ވިޔަފާރި / ރިޕޯޓް

ކުޑަވަގުތުކޮޅުގެ ހާސްކަމުން އެނގުނީ ޓޫރިޒަމަށް އެކަނި ބަރޯސާވުމުގެ ނުރައްކާތެރިކަން!

ކުޑަވަގުތުކޮޅެއްގެ "ހުއްޓުމުން" އެނގުނީ ރާއްޖޭގެ އަމިއްލަ ބާރެއް ނެތް ކަން.

އެއާޕޯޓު އޭޕްރަންގައި ޕާކްކޮށްފައިވާ މަތިންދާ ބޯޓުތައް -- ފޮޓޯ: ނިޝާން އަލީ / މިހާރު

އިއްޔެ ނިންމާލި މެދުއިރުމަތީގެ ހަނގުރާމައާ އެކު، އެ ސަރަހައްދުގެ ބައެއް ގައުމުތަކުގެ ވައިގެ ދަތުރުތައް ބަންދުކުރުމުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުން ވެސް ގޮތް ހުސްވި ވަގުތުކޮޅެއް ދިޔަ އެވެ. ޓޫރިސްޓުން އަންނާނެ ގޮތެއް ނޭނގި، ކަންބޮޑުވުންތައް ސޯޝަލް މީޑިއާ އާއި އެކި ގްރޫޕްތަކުގައި އެ ވަގުތުކޮޅު ބަންޑުންކޮށްލި އެވެ. އެއީ ދެތިން ގަޑި އިރަށް ދަތުރުތައް ހުއްޓާލުމުން ހާސްވި ވަރެވެ.

އެ ކުޑަ ވަގުތުކޮޅުގެ ތަޖުރިބާއިން އެނގުނީ ޓޫރިޒަމް ދާއިރާއަކީ ދިވެހިންގެ އެއްވެސް އަމިއްލަ ބާރެއް ނުހިނގާ "އެކްސްޓާނަލް ޝޮކް" ތަކުން ސަލާމަތް ނުވެވޭނެ ދާއިރާއެއް ކަމެވެ. އެކަމުގައި "ރިއަލިޓީ ޗެކް" އަކަށް ދާން ޖެހި، އެފަދަ ހާލަތަކަށް ތައްޔާރުވާން ޖެހޭ ކަން ދާޢިރާގެ އިސްކޮށް ހަރަކާތްތެރިވާ އެންމެންނަށް ވެސް އިހުސާސް ކުރެވުނެވެ.

ހަގީގަތުގައި ވެސް ވައިގެ ދަތުރުތައް ހުއްޓި، އެކަން ދިގުލައިގެން ދިޔަ ނަމަ ރާއްޖޭގެ ޓޫރިޒަމަށް ފޫނުބެއްދޭ ވަރުގެ ގެއްލުމަކާ ކުރިމަތިވީހެވެ. ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ގާތްގަނޑަކަށް 60 ޕަސެންޓު ނިސްބަތްވަނީ ޔޫރަފަށެވެ. އަދި ޔޫރަޕްގެ ގިނަ ޓޫރިސްޓުން ރާއްޖެ އަށް އަންނަނީ މެދުއިރުމަތީގެ ކަނެކްޓިން ފްލައިޓުތަކުންނެވެ.

ވީއައިއޭގެ އާ ރަންވޭގެ ފުރަތަމަ މަތިންދާބޯޓު އެ އެއާޕޯޓަށް ޖައްސަނީ.---ފޮޓޯ: ނިޝާން އަލީ / މިހާރު

ރާއްޖޭގެ މުޅި އިގްތިސާދު ބިނާވެފައިވާ އެ ދާއިރާ އަށް މިދިޔަ 48 ގަޑިއިރު ތެރޭ އެ ކުރިމަތިވި ގެއްލުމުން އަރައިގަނެވޭނެ މާ ބޮޑު ގޮތްތަކެއް ވެސް ނެތެވެ. އެހާ ބޮޑަށް ބަރޯސަވެފައި އޮތް އެ ދާއިރާ އަށް 50 އަހަރަށް ވުރެ ގިނަ ދުވަސްވީއިރު، ކުއްލިއަކަށް ކުރިމަތިވާ ހާލަތަކުން އަރައިގަތުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅާނެ ޕްލޭނެއް ނެތެވެ. އެއީ ޓޫރިޒަމް ދާއިރާ އަށް އަދި މުޅި އިގްތިސާދަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.

ކުޑަ ވަގުތުކޮޅެއްގެ ބަންދުކުރުމާ އެކު، ޓޫރިސްޓުންނަށް 1-2 ދުވަހުގެ ޗުއްޓީ ގެއްލުނު

މެދުއިރުމަތީގެ މުހިއްމު މަންޒިލްތަކުގެ ވައިގެ ސަރަހައްދު އިއްޔެ ބަންދުކުރުމާ ގުޅިގެން، ޔޫރަޕާއި އެމެރިކާގެ ކަނެެކްޓިން ގިނަ ފްލައިޓްތަކަށް ބުރޫ އެރި އެވެ. މީޑިއާ ރިޕޯޓުތައް ބުނެފައިވާ ގޮތުން ގާތްގަނޑަކަށް އެ ސަރަހައްދު ހުރަސްކުރަން ޖެހޭ 2،000 ފްލައިޓަށް އޭގެ އަސަރު ކުރި އެވެ. އިނގިރޭސި ވިލާތާއި ފްރާންސާއި ޖަރުމަނާއި ގްރީސް އަދި އެމެރިކާ އާއި ކެނެޑާ ފަދަ ގައުމުތަކުގެ އެއާލައިންތައް ޑިލޭވެ އަދި ކެންސަލް ވެސް ވި އެވެ. މެދުއިރުމަތީގެ ގިނަ އެއާލައިންތަކުގެ އިތުރުން ސިންގަފޫރު އެއާލައިންގެ ބައެއް ފްލައިޓްތައް ވެސް ކެންސަލްކުރި އެވެ.

އެ ހާލަތު ދިގު ދެމިގެންދިޔަ ނަމަ މުޅި ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އަންނާނެ ލޮޅުން އަންދާޒާ ކުރަން ވެސް ދައްޗެވެ. އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ގައުމަކީ ރާއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކުކޮށްފައިވާ މަތިންދާ ބޯޓުތައް. މިވަގުތު އެއާޕޯޓަށް ގާތްގަނޑަކަށް 40 އެއާލައިނުގެ ބޯޓުތައް ޖައްސާ -- ފޮޓޯ: އެމްއޭސީއެލް

ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް ޓްރެވެލް އެޖެންސީގެ ވެރިޔާ ޝާޒް ވަލީދު ވިދާޅުވީ، މިދިޔަ ހޯމަ ދުވަހުގެ ރޭ ފެނުނީ ޓޫރިޒަމް ކުރިއަށް ދިއުމުގައި އަމިއްލަ ބާރު ނެތް މިންވަރު ކަމަށާއި އެ ހާލަތު އައުމުން، ދާއިރާގެ އެންމެން ވެސް ގޮތް ހުސްވި ކަމަށެވެ. އޭނާ ވިދާޅުވީ، ރެއާ ހަމައަށް ވެސް، ބައެއް ޓޫރިސްޓުންނަށް ނާދެވުނު ކަމަށާއި ގިނަ ޓޫރިސްޓުންގެ އެއް ދުވަސް ނުވަތަ ދެ ދުވަހުގެ ރާޢްޖޭގެ ޗުއްޓީ ގެއްލުނީ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ މިކަން ކަމަށް ތައްޔާރުވެގެނެއް ނޫން. ދެން ތައްޔާރުވާކަށް ވެސް ނޫޅޭ. ކުއްލި ކަންކަމަށް ޖަވާބު ދެވޭނެ ގޮތްތައް އޮންނަން ޖެހޭނެ،" ރިސޯޓް ލައިފް ޓްރެވެލް އެޖެންސީގެ ވެރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު އެހާ ނާޒުކު ދާއިރާއަކަށް ބަރޯސާވިއިރު އެ ދާއިރާ އަށް އަސަރުކުރާ ކާރިސާއެއް ކުރިމަތިވާ ހާލަތްތަކުގައި ކަންކަން ރޭވޭނެ ގޮތްތައް ކުރިއާލައި ޕްލޭންކޮށްފައި އޮތް ނަމަ މީހުން ޕެނިކްވެ، ގޮތް ހުސްވުން ހުއްޓުވޭނެ ކަމަށެވެ.

އެއާޕޯޓުގައި ތިބި ޓޫރިސްޓުންތަކެއް. ޓޫރިޒަމަށް ބަރޯސާވުން ކުޑަ ކުރަން ޖެހޭ -- ފޮޓޯ: މިހާރު

ޝާޒް ވިދާޅުވިގޮތުގައި، އެ އެޖެންސީ މެދުވެރިކޮށް ރާއްޖެ އަށް އިއްޔެ އަންނަން ތިބި ބައެއް ޓޫރިސްޓުންނަށް އަދިވެސް ނާދެވެ އެވެ. އެކަމާ ގުޅިގެން ކޮންމެވެސް ވަރެއްގެ ގެއްލުމެއް ވެސް ކުރިމަތިވާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ. ސަބަބަކީ، ދުނިޔޭގެ ހަމަނުޖެހުމާއި އިގްތިސާދީ ކަންކަމުގައި އުފެދޭ އެފަަދަ ނުތަނަވަސް ކަމުން ދަތުރުފަތުރު ކުރުން ވެސް ކުރިއަށް އޮތްތަނުގައި މަދުވުމުގެ ފުރުސަތު އޮތުމެވެ.

އަޅުގަނޑުމެންގެ ކޮމްޕެޓިޓާސް ފުދޭވަރަކަށް މަސައްކަތް ކުރޭ. އަޅުގަނޑުމެން މި ތިބެނީ ސިކުޑިން ޔޫރަޕަށް ގޮސް ހުސްވެފައި. ސީރިއަސްކޮށް އެބަޖެހޭ މާކެޓް ޑައިވާސިފައި ކުރަން،"--- ފިރާގު

ޝާޒް ވިދާޅުވީ، މި ހާލަތުގައި ރާއްޖޭގެ އަމިއްލަ އެއާލައިން ވަރުގަދަ ނަމަ ދަތުރުފަތުރު ކުރުމުގައި ޓޫރިސްޓުން ގެންނަން އިތުރު ފްލެކްސިބަލް ގޮތްތައް ވެސް ހޯދުނީސް ކަމަށެވެ. އެހެންވެ، ގައުމީ ވަރުގަދަ އެއާލައިނެއް އުފެއްދުމަކީ ވެސް ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާ އިތުރަށް ޑައިވާސިފައި ކުރަންވީ

ބޭރުން ކުރިމަތިވާ ހަމަނުޖެހުންތަކާއި އިގްތިސާދީ ކަންކަމާ ގުޅިގެން ޓޫރިޒަމަށް ބަރޯސާވާ އިރު، ރާއްޖޭގެ ޓޫރިޒަމް އެހާ ބޮޑަށް ނާޒުކު ވަނީ އަދިވެސް އެއް ބައްރަކަށް ބަރޯސާވެފައި އޮތުމުންނެވެ. ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޔޫރަޕުންނެވެ. މިދިޔަ އަހަރު ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން އައި އިރު އޭގެ ތެރެއިން 1.2 މިލިއަން އައީ ޔޫރަޕްގެ ގައުމުތަކުންނެވެ.

އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވީ، ހީކުރި ވަރަށް ވުރެ ލިބުނު ގެއްލުން ކުޑަ ނަމަވެސް، މިއީ ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަންކަން ކަމަށެވެ. އޭނާ ވިދާޅުވީ، ގަތަރު އެއާލައިންގެ ބައެއް ފްލައިޓް ކެންސަލްވީ، ޔޫރަޕުގެ ކަނެކްޓިން ފްލައިޓުތަކުން އަންނަން ޖެހޭ މީހުންނަށް ނާދެވުމުން ކަމަށެވެ.

ޓޫރިސްޓުންތަކެއް ރިސޯޓަށް ފުރަނީ. ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ މެދުއިރުމަތީގެ އެއާލައިންތައް މެދުވެރިކޮށް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އޭނާ ވިދާޅުވީ، ޓޫރިޒަމް ދާއިރާ މިހާރަށް ވުރެ ޑައިވާސިފައިކޮށް، އޮސްޓްރޭލިއާ އާއި އިރުމަތީ އޭޝިއާގެ ވިއެޓްނާމާއި ކޮރެއާ އާއި ޖަފާނު ފަދަ ގައުމުތަކަށް މިހާރަށް ވުރެ ބޮޑަށް އިސްކަން ދީގެން ފުޅާކުރަން ޖެހޭ ކަމަށެވެ. އޭރުން ވަކި ސަރަހައްދެއްގެ ދަތުރުފަތުރަށް އަރާ ބުރޫއެރުންތަކުން ފަސޭހައިން ސަލާމަތް ވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކޮމްޕެޓިޓާސް ފުދޭވަރަކަށް މަސައްކަތް ކުރޭ. އަޅުގަނޑުމެން މި ތިބެނީ ސިކުޑިން ޔޫރަޕަށް ގޮސް ހުސްވެފައި. ސީރިއަސްކޮށް އެބަޖެހޭ މާކެޓް ޑައިވާސިފައި ކުރަން،" ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ގައުމުތަކުގެ ވަކި ވަކި އިގްތިސާދީ ކުރިއެރުންތަކަށް ބަލައިގެން، އެންމެ ބޮޑަށް ކުރިއަށްދާ މަންޒިލްތަކަށް ފޯކަސް ކުރަން ޖެހެ އެވެ.

ޓޫރިޒަމަށް އެކަނި ބަރޯސާވުން ހުއްޓާލަން ޖެހޭ

މިއީ މިދިޔަ ވިއްސަކަށް އަހަރު ތެރޭގައި ވެސް ސަރުކާރުތަކުން ދައްކަމުން އަންނަ ވާހަކަ އެކެވެ. ހަމައެކަނި މައްސަލައަކީ އެކަންކަން ޕްލޭނުކޮށް، އަމަލީ ގޮތުން ފިޔަވަޅުތައް އަޅަން ޖެހޭ މަރުހަލާގައި މާބޮޑު ކަމެއް ނުކުރެވުމެވެ. އެކަން ސީރިއަސްކޮށް ނަގައި، ރަނގަޅު ޕްލޭނެއްގެ ދަށުން ކަންކަން ކުރުމުގެ ބަދަލުގައި ސަރުކާރުތަކަށް މުހިއްމުވީ، އާންމުންނަށް ފެންނަން ހުންނާނެ، އިމާރާތްތަކާއި އުމްރާނީ ތަރައްގީތައް އިސްކުރާށެވެ. އެކަން ވެސް އޮންނަނީ ސިޔާސީ ވެފަ އެވެ.

"ސިންގަލް ސެކްޓާ" އަކަށް އިގްތިސާދު ބިނާވެ، ޓޫރިޒަމް ދާއިރާ އަށް މުޅި އިގްތިސާދުގެ 80 ޕަސެންޓު ބަރޯސާވުމުން ހަނގުރާމަ ފަދަ "އެކްސްޓާނަލް ޝޮކް" އެއް ދިމާވާ ހާލަތުގައި ރާއްޖެ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު ވިދާޅުވީ، ރާއްޖެ އަށް ޓޫރިސްޓުން އަންނަ އެންމެ ބޮޑު ދެ ރޫޓަކީ ދޯހާ އާއި ދުބާއީ އިން ކަމަށްވާއިރު، އެ ދެ ސަރަހައްދު ބަންދުވުމުން، ޓޫރިސްޓުން އައުން އެ ހުއްޓުނީ ކަމަށެވެ.

ޓޫރިސްޓުން ތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރިސޯޓަކަށް ދާން ފުރަނީ -- ފޮޓޯ: މިހާރު

"ދެން އޮންނާނީ އީސްޓުން އަންނަ ބައެއް. އެކަމަކު މިހާރު މި އޮތް ހާލަތުން ދުނިޔެ އަށް އަންނާނެ ކޮންމެވެސް ވަރެއްގެ ބޮޑު ބަދަލެއް. އެކަން [ހަނގުރާމަ] ދިގުލައިފި ކަމުގައިވާ ނަމަ އިރުމަތިން އަންނަ މީހުން ވެސް މަދުވުމުގެ ފުރުސަތު އެބައޮތް،" އޭނާ ވިދާޅުވި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އިރާނާއި އިޒްރޭލުގެ ހަމަނުޖެހުންތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބި، ހަނގުރާމަ ހުއްޓާލުމުގެ އަޑު ވަނީ ގަދަވެފަ އެވެ. އެހެންވެ، އެއީ ރާއްޖެ އަށް ލިބުނު ބޮޑު ނަސީބެއް ކަމުގައި އަހުމަދު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ، އިގްތިސާދަށް މިވަގުތު އެންމެ މުހިއްމީ ފުޑް ސެކިއުރިޓީ އަށް އިންވެސްޓް ކުރުން ކަަމަށެވެ. ރާއްޖެ އަށް އެންމެ މުހިއްމު ކާބޯތަކެތި އުފައްދައި، އެ ނޫން ސެކްޓާތައް ފުޅާ ކުރެވިއްޖެ ނަމަ ހާލަތެއް ދިމާވެ، އެހެން ގައުމެއްގެ އެއާ ސްޕޭސް ބަންދުކުރި ނަމަވެސް އިގްތިސާދު ހިންގާނެ ކަންކަން އޮތުން ވަރަށް މުހިއްމު ކަމަށް އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މަސްވެރިކަމާއި ދަނޑުވެރިކަމަށް ސީރިއަސްކޮށް ޕްލޭންތަކެއް ހަދައި، އެ ދެ ދާއިރާ ފުޅާކުރަން ހާއްސަ މަސައްކަތްތަކެއް ރާވަން ޖެހޭ ކަމަށެވެ.

"މީގެން އަސްލު އެނގޭ އެއްޗަކީ ސަރުކާރެއް ނޫން ވަންނަން ޖެހޭނީ ވިޔަފާރިތަކުގެ ތެރެއަށް. ރާއްޖޭގެ ޓޫރިޒަމް ސެކްޓާ އެހާ ވަރުގަދައީ ޕްރައިވެޓް ސެކްޓަރުން އެކަން ކުރާތީ. މަސްވެރިކަމުގެ ތެރެއަށް ވެސް ސަރުކާރުން އަތް ގަދަކޮށްގެން، އެންމެ ބޮޑު ކުންފުނި އުފައްދައިގެން ކުރިއެރުމެއް ނުފެނުނެއް ނޫންތޯ،" އޭނާ ވިދާޅުވި އެވެ.

ފަހުގެ ތާރީހުގައި ވެސް އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކުރިމަތިވި އެތައް ކަމެއް ދިމާވި އެވެ. ސުނާމީ އާއި ފައިނޭންޝަލް ކްރައިސިސްގެ އިތުރުން ކޮވިޑްގެ ހާލަތު ވެސް ދިމާވި އެވެ. ކޮންމެ ފަހަރަކު އެފަދަ ހާލަތްތަކުގައި ބޮޑެތި ޕްލޭންތައް ހެދި ނަމަވެސް، ތަންފީޒީ މަރުހަލާގައި އޮންނަނީ ފެއިލް ވެފަ އެވެ. ސަރުކާރުތަކުން އިސްކަންދޭ ކަންކަން ބަދަލުވަނީ އެވެ. މިހާރު ކުރި ފަޅާފައިިވާ މެދުއިރުމަތީގެ ހަނގުރާމަ، ދިގުލައިގެން ގޮސްފި ނަމަ އޭގެއިން ކުރާނެ އަސަރެއް އަންދާޒާ ކުރަން ވެސް ދައްޗެވެ. އެހެންވެ، ހަމައެކަނި އޮތް ހައްލަކީ ދުރާލާ ވިސްނައިގެން އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓަށް މަސައްކަތްކޮށް ޓޫރިޒަމަށް ބަރޯސާވާ ވަރު ކުޑަ ކުރުމެވެ.

39 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

25 June 2025

ހަރުބަހެއްގައި އޮންނަ ހުރިހާ ބިހެއް އެއް ބާސްކެޓަކަށް ނޭޅުމަށް އޮންނަ މިސާލު ނޭގޭތީ އެއްނޫން ހަނިމާދު އާއި ގޭން އެއަރޕޯޓަށް އެއްވެސްކަމެއް ކޮށްނުދީ އެތަނުގައި "މަރުތަޅު އަޅުވައިގެން" މާލޭސަރުކާރު ސިޔާސަތު ކަޑައަޅާ ތަންފީޒު ކުރާންތިބި މީހުން ތިބީ. އަދި ހަމަ އެކަނި ކ.މާލެ އެއަރޕޯޓްގައި ޖެޓް ފިއުލް ފާމް ހަދައި އުތުރާއި ދެކުނުގެ އެއަރޕޯޓް ތައް ހުއްޓުވާފައި ވަނީ. އެއީ ޤައުމަށް ކިތަންމެ ގެއްލުންހުރި ކަމެއްކަމަށްވިޔަސް އެރަށު ބޮޑުންބޭނުންވަނީ އެގޮތް.

The name is already taken The name is available. Register?

އަފްރާސިޔާބު

25 June 2025

ރާއްޖޭގައިނެތޭ މިހާރު ފަޅުރަށެއް ކޮންމެވެސް މީހަކަށް 100 އަހަރަށް ދެ ތިން މިލިއަން ޑޮލަރަށް ވިއްކާނުލާ. ފަޅެއް އޮތިއްޔާވެސް އެ ފަޅުވެސް ވަނީ ލައްކައެއް ޑޮލަރަށް 100 އަހަރަށް ބޭރުގެ ކޮންމެވެސް ކުންފުންޏަކަށް ވިއްކާލާފައި. އެހެންވީމާ ދެން ބަރޯސާވާންވީ ބޭރު މީހުންނަށްތާ.

The name is already taken The name is available. Register?

ދޮންބެެ

25 June 2025

ޑޮލަރު ލިބޭނީ ކިހިނެއްތޯ؟ ރިޒަރވޭޝަންގެ ހުރިހާ ލިޔެކިޔުމެއް ހުންނަނީ މަކަރު ހެދުމަށް އޮޅުވާލާފައި، ފަތުރުވެރިޔާ ލައްވާ އިމުގާ ފުރުވާހެން ރިޒަރވޭޝަން ގެ އިންވޮއިސް އަދި އެޔަށް ޕޭކުރި ސްލިޕް ޑިކްލެއަރ ކުރާ ގޮތަށް މަޖުބޫރުކޮށްގެން ވާނީ. މުޅި ނިޒާމު މިއޮންނަނީ މަކަރު ހެދޭގޮތަށް.

The name is already taken The name is available. Register?

އެމްސް

25 June 2025

100% އިމްޕޯޓިން ޤައުމެއް ގޮތުގަ ރާއްޖެ އޮންނަ އޮތުމީވެސް ކުޑަބިރެއް ނޫނެވެ! ޕްރައިވެޓް ސެކްޓަރގެ ހުރިހާ ވަޒީފާއެއްހެން ބޭރުމީހުނަށް ޚާއްސަވުމީވެސް ކުޑަދެރައެއް ނޫނެވެ!

The name is already taken The name is available. Register?

ގަތަރ

25 June 2025

ދުނިޔެ ބޮޑު ހަނގުރާމައަކަށް ގޮސްސިއްޔާ ކުރީގެ ބޮޑު ހަނގުރާމައިގައި ލިބުނު ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް މިގައުމަށްލިބޭނެ. މިހާރު ކާނެ ކާއްޓެއް ކީއްކުރަން މަގޫފަތެއްވެސް ނުލިބޭނެ. މީހުން މިތިބީ އަލިފާން ފޮށިތަކުގަ

The name is already taken The name is available. Register?

މަނިކުު

25 June 2025

ކޮން ޓުއަރިޒަމެއްތޯ ރަގަޅުވާނީ! ރާއްޖެއިން ދުވާލަކު 200 ޑޮލަރަށް ވިއްކާ ކޮޓަރި ރާއްޖެއިން ބޭރުގައި ހިންގާ ޓުއަރ އެޖެންސީތަކުން 1500 އާއި 3000 ދެމެދު އެބަ ވިއްކާ. މީރާއަށް ރެޔަކާވެސް ނުލާނެ ވާގޮތް، ސިޔާސީ މީހުން މޮޅުވެފައި ޓައިއަޅައިގެން ޕޯޑިއަމްތަކަށް އަރާ ބާރަށް ވާހަކަ ދެއްކީމާ ނިމުނީ.

The name is already taken The name is available. Register?

ޕިކްސް

25 June 2025

މިރާއްޖެއަކު ނެތް ބޮޑެތި އިންވެސްޓްމަންޓް ކުރެވޭނެ ގާބިލްކަމެއް. ބޭރުބަޔަކަށް އެފުރުސަތުދޭއިރަށް އިދިކޮޅުގަ އޮންނަބަޔަކު ކިޔަންފަށާނެ ގައުމު ވިއްކާލަނީއޭ. ދިވެހިންނަށް އެކަންވާނެޔޭ.

The name is already taken The name is available. Register?

ހެއްވާ ވާހަކަ

25 June 2025

ހަނގުރާމަވެސް ހިގާނެ. މަސައްކަތުގެ ސެކްޓަރަށް އަސަރުކުރާނެ. ކޮންމެ ސެކްޓަރެއް އޮތަސް ވާނީ އެހެން. އެހަނގުރާމައެއް ހިގާ ސަރަހައްދުގެ ގޮތުން ދަތިނުވެނުދާނެ މަސްވެެރިކަން އޮތަސް.

The name is already taken The name is available. Register?

އެކައުންޓެންޓް

25 June 2025

ކޮބައިތޯ އެމްއެމްއޭ އިން ހެދި ޕޭމަންޓް ގޭޓްވޭ؟ އެކަން ހުއްޓުވާލީ މިޤައުމު މުށުތެރެއަށް ލައިގެން އުޅޭ މަދު ބަޔަކު އިސްވެ އޮވެ. ބައްލަވާ https://payments.mv ލިންކް. މިއީ ފައިސާގެ މުއާމަލާތްތައް އެއްކޮށް ޑިޖިޓަލައިޒްކޮށް ބޭރުގެ ރިޒަރވޭޝްން ޕްލެޓްފޯރމްތައް ވެސް ކިޔަމަންކުރުވާނެ ޕްރޮޖެޓެއް. މިކަން ހުއްޓުވާލީ ރާއްޖޭގައި ޑޮލަރު ބަހައްޓަން ބޭނުންނުވާ އަދި ދައުކަތަށްވެސް ނުފޫޒު ފޯރުވާ ބަޔަކު. މިރާއްޖޭގެ %80 ޑޮލަރު ހުންނަނީ އެހެން ޤައުމުތަކުގައި.

The name is already taken The name is available. Register?

1181

25 June 2025

ދިވެހިރާއްޖެ ފަތުރުވެރިކަމަށް ބިނާވެފައި އޮތް އޮތުން ހުއްޓުވުމުން ކުރަންވީ ކަމަކީ ދިވެހިންގެ ކަންނެތްކަން ފިލުވުމަށް، މަސައްކަތްތެރިކަމަށް ހޭނުވުމަަށް، ސްކޫލު ނިންމާ ކުދިން ނޭޝަނަލް ސަރވިސްގައި ބައިވެރިކުރުމަށް މަޖުބޫރު ކުރުވުން. މިކަން ކުރަން ފަށައިފި ނަމަ ހުރިހާގޮތަކުންވެސް ތަފަތު ފެންނާނެ. މިހާރު ގްރޭޑް 12 ނިންމާ ކުދިންނަށްވެސް އަތުން ފައިން އެއްވެސް މަސައްކަތެއް ކުރާކަށްް ނޭންގެ. ސްކޫލުތަކުގައި ކިޔަވައިދެނީ މާކިންސްކީމް ހިތުދަސްކުރުވަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454