ފޮރިން މިނިސްޓަރު ހަލީލް
24 ޖޫން 2025 - 08:15
އީރާނުން ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމާ އެކު، މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވުމާ ގުޅިގެން، އެ ސަރަހައްދުގައި މިވަގުތު ތިބި ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ރޭ ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު، ގަތަރުގެ އަލް އުދައިދު އެއާ ބޭސް އަށް އީރާނުން މިސައިލް ހަމަލާދިނުމާ ގުޅިގެން އެ ސަރަހައްދުގެ ގިނަ ގައުމުތަކުން ވަނީ ވައިގެ ސަރަހައްދުތައް ވެސް މިހާރު ބަންދުކޮށްފަ އެވެ.
ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މިދަނޑިވަޅުގައި، އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު މިނިސްޓްރީން އަދި މިޝަންތަކުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
އަދި މިވަގުތު މި ސަރަހައްދުގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވުމާ އެކު، އެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ ދިވެހިން، މިކަމަށް ހާއްސަ ސަމާލުކަމެއް ދީ، އެ ގައުމުތަކުގެ ސަރުކާރުން ދޭ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް ހަލީލް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
އީރާނުން ހަމަލާދިން ފަހުން، އިޒްރޭލާއި އީރާނުން އެއްބަޔަކު އަނެއް ބަޔަކަށް ދެމުން ގެންދާ ވަރުގަދަ ހަމަލާތައް ހުއްޓުމަކަށް ގެނެސް ދާއިމީ ސުލްހައެއް ގާއިމުވާނެ އެއްބަސްވުމަކަށް ދެ ފަރާތުން ވެސް އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ވަނީ އިއުލާނުކުރައްވައިފަ އެވެ.
އޭގެ ކުރިން، ސަރަހައްދުގައި ވައިގެ ދަތުރުފަތުރުގެ މައި ހަބެއްކަމަށްވާ، ގަތަރުގެ ވައިގެ ސަރަހައްދު ވަނީ އަލުން ހުޅުވާލައިފަ އެވެ.
ނަމަވެސް، އެ ގައުމުތަކުން ވައިގެ ސަރަހައްދު ބަންދުކުރުމާ އެކު، ގިނަ ފްލައިޓުތަކެއް އެހެން އެއާޕޯޓުތަކަށް ޑައިވާޓްކުރުމުގެ ސަބަބުން، ގިނަ އަދަދެއްގެ ފްލައިޓުތައް ވަނީ ޑިލޭވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފުޅުބެ
24 June 2025
އާ... ހާލުބަލަނީ...ތި...އަދި ހަމަގައިމުވެސް ފޯނެއް ނޫނި މެއިލް އެއްގެ ހިލަމެއްވެސް ނުވެ..ދެން ހަމަ ކުއްލިއަކަށް ބުނާނެ ހާލު ބަލަމުން ދަނިކޮށް ކުއްލިއަކަށް މަރައިފިޔޭ
އަހުމަދުބޭ
24 June 2025
ބަލާނެކަމެއްނެތް ދެން އިތުރަކަށް މެދުއިރުމަތީގެ މުސްތަގުބަލް އޮތީ އަވަހަކަށް ނިމޭކަންނޫން، އެކުދީން ދެނެގަނެ އަވަހަށް ގެނެވޭތޯ އުޅޭ
މެދުއުތުރު
24 June 2025
ވެދާނެ މެދު އިރުމަތީ ތިބި ސިޔާސީ ބައެއްގެ ހާލު ބަލަނީ ކަމަށް. އަހަރުންވެސް މިއުޅެނީ އެ ސަރަހައްދުގަ، ޚަލީލުގެ ހަބަރެއް ހިލަމެއް ނެތް.
އަންވަރުު
24 June 2025
ހަލީލް މެން ތަފާތު ދައްކާނެ
ނާދޭ
24 June 2025
ހާލުބަލަން ގުޅާމީހާއެއް އަދި ނުގުޅާ.
ލަބާން
24 June 2025
އަދުގެ ސަރުކާރުން ހުރިހާ ކަމެއްވެސް ވަރަށް ކައިރިން ބައްލަވައިގެން ކުރާނެ