ގަތަރު އެއާލައިންގެ މަތިންދާބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ދަނީ: އިރާންގެ ހަމަލާތަކާއެކު ރާއްޖެއަށް އެތައް ފްލައިޓެއް ޑިލޭ ވެދާނެ ކަމަށް ވަނީ ބެލެވިފައި.-- ފޮޓޯ:
23 ޖޫން 2025 - 23:42
ގަތަރާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން މިރޭ ދިން ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން ރާއްޖެ އަށް ދަތުރުކުރާ އެތައް ފްލައިޓެއް ޑިލޭ ވެދާނެ ކަމަށް ބެލެވިއްޖެ އެވެ.
މި ހަމަލާތަކާ ގުޅިގެން ގަތަރާއި ޔޫއޭއީ އާއި ބަހުރެއިން އަދި ކުވެއިތުގެ ވައިގެ ސަރަހައްދު މިރޭ ވަނީ ބަންދުކޮށްފަ އެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓާއި ޔޫއޭއީގެ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖެ އަށް ދަތުރުކުރާ މީހުން އެންމެ ގިނައިން ޓްރާންސިޓްވާ އެއް އެއާޕޯޓެވެ. އޭގެ ތެރޭގައި ގިނައީ ރާއްޖެ އަންނަ ޓޫރިސްޓުންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މިރޭގެ ފްލައިޓް ޝެޑިއުލް ދައްކާ ގޮތުން، މާދަމާ ހެނދުނު ފަށައިގެން މެންދުރު ފަހާ ޖެހެންދެން ދުބާއީ އިން މާލެ އަށް އެމިރޭޓޭސް އެއާލައިންގެ ހަތަރު ފްލައިޓް އޮތީ ތާވަލުކޮށްފަ އެވެ. އަބޫ ދާބީ އިން މާލެއަށް އެތިހާދު އެއާވޭސްގެ ދެ ފްލައިޓު ވެސް މާދަމާ ހެނދުނަށް ތާވަލުކޮށްފައިވެ އެވެ.
މާދަމާ ހެނދުނު ދޯހާ އިން މާލެ އަށް ގަތަރު އެއާވޭސްގެ ދެ ފްލައިޓް އޮތީ ތާވަލުކޮށްފަ އެވެ.
އެ ދެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން މި ހުރިހާ ފްލައިޓެއް ޑިލޭވުމުގެ ފުރުސަތު މިހާރު އެބައޮތެވެ.
މިރޭ 11:00 ގައި މާލެއިން ދުބާއީއަށް ފުރަން އޮތް އެމިރޭޓްސް އެއާލައިންގެ ފްލައިޓު ވެސް މިހާރު ވަނީ ޑިލޭވެފަ އެވެ. އަދި ފްލައި ޑުބާއީ އެއާލައިންގެ ފްލައިޓެއް ވެސް މިރޭ 11:00 ގައި ފުރަން ތާވަލުކޮށްފައިވެ އެވެ.
ފްލައިޓް ރާޓާ އެޕުން ދައްކާ ގޮތުން، ދޯހާ އާއި ދުބާއީ އަށް އެކި ގައުމުތަކުން ދަތުރުކުރާ އެތައް ފްލައިޓެއް މިހާރު ދަނީ ޑައިވާޓް ވެސް ކުރަމުންނެވެ.
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ވައިގެ މަރުކަޒަށާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އިރާނުން މިރޭ ވަނީ ހަމަލާދީފަ އެވެ.
އީރާނަށް އެމެރިކާއިން ހަމަލާ ދިނުމާ އެކު ބްރިޓިޝް އެއާވޭސް އިން އިއްޔެ ވަނީ ލަންޑަންގެ ހީތުރޯއިން ދުބާއީ އާއި ދޯހާއަށް ދަތުރުކުރުން ހުއްޓާލައިފަ އެވެ. އެކަމަކު މިއަދު އަލުން ދަތުރުތައް ފަށަން ނިންމި ނަމަވެސް ބައެއް ފްލައިޓްތައް ވަނީ ކެންސަލް ވެފަ އެވެ.
އެއާ ފްރާންސުން ވަނީ ސައޫދީ އާއި ޔޫއޭއީ އަށް މާދަމާގެ ނިޔަށް ދަތުރުތައް ކެންސަލްކޮށްފަ އެވެ. އެ އެއާލައިނުން ވަނީ އިޒްރޭލާއި ލުބްނާނަށް ވެސް ދަތުރުތައް ކެންސަލްކޮށްފަ އެވެ.
ސްވިސް، އޮސްޓްރިއަން އަދި އައިޓީއޭ ވެސް އޮޕަރޭޓްކުރާ ޖަރުމަނުގެ ލުފްތަންސާއިން ވަނީ މި މަހުގެ 30ގެ ނިޔަލަށް މެދުއިރުމައްޗަށް ދަތުރުތައް މެދުކަނޑާލައިފަ އެވެ.
ޓާކިޝް އެއާލައިނުން އިރާގު، ޖޯޑަން އަދި ލުބްނާނަށް މި މަހުގެ 30 އާ ހަމައަށް އަދި އީރާނަށް އަންނަ މަހުގެ 30ގެ ނިޔަލަށް ދަތުރުތައް ހުއްޓާލާފައި ވާއިރު މިއަދު ވަނީ ސައުދީ، ބަހްރެއިން، ގަތަރު، ކުވައިތު، ޔޫއޭއީ އަދި އޮމާނަށް ފްލައިޓްތައް ކެންސަލްކޮށްފަ އެވެ.
ފިންއެއާއިން ވެސް ވަނީ ގަތަރުގެ ދޯހާއަށް ދަތުރުތައް ކެންސަލްކުރަން ނިންމިކަން އިއުލާނުކޮށްފަ އެވެ.
އޭޝިއާގެ އެއާލައިންތަކުގެ ތެރެއިން ސިންގަޕޯ އެއާލައިނުން ވަނީ އާދީއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ދެ ފްލައިޓްގެ މަގުން ޖުމްލަ އަށް ފްލައިޓް ދޯހާއަށް ކެންސަލްކޮށްފަ އެވެ.
މީގެ އިތުރުން ވެސް އެތައް އެއާލައިނަކުން މެދުއިރުމަތީގެ އެކި މަންޒިލްތަކަށް ވަނީ ދަތުރުތައް މެދުކަނޑާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބޭ
24 June 2025
ވަރަށް ގިނަބަޔަކު ދެކޭގޮތުގައި ޓޫރިޒަމަށް ބަރޯސާވުން ރާއްޖެއިން އެބަކުޑަކުރަންޖެހެއެވެ، ސުވާލަކީ ދުނިޔެއަށް އަންނަ މިފަދަ ކޮންމެ އިމްޕެކްޓެއްގައި ރާއްޖެއިން ވަކިކުރާނީ ކޮންކަމެއްބާވައޭ؟ ދަނޑުވެރިކަން، މަސްވެރިކަން މިއިން ކޮންމެ ކަމެއްގޮސް މިގުޅެނީ މުޅިދުނިޔެއާ ދުނިޔެ ތަހަންމަލް ކުރާކޮންމެ ކަމެއްގެ އިމްޕެކްޓް ރާއްޖެއަށް ކުރާއުސޫލުން އެހެން ގައުމުތަކަށްވެސް ކުރާއެވެ. މާނަ އޮޅުވައިނުލައިތި
ސެންސަރުކޮށްގެން ތިބޭ
24 June 2025
ސަކަރާތެއްނު ބަޑަށްޖެހޭ ދުަވހު ޓުއަރިސްޓުންވެސް ކާން ތިޔަ ނުލިބުނީ. ދެން ކޯއްޗެއް ކާންވީ. ފްލްޓް ގޮޅިން ތިރިއަށް ފޭބޭނެތަ. މޫދުގައި ހުރި މަސްކާން ދާންއިރު ފަޅު ގަނޑުވެސް އޮތީ ހިއްކާލާފައި. މިވެސް ނަސްލު ނައްތާލުމުގެ އަމަލެއް. ތޮއްޖެއްުސުން މާލެއަށް
އެޑްމުންޑޯ
24 June 2025
ހަނގުރާމަ އެއްފެށުމުން ކިތަންމެ އައިދައިގެ ދުރުގެ އޮންނަ ގައުމަށްވެސް ލިބޭގެއެްލުންތައް މިހުންނަނީ ، މިހިގަމުންދާ ހަނގުރާމައިގާ ލިބިދާނެ ގެއްލުމާއި ބެހޭ ގޮތުން އިއްޔެ އާ ހަމައަށް ސަރުކާރުން އަޅާނުލާ ދިޔައީ ، ބަޔަކު އެވާހަކަ ދައްކާ ހަޅޭލަވަންފެށިމާ އިއްޔެރޭ ބައްދަލުވުމެއްބޭއްވީ ، ވަރަށް ޒިންމާދާރު ކުޑަކޮށް އަމަލުކުރަމުންދާ ތަން މިފެންނަނީ ، ހީކުރިގޮތާއި މިސަރުކާރުގެ އަމަލުތަށް ދިމާނުވޭ
އަހުމޭ
24 June 2025
ރާއްޖޭގެ އެއަރ ޕޯޓް ނިމިފައި ވީ ނަމަ މިވަގުތު ރާއްޖެ ޓްރާނަސިޓް ހަބަކަށް ހެދުނީސް.
އޮނަރަބްލް އަފީފު ދީދީ
24 June 2025
ރާއްޖެއޭ ނުކިޔާ ކ.އަތޮޅު މާލެއަށް އަންނަ ފްލައިޓް ތައް ޑިލޭވެ ކެންސަލް ވާނެއޭ ކިޔާބަލަ.
ބޮނބިފާލު ބަލާމީހާ
23 June 2025
އަސްލު މިކޮމެންޓު އާއްމުއުސޫލުން ރަނގަޅުނުވެދާނެ. އެކަމަކު ބުނެލަންބޭނުން ރަންބިސްއަޅާކުކުޅުތައްއައުމަށް ދަތިވެއްޖެނަމަ އިގުތިސާދުދެމެހެއްޓުމަށް ކުރެވޭނަކަމެއް ސަރުކާރުންއެބަ އުފައްދަންޖެހޭ. ހަނގުރާމަ އިތުރަށްގޯަސްވަމުންދާއިރު މިކަމުގައި ސަރުކާރުގެ ސިޔާސަތުރައްޔުތުންނަށް ބުނެދޭންއެބަޖެހޭ. ފޫކޮޅުގަރޯވީމަ ހޭރިގަންނަންތޯ މިތިބެނީ؟؟
ޖޫސް
24 June 2025
ތިޔަ ފާޅުކުރީ މުޅިއަކުން ދެރަ ޚިޔާލެއް ނޫން، ނަމަވެސް ލިބިފައިވާ ނިޢުމަތްތަކުގެ އަގު ވަޒަން ނުކުރެވޭކަން ތިޔަ ބަސްމަގުން ހެކިދޭ.
ސަލީމު އިދުރީސް
24 June 2025
ތިކަމައް ސަރުކަރުން ގެންގުޅޭ ސިއާސަތަކީ ބިންބޮޑެތި ބިންގަނޑު ރަނގަޅު ރައްތަކުމީހުން މާލޭގަ ފުލެޓުއަޅާ ގެނެސްލުން! ވިއަފާރީގެ ފުރުސަތައް އޮތީ މާލޭކަމައް ބަލާ ރައްތައް ފަޅުކުރަނީ! މަލޭ ރެސްޓޯރެންތަކާ ކެފޭތައްވެސް ހިނހަނީ ތިބުނާ ރަންބިސް ކުކުޅު ރައްޔިތުންގެ ޖީބުތައް ފުރާތި! ޓުއަރިސްޓުން ނާންނަތާ މަހެންނުވަނީސް ރައްތައް ދޫކޮއް ދާމީހުން އެމިހުން ވީރާނާވާން ދޫކޮއްލާ ގެދޮރުގަ އެނބުރި އައިސް ވަޒަން ވެރިވާނެ! މިތަޖުރިބާ ވަނީ ދެހާސް ނަވާރަގަ ކޮއްފަ
ސެންސަރުކޮށްގެން ތިބޭ
24 June 2025
ޖެހިގެން އޮތް ރަށް މަހުޖަނުނަށް ދީފައި. އަހަރެމެްން އަންހެންވެރިންވެސް ދޮށި ހިފައިގެން މަސްބާނަން ދާން އޮތް ފަޅުގަނޑުވެސް ހިއްކާލާ އެެމެންނަސް ދީފައި މިއުޅެނީ އަހަރެމެން ނައްތާލަންތަ؟