ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު މުނައްވަރު ވިދާޅުވީ ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އިހުތިޔާރު އުވާލުމުގެ އިތުރުން ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓު ކޮންމެ މަހަކު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށެވެ. 

ބޭރު ފައިސާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ބޭންކަށް ޑޮލަރު މާރުކުރުމަށް ދެ އިހުތިޔާރެއް ދެ އެވެ. އެއީ ކޮންމެ ޓޫރިސްޓެއްގެ ބޮަލަކަށް 500 ޑޮލަރުގެ މަގުން މާރުކުރުން ނުވަތަ އާމްދަނީގެ 20 ޕަސެންޓު މާރުކުރުމެވެ. 

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރާ އެކު ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރާ އެކު ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

މުނައްވަރު ވިދާޅުވީ ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ އިތުރުން ދެން ހުންނަ ފައިސާ ހޭދަކުރަނީ ކޮންކަމަކަށްތޯ ބެލޭނެ ގޮތް ހެދުމަށް ނުވަތަ މޮނިޓާރިން ފިޔަވަޅުތައް ހަރުދަނާކުރުމަށް ވެސް ގާނޫނަށް އިސްލާހުތަކެއް ގެންނާނެ ކަމަށެވެ. 

ރާއްޖޭގެ ވިޔަފާރިތަކަށް އިމްޕޯޓަށް ބޭނުންވާ ޑޮލަރު ނުލިބޭ މައްސަލަ ހައްލުކުރެވެން އޮތް ހަމައެކަނި ގޮތަކީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ދާއިމީ ގޮތެއްގައި ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. 

މުނައްވަރު ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އެމްއެމްއޭ އަށް މިދިޔަ މަހުގެ ނިޔަލަށް މާރުކުރި ޑޮލަރުގެ ތެރެއިން 56 ޕަސެންޓު ބޭނުންކޮށްފައި ވަނީ ދައުލަތުގެ ދަރަނިތައް ދެއްކުމަށް ކަމަށެވެ. 

އަމާޒަކީ ހުރިހާ ހިދުމަތެއްގެ އަގު ރުފިޔާއިން ނަގާ ގޮތަށް ބަދަލުކުރުން

މުނައްވަރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ހުރިހާ ވިޔަފާރިތަކުން ވިއްކާ މުދަލާއި ދޭ ހިދުމަތްތަކުގެ އަގު ދިވެހި ރުފިޔާއިން ނެގުމަކީ އެމްއެމްއޭ އިން އަބަދުވެސް ގެންގުޅެމުން އަންނަ އަމާޒެވެ. 

ކުރީގެ ގަވަރުނަރުން ކަމަށްވާ އަލީ ހާޝިމާއި އަހްމަދު ނަސީރާއި ޑރ. އަޒީމާ އާދަމް އަދި ޑރ. ފަޒީން ނަޖީބުގެ ވެސް އަމާޒަކީ އެއީ ކަމަށް މުނައްވަރު ވިދާޅުވި އެވެ. 

"ދިވެހި ރުފިޔާއިން ހުރިހާ އެއްޗެއް، ހުރިހާ ހިދުމަތްތަކެއްގެ އަގު ހުންނަން ޖެހޭނީ. މިއީ މިއަދަކު އަޅުގަނޑު ދައްކާ ވާހަކައެއް ނޫން. މިއީ ވަރަށް ކުރީއްސުރެ ދައްކާ ވާހަކައެއް،" އޭނާ ވިދާޅުވި އެވެ. 

މުނައްވަރު ވިދާޅުވީ ހާޝިމް ގަވަރުނަރަކަށް ހުންނެވިއިރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ރާއްޖޭގެ ބޭންކުތަކަށް ބޭރު ފައިސާ މާރުކުރަން ޖެހޭ ގޮތަށް ހަދަން އުޅުނު ކަމަށާއި އޭރު އުޅުނީ 60 ޕަސެންޓު މާރުކުރަން އަންގަންވެގެން ކަމަށެވެ. އެކަން ކުރަން އެމްއެމްއޭ އިން އޭރު ހުރިހާ ތައްޔާރީތަކެއް ވެފައި އޮތަސް، އެކަން ނުވި ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ އެ އަމާޒަށް، ތަފާތެއް ނެތް އެމްއެމްއޭގެ މި އަމާޒެއް. ސަރުކާރުން މިހާރު އެއްބާރުލުން ދެއްވާތީ އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" މުނައްވަރު ވިދާޅުވި އެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި، ބޮޑު އަގުގައި ޑޮލަރު ވިއްކާ ރާއްޖޭގެ ކަޅު ބާޒާރަށް އެންމެ ގިނައިން ޑޮލަރު މާރުކުރަނީ ރިސޯޓުތަކުންނެވެ. އަދި ކަޅު ބާޒާރުގައި ދައުރުވާ 90 ޕަސެންޓު ފައިސާއަކީ ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ނެރޭ ޑޮލަރެވެ.