ރިސޯޓުތަަކަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީގެ ތެރެއިން މަރުކަޒީ ބޭންކް، އެމްއެމްއޭ އަށް މާރުކުރަން ޖެހޭ ފައިސާގެ މިންވަރު 40 ޕަސެންޓަށް މަތިކުރަން ސަަރުކާރުން ނިންމި ނިންމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ގެއްލުންވާ ކަމަށް ބުނެ، އެ ސިޔާސަތާ ގުޅޭ ގޮތުން ޓޫރިޒަމް އެމްޕްލޯއިސް އެސޯސިއޭޝަން އޮފް  މޯލްޑިވްްސް (ޓީމް) އާ މަޝްވަރާ ކުރަން އެ ޖަމިއްޔާ އިން ގޮވާަލައިފި އެވެ.

ޓީމުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ރިސޯޓުތަކަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީގެ ތެރެއިން މާރުކުރަންޖެހޭ ބޭރު ފައިސާގެ މިންވަރު  40 ޕަސެންޓަށް މަތިކުރަން ނިންމުމުން، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ އާއި ސާވިސްޗާޖު ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން ދޭން މަޖުބޫރުވާނެ ކަަމަށް އިންޑަސްޓްރީން ބުނާ ކަމަށެވެ. 

އެކަން އެހެން އޮތް އިރު ވެސް ސަރުކާރުގެ ނިންމުން ބަދަލުނުުކުރާތީ ކަންބޮޑުވާ ކަމަށާއި މުވައްޒަފުންފެ މުސާރައާއި ސާވިސްޗާޖަށް އަސަރުކުރާނެ އެއްވެސް ފިޔަވަޅެއް އަޅަން ވާނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"...ރިސޯޓް މުވައްޒަރުންގެ މުސާރަ އާއި ސާވިސްޗާޖަށް އަސަރު ކުރާނެ އެއްވެސް ފިޔަވަޅެއް އަޅަން ވާނީ އެންމެ ފަހުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމާއި މުވައްޒަފުންނާއި މުވައްޒަފުން ތަމްސީލުކުރާ ފަރާތްތަކާ ފުރިހަމަަ އަށް މަޝްވަރާ ކުރުމަށް ފަހުގަ އެވެ،" ޓީމްގެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ ރިސޯޓުތަކަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީގެ 40 ޕަސެންޓް މާރުކުރަން ޖެހޭ ގޮތަށް ހަދަން ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުން، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާ މެދު އެ ޖަމިއްޔާ އިން ކަންބޮޑުވާ ކަމަށެވެ. އެ  ބަދަލުގެ ސަބަބުން މުވައްޒަފުންގެ އާމްދަނީ އިންތިހާއަށް މަދުވެ، މާލީ ގޮތުން ނުއުފުލޭ ވަރުގެ ބުރައަކަށް އެކަން ވާނެ ކަަމަށް ވެސް އެ ޓީމުން ބުންޏެވެ.

"...ރާއްޖެ އަށް ދިމާވެފައިވާ  ބޭރު ފައިސާގެ ދަތިކަމުގެ ބުރަޔާއި ޒިންމާ، ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ބޮލުގައި އެޅުވުމަށް ކުރާ އެއްވެސް މަސައްކަތެއް، މި ޔޫނިއަން ފެޑެރޭޝަން ބަލައިނުގަންނާނެ ކަމުގައި ދަންނަވަމެވެ،" ކަންބޮޑުވުމާ އެކު ޓީމުގެ ބަޔާނުގައި ވެ އެވެ.

ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ، ޑޮލަރު ނުލިބުމުގެ މައްސަލައަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަަބަބުން ކުރިމަތިވެފައިވާ މައްސަލައެއް ކަމަށް ތުހުމަތުކޮށް، ޓީމުން ބުނީ އެ މައްސަލަ ހައްލުކުރަން އަަޅާ ފިޔަވަޅުތަކުގެ ތަކުލީފު ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ތަކުލީފު އުފުލަން ޖެހުމަކީ އިންްސާފެއް ނޫން ކަމަށެވެ. 

ސަރުކާރުގެ ނިންމުމާ މެދު ރިސޯޓު ވިޔަފާރިވެރިންގެ ޖަމިއްޔާ، މަޓީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާ އިން އިއްޔެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިސޯޓުތަކުން ތެލާއި މުސާރަ އާއި ސާވިސް ޗާޖާއި ޓެކްސްތައް (ޓީޖީއެސްޓީ، ގްރީން ޓެކްސް، ވިތުހޯލްޑިން ޓެކްސް އަދި އިންކަމް ޓެކްސް) އާއި ކުލި އަދި ބޭރު ފައިސާ އިން ދައްކަންޖެހޭ ލޯނުތައް ކަހަލަ ގިނަ ހަރަދުތަކެއް ޑޮލަރުން ކުރަން ޖެހޭތީ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ އެ ސިނާއަތަށް ތަހައްމަލު ކުރެވޭނެ މިންވަރެއް ނޫން ކަމަށެވެ.

ރައީސް އޮފީހުން މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު އަހުމަދު މުނައްވަރު އިއުލާން ކުރެއްވި ގޮތުގައި، ބޭރު ފައިސާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އިހުތިޔާރު އުވާލުމުގެ އިތުރުން، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން 40 ޕަސެންޓު ކޮންމެ މަހަކު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް އެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް ހުށަހަޅުއްވާނެ އެވެ.