ޕާކިސްތާނުގެ އަސްކަރިއްޔާގެ އެންމެ މަތީވެރިޔާ އާސިމް މުނީރާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓްހައުސްގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން: ޓްރަމްޕްގެ ނަން ނޯބަލް ޕީސް އެވޯޑަށް ނޮމިނޭޓް ކުރުމަށް ޕާކިސްތާނުން ވަނީ ނިންމާފަ
22 ޖޫން 2025 - 23:25
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނޮބެލް ސުލްހައިގެ އިނާމު ދޭން ޕާކިސްތާނުން ހުށަހަޅާނެ ކަމަށް އިއުލާން ކުރުމުން އެ ގައުމުގެ ސަރުކާރާއި އަސްކަރިއްޔާއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިދިޔަ މަހު ފަހުކޮޅު ބަދަލުކުރި ހަމަލާތައް ހުއްޓުވުމުގައި ޓްރަމްޕް އަދާކުރެއްވި ދައުރު ފާހަގަކޮށް އޭނާގެ ނަން ނޮބެލް އިނާމަށް، ޕާކިސްތާނުން ނޮމިނޭޓް ކުރާނެ ކަމަށް އެ ގައުމުންގެ ސަރުކާރުން އިއުލާން ކުރީ އިއްޔެ އެވެ.
މިއަދު އެމެރިކާއިން ވަނީ ޕާކިސްތާނުގެ އަވައްޓެރި އިރާނުގެ ނިއުކްލިއާ ތިން މަރުކަޒަކަށް ހަމަލާ ދީ މަސްރަހު އިތުރަށް ގޯސް ކުރުވާފަ އެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ އާސިމް މުނީރު ވަނީ އެމެރިކާ އަށް ވަޑައިގެން މިދިޔަ ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި ޓްރަމްޕާ ބައްދަލު ކުރައްވާފަ އެވެ.
ހުކުރު ދުވަހު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ އެމެރިކާގެ ދިފާއީ ވަޒީރު މާކޯ ރޫބިޔޯއާ އެކު ފޯނު މެދުވެރިކޮށް މަޝްވަރާތަކެއް ކުރިއަށްގެންދަވާފަ އެވެ. ޕާކިސްތާނުގެ ބޮޑުވަޒީރުގެ އޮފީހުން ބުނީ ޓްރަމްޕާއި އާސިމް މުނީރުގެ މަޝްވަރާތަކާ މެދު ހިތްހަމަޖެހިވަޑައިގަންނަވާކަން ރޫބިޔޯ އަރިހުގައި ޝެހެބާޒް ވިދާޅުވި ކަމަށެވެ.
އާސިމް މުނީރަކީ، އަސްކަރީ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނަވައި އެމެރިކާގެ ރައީސަކާ ބައްދަލު ކުރެއްވި ޕާކިސްތާނުގެ ފުރަތަމަ ޖެނަރަލެވެ. އެ "ހާއްސަ ޝަރަފު" ޓްރަމްޕް ވަނީ ބުރާސްފަތި ދުވަހު އޭނާ އަށް ދެއްވާފަ އެވެ.
ޕާކިސްތާނުގެ ވެރިކަމުގެ ނިންމުންތަކުގައި އެ ގައުމުގެ އަސްކަރިއްޔާގެ ނުފޫޒު އޮންނަ ކަމަށް އަސްކަރިއްޔާ އަށް އަބަދުވެސް ތުހުމަތު އަމާޒު ވެ އެވެ. އާސިމް މުނީރު އެނބުރި ޕާކިސްތާނަށް ވަޑައިގަތް ފަހުން އެ ގައުމުގެ ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ ނޮބެލް އިނާމު ކޮމިޓީ އަށް ޓްރަމްޕްގެ ނަން ޕާކިސްތާނުގެ ސަރުކާރުން ނޮމިނޭޓް ކުރާނެ ކަމަށެވެ.
ޕާކިސްތާނުގެ ނިންމުމަށް އެ ގައުމުގެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ނޮބެލް ޕީސް އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ސަރުކާރަކަށް ވެސް އަމިއްލަ ފަރުދަކަށް ވެސް އަދި ވަކިން ހިންގާ ޖަމާއަތަކަށް ވެސް އޮވެ އެވެ.
އެ ނޮމިނޭޝަންތައް ހުށަހަޅަން ޖެހޭނީ ނޯވޭގައި ހިންގާ ނޮބެލް އެވޯޑް ކޮމިޓީއަށެވެ.
ނޮބެލް އިނާމަކީ ދުނިޔޭގައި ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުރަބީބުރުމާދު
23 June 2025
މުސްލިމުން މި ތިބެނީ އަޅެ ފަހެ ކިޔެއްވެފައިތަ؟!
މެލޭސިޔާ ހުސޭނު
23 June 2025
އަޅެފަހެ ރޯނާ ވެފަތަ އިސްލާމީ ގައުމުތައް މިތިބެނީ. ޑޮަލަރު ކޮޅަކަށް ވިކިހުސްވެފަ
ޖަލީލީ
23 June 2025
ގައްޒާގެ ގަތުލު އާންމު ހުއްޓުވަން ފުލުފުލުން އދ އަށް ހުށަހެޅި ގަރާރުތަށް ޓްރަމްޕްގެ ސަރުކާރުން ވީޓޯ ނުކުރާތީތޯ. މިނިވަން މުސްތަގިއްލު ޔަމަނާއި އިރާނަށް އުދުވާނީ ހަމަލާ ޓްރަމްގެ ސަރުކާރުން ނުދޭތީތޯ ޓްރަމްޕަށް ތިޔަ މަގާމް ހައްގުވަނީ. ޓްރަމްޕަކީ މުސްލިމުންގެ ލެއިން ތަތްތެޅިފަ ހުރި މީހެއް. ދިނީމަ ދެވިދާނެ ކޮންމެ އެއްޗެއްވެސް. ޕާކިސްތާނު މިކަމުގަ އިސްކޮށް އުޅޭތީ ލަދު ދެން.
ކޮން
23 June 2025
މަ ރުޅިއަރުވަނެ ނޫޅޭ އިނގޭ
ފސދ
23 June 2025
ދެން ފެންނާނީ ތިސޮރު މުޝައްރަފު ހެދިގަންނަ ތަން.
ލާމަސީލު
23 June 2025
ޕާކިސްތާންގެ ޖެނެރަލުންނަކީ އަބަދުވެސް ވެރިކަމަށް ދަހިވެތި ވެފައިވާ ބައެއް. އިރާނަށް އެއްވެސް ކަމަކާ ނުލާ ބޮންއަޅައި އެތަކެއް މުސްލިމުންނެއް މަރަމުންދާއިރު އޭނާޔަށް ނޮބެލް ސުލަހައިގެ އިނާމް ދިނުމަކީ ޕާކިސްތާނުންނދުނިޔޭގެ މުސްލިމުންގެ ކަންކަށިމަތީގައި ތަފާލެއް ޖެހުން ކަހަލަ ކަމެއް. ގޯސް ނިންމުމެއް.
އިލަ
22 June 2025
ތިޔައީ ޕާކިސްތާނުން ކުޅޭ ގޭމެއް..