ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ އާމްދަނީގެ 40 ޕަސެންޓް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މާރުކުރަން މަޖުބޫރުކުރުމުން އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ގެއްލޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގައިވާ ކެޓަގަރީ "އޭ" ގެ ތަންތަނުން (ރިސޯޓުތަކުން) ޖުމްލަ ލިބޭ އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަން ލާޒިމްކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އިސްލާހެއް އަންނަނީ ތައްޔާރުކުރަމުންނެވެ.
އެކަމާ ގުޅިގެން އެކްސްގައި ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ސިޔާސަތަކީ އިގްތިސާދީ ގޮތުން ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.
ގިނަ ރިސޯޓުތަކަކީ ބޭރުގެ ފައިސާއިން އަދާކުރަންޖެހޭ ބޮޑެތި ދަރަނިތަކެއް އޮތް ތަންތަނަށް ވާއިރު، މީގެ ތެރެއިން ގިނަ ރިސޯޓުތަކަކީ ބޭންކުތަކުން ލޯނު ނަގައިގެން ހިންގާ ބޭރުގެ އިންވެސްޓްމަންޓްތައް ކަން އެމްޑީޕީގެ ޗެއާޕާސަން ނަޝީދު ފާހަގަކުރެއްވި އެެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ޝައުގުވެރިވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ މަންފާ ބޮޑުވުމުންނެވެ. އެހެންކަމުން، މިފަދަ ނިންމުންތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލި، ފަތުރުވެރިކަމުގެ ދާއިރާގެ ދިގުދަމީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުމުގެ ބިރު އެބައޮތެވެ.
ސަރުކާރުގެ ނިންމުމާ މެދު ރިސޯޓް ވިޔަފާރިވެރިންގެ ޖަމިއްޔާ، މަޓީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަބީ ރިސޯޓުތަކުން ތެލާއި މުސާރަ އާއި ސާވިސް ޗާޖާއި ޓެކްސްތައް (ޓީޖީއެސްޓީ، ގްރީން ޓެކްސް، ވިތުހޯލްޑިން ޓެކްސް އަދި އިންކަމް ޓެކްސް) އާއި ކުލި އަދި ބޭރު ފައިސާ އިން ދައްކަންޖެހޭ ލޯނުތައް ކަހަލަ ގިނަ ހަރަދުތަކެއް ޑޮލަރުން ކުރަން ޖެހޭތީ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ އެ ސިނާއަތަށް ތަހައްމަލު ކުރެވޭނެ މިންވަރެއް ނޫން ކަމަށެވެ.
ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އިއުލާން ކުރެއްވި ގޮތުގައި، ބޭރު ފައިސާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އިހުތިޔާރު އުވާލުމުގެ އިތުރުން، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން 40 ޕަސެންޓު ކޮންމެ މަހަކު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް އެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް ހުށަހަޅުއްވާނެ އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ބޭންކަށް ޑޮލަރު މާރުކުރުމަށް ދެ އިހުތިޔާރެއް ދެ އެވެ. އެއީ ކޮންމެ ޓޫރިސްޓެއްގެ ބޮަލަކަށް 500 ޑޮލަރުގެ މަގުން މާރުކުރުން ނުވަތަ އާމްދަނީގެ 20 ޕަސެންޓު މާރުކުރުމެވެ.