަމާ ގުޅޭ ތަމްރީން ޕްރޮގްރާމެއްގައި ޝާކިރު ކިޔަވައިދެނީ.

"އެހެން ނަމަވެސް މަސްވެރިކަމުގެ ދާއިރާއިން ހޭލުންތެރިކުރަން ހިންގުނު ޕްރޮގްރާމްތައް ހަމަ ވަރަށް ކާމިޔާބު،" ޝާކިރު ބުންޏެވެ.

މިހާރު ޝާކިރުގެ މައިގަނޑު މަސައްކަތަކީ ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމާއި މި މަސައްކަތުގެ ނަފާ އެންމެ އާދައިގެ މީހާ އަށް ވެސް ލިބޭކަން ކަށަވަރު ކޮށްދިނުމެވެ. ސްވިޒަލެންޑުގެ "ބްލޫ ޔޫ" ގެ ކޮންސަލްޓަންޓެއްގެ ގޮތުން އޭނާ އަންނަނީ "ފެއާ ޓްރޭޑް" ސެޓިފިކޭޝަން ދިވެހި މަސްވެރިންނަށް ހޯދައިދޭން މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ. މި ސެޓިފިކޭޝަނުގެ ލޭބަލް ޖެހި ކޮންމެ އުފެއްދުމަކަށް ޔޫރަޕުގައި ކަސްޓަމަރުންނަށް އިތުރު އަގެއް ދައްކާއިރު، އެ އިން ބައެއް، މަސްވެރި ޖަމިއްޔާތަކަށް ލިބެ އެވެ. އެގޮތަށް ލިބޭ ފައިސާގެ އެހީގައި ޖަމިއްޔާތަކުން އަންނަނީ ރަށްރަށުގެ އިޖުތިމާއީ ކަންކަމަށް ހޭދަކުރަމުންނެވެ.

"މިއީ ވަރަށް ބޮޑަށް ކޮމިއުނިޓީއާ ގުޅިފައި އޮންނަ ސެޓިފިކޭޝަނެއް،" ޝާކިރު ބުންޏެވެ.

"ވަރަށް ފާހަގަކުރަން އެއް ޖަމިއްޔާއަކުން އެ ރަށުގެ ބަނދަރުގައި ހުރިހާ ދޯންޏަކަށް ފެން ނެގޭނެހެން އިސްކުރުބަރިއެއް ހަރުކޮށްދީފި މިގޮތަށް ލިބުނު ފައިސާއިން. އެހެން ރަށެއްގައި، މިކުރި ކަމަކީ ސްކޫލުގައި ރީޑިން ޕާކެއް ހަދައިދިނީ. އަނެއްބައި ސްކޫލްތަކުގަައި ސްމާޓް ޓީވީ ބަހައްޓައިދޭ އެބަ."

ފިޝަމަންސް އެސޯސިއޭޝަނުގެ އަހަރީ އާއްމު ޖަލްސާގައި ޝާކިރު ވާހަކަދައްކަނީ.

މިފަދަ ކަންކަން ދައްކުވައިދެނީ ދިވެހި މަސްވެރިިކަމަށް އައި ތަރައްގީ އެވެ. އެ އިން އެއްވެސް ކަމެއްގެ ކްރެޑިޓެއް ނަގަން ނޫން ކަމަށް ވިޔަސް، ޝާކިރު ދެކޭ ގޮތުގައި މިއީ، މިދިޔަ އަހަރުތަކުގައި މިނިސްޓްރީންނާއި ޖަމިއްޔާތަކުން ކުރި މަސައްކަތްތަކުގެ ފޮނި ނަތީޖާ އެވެ. މިކަމުގައި ހިއްސާވެވުނީތީ ޝާކިރު މިއަދު ވަރަށް ފަހުރުވެރިވެ އެވެ.

ނަމަވެސް، އޭނާ ދެކޭ ގޮތުގައި އަދި މަސައްކަތް އޮތީ ކުރިއަށެވެ. ސަބަބަކީ ސިޔާސީ ގޮތުން ލިބޭ ވަޒީފާތަކާ އެކު، މަސްވެރިކަން ފަދަ މަސައްކަތްކުރާނެ މީހުން މަދުވަމުންދާކަން ފާހަގަކުރެވުމެވެ.

"އަޅުގަނޑުމެން ހަމަ ހައިރާންވޭ، މީގެ ހަތަރު އަހަރު ކުރިން މަސްވެރިކަމަށް ރެޖިސްޓާޑް ދޯނީގެ އަދަދަކީ ގާތްގަނޑަކަށް 700. މިހާރު އެ އަދަދު 400 އަށް ވުރެ ވެސް މަދުވެއްޖެ. މި މަދުވީ ގާތްގަނޑަކަށް 50 ޕަސެންޓެއް ނޫންތޯ؟ ހަމަ މަހަށް ދާނެ މީހުން ނުވެގެން،" ޝާކިރު ބުންޏެވެ.

ދެން އޮތް އަނެއް ކަމަކީ، އުފެއްދުންތެރިކަން އިތުރުކުރުމެވެ. ޝާކިރު ދެކޭ ގޮތުގައި މަސްދޯނިފަހަރު ތަރައްގީވީ ވަރާ ބަލާފައި، އުފެއްދުންތެރިކަމެއް ތަރައްގީއެއް ނުވެ އެވެ. މަހުން ތަކެތި އުފެއްދުން ވެސް އޮތީ އެ އޮތް ހިސާބެއްގައި ހުއްޓިފަ އެވެ.

ސްކޫލެއްގައި ހިންގި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއްގައި ޝާކިރު ސެޝަނެއް ނަގައިދެނީ.

"ވަރަށް ދެކެން ބޭނުންވޭ އަޅުގަނޑުމެންގެ ޕްރޮސެސިން އިންޑަސްޓްރީ އިތުރަށް ތަރައްގީ ވެގެން، ކުރިއަރައިގެން ގޮސް ކޮމިއުނިޓީ ލެވެލްގައި ވެސް ބައިވެރިވުން އިތުރުވެގެންދާނެ ދުވަހެއް."

އޭނާ ދެކޭ ގޮތުގައި އެކަން ވާނީ އިންޑަސްޓްރީގެ އެންމެން ވަރަށް ބޮޑަށް ގުޅިގެން މަސައްކަތްތަކެއް ކޮށްގެންނެވެ. އެއްބަޔަކު އަނެއް ބަޔަކަށް ވާދަކުރުމުގެ ބަދަލުގައި މުޅި ރާއްޖޭގެ އިންޑަސްޓްރީ ތަރައްގީކުރަން މަސައްކަތްކުރާ ބަޔަކަށް ވާން ޖެހޭ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

އެކަމަށް ބޭނުންވާ ކޮންމެ އެހީތެރިކަމެއް ވެދޭން ޝާކިރު ހުރީ ތައްޔާރަށެވެ. ހާއްސަކޮށް އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގަ އެވެ.

"އަޅުގަނޑު ހަމަ އިރާދަކުރެއްވިއްޔާ މަސްވެރިންގެ ކަމެއްގައި ވިއްޔާ އަދިވެސް ހުންނާނަން. ވީހާ ދުވަހެއް މިވީ މި މަަސައްކަތުގައި. މަސްވެރިން އެހީތެރިކަން ބޭނުންވާ ކަންކަމުގައި އަޅުގަނޑުގެ އެހީތެރިކަން ލިބޭނެ،"

9 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 75%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަނީލް

20 June 2025

ވަރަށް ދީންވެރި އަޚްލާޤު ރަނގަޅު ކުއްޖެއް.

The name is already taken The name is available. Register?

ކަރަބުލާކި

20 June 2025

ފިޝަރީޒް މިނިސްޓްރީމީހާވެސް މިބުނަނީ ދޯނިފަހަރު މަދުވެއްޖެއޭ، ޕްރޮސެސިން ނެތޭ، އެކަން ރަނގަޅުވާތަން ދެކޭހިއްވެއޭ. އެހެންވީމަ ތިޔަ މިނިސްޓްރީން ކުރާކަމަކީ ދެކެން ބޭނުންވުންތާ.

The name is already taken The name is available. Register?

ޖުހާބެ

20 June 2025

އަދި ކިޔާލަބަލަ މިހާރު އެއީ ފިޝަރީޒް މިނިސްޓްރީ މީހެއްތޯ؟ ދޭހައިން ކަރަބުލާކި ފާސްނުވޭ

The name is already taken The name is available. Register?

ދަގަތްފާނު

20 June 2025

އޭނަގެ ވާހަކަ އެހެން ހުއްޓަސް ރަށްރަށު މަސްވެރިންނެއް ނޫޅޭ ކޮންމެހެނަކުން އިންޖީނު އަޅާނެގޮތާއި ފައިސާ ގެންގުޅެންވީގޮތް ނޭގިގެނެއް. ތިޔަހެން މާލޭގަ ރަށުތެރޭ ކުލީވިޔަފާރިއަށް ވަޒީފާ އުފައްދަން ޒާތްޒާތު ނަންނަމުގަ ހަދާފަހުންނަ އޮފިސްތަކުން ގުރޫޕު ހަދައިގެން ރަށްރަށަށް ގޮސް ސަކަރާތްޖެހުން ހުއްޓުވަންޖެހޭ.

The name is already taken The name is available. Register?

މުޑަހަންޖާ

20 June 2025

ތިގޮތަށް "ކ.މާލެއިން ޓީމެއް" ވަޑައިގެން މަދިރިއަށް ހޭލުންތެރިކުރުމުގެ ޕުރޮގުރާމުވެސް ހިންގިއެއްނޫންތޯ. އޭގައި މަދިރިއެއްގެ ފޮޓޯ ދައްކާފަ މަދިރި ހުންނަގޮތް ދައްކަނީ، ދައްކާއިރުވެސް ގައިގަ ދިހަބާރަ މަދިރި ހަފާފަ ހުރޭ. އެވެސް ރައްޔިތުން ވަރަށް ބަލައިގަތް ޕުރޮގުރާމެއްނޫންތޯ.

The name is already taken The name is available. Register?

ދުރުމި

20 June 2025

މީގެ 4 އަހަރު ކުރިން ހުރި އުޅަނދު މިހާރު 50% މަދުވީ މޑޕ އަށް އިކޮނޮމިކްސް ނޭގޭތީ މަސްވެރި ކަމުގައި އުޅެ އަމިއްލަ ވިޔަފާރި ކުރަމުން ދިޔަ މީހުން ތަކަކަށް ފެނަކައާއި ރޑސ ފަދަ ތަންތުން 10ވަރަކަށް ހާސް މުސާރައެްއް ދީފައި ސިޔާސީ ބޭނުމަށް ގައުމުގެ އިގްތިޞާދު ހަލާކުކޮށްލީ

The name is already taken The name is available. Register?

އެހެންތޭ

20 June 2025

މަސްވެރިކަން ކުރިއެރުމަކީ އެއީ ބޮޑު ދޯންޏެއްގައި ގޮސް އެން ދަމައިގެން މަސްވެރިކަން ކުރުމެއް ނޫނޭ ހަމައެކަނި މިރާއްޖޭގެ މަސްވެރިކަމަށް ދިމާވެގެން އުޅޭ އަސާސީ ކަމަކީ މަަސްވެރިން ބާނާ މަސް އޮޑިވެރި ފަރާތުން ފެކްޓަރީ ހަދައިގެން މަސްގަނެގެން އެމަސް އޭނާގެ ފެކްޓަރީން ވިއްކޭނެ ގޮތް ހެދިފައި ނެތުމޭ މިކަން ކުރަންވީ ދެން އަނެއް ކޮޅުން ޓޫނާ ބްރީޑިންގް ފެކްޓަރީސް ތައް ހަދާ ރޮބަޓްސްގެ އެހީގައި މަސްބާނާށޭ އޮފްޝޯ ފެކްޓަރީ ތަކުން މަސްވެރިކަން ކުރިނާރައޭ

The name is already taken The name is available. Register?

މުދިމް1

20 June 2025

އަބަދު މިސްކިތުން ފެންނަ ހެޔޮ ލަފާ ބޭފުޅެއް. މަސައްކަތުގައި ބަރަކާތްލައްވާށި!

The name is already taken The name is available. Register?

އެއީ

20 June 2025

ޕޮލިޓެކްނިކަށް ނުވާނެ އެއްކަމެއްވެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454