ބާޒާރުގެ ޑިމާންޑާ އެއްވަރަށް އެކްސްޗޭންޖް ރޭޓް ބަދަލުވާ ގޮތަށް އުސޫލު ބަދަލުކުރެވޭނީ ޔޫޒަބަލް ރިޒާވަށް އެއް ބިލިއަން ޑޮލަރު ހަމަވެގެން ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަަށް ޖަވާބު ދެއްވަމުން އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ވިދާޅުވީ ރާއްޖޭގައި ބޭރު ފައިސާގެ ބާޒާރު މިހާރު އޮތް ގޮތުން އެކްސްޗޭންޖް ރޭަޓް ފްލޯޓް ކޮށްލައިފި ނަމަ ބޮޑެތި މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ.
ރޭޓް އެ ގޮތަށް ބަދަލުވާން ދޫކޮޮށް ނުލެވޭ އެއް ސަބަބަކީ ރާއްޖޭގައި އެކްސްޗޭންޖް މާކެޓް މިހާރު "ޑިޓާމިން ކުރަނީ" މަރުކަޒީ ބޭންކުން ކަމަށް ނުވުމެވެ. އެ މާކެޓްގެ ބޮޑުބައެއް އޮތީ އެމްއެމްއޭ ނޫން އެހެން ބައެއްގެ އަތުގައި ކަމަށް ވެސް އޭނާ ވިދާޅުުވި އެވެ.
"ފްލޯޓް ނުކުރެވޭ ސަބަބަކީ މިވަގުތު ފޮރިން އެކްސްޗޭންޖް މާކެޓް ޑިޓާމިން ކުރަނީ ސެންޓްރަލް ބޭންކެއް ނޫންވީމާ. އަދިވެސް މުޅި ފޮރިން އެކްސްޗޭންޖް މާކެޓްގެ ބޮޑު ބައެއް މި އޮތީ އެމްއެމްއޭ ނޫން އެހެން ފަރާތެއްގައި، އެހެންވީމާ އަޅުގަނޑުމެންގެ ރިޒާވް އަޅުގަނޑު ކުރިން ދެންނެވިހެން ޔޫޒަބްލް ރިޒާވް އެއް ބިލިއަން ޑޮލަރަށް ނާންނަ ނަމަ އަޅުގަނޑު ލަފައެއް ނުދޭނަން އިނގޭތޯ އަޅުގަނޑުމެންނަށް އެފަދަ ކަމެއް ކުރެވޭނެއެކޭ،" މުނައްވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިޒާވް އެ ވަރަށް އިތުރުު ނުވަނީސް އެކްސްޗޭންޖް ރޭޓް ފްލޯޓްކޮށްލައިފި ނަމަ އޭގެ ނޭދެވޭ އަސަރު ރައްޔިތުންނަށް މާބޮޑަށް ކުރާނެ އެވެެ. އޭރުން ޑޮލަރުގެ އަގު ހީނުކުރާހާ މައްޗަށް އަރާނެ ކަމަށް ވެސް ފިނޭންސް މިނިސްޓަރުގެ މަގާމު ވެސް ކުރިން ފުރުއްވި މުނައްވަރު ވިދާޅުވި އެވެ.
ޑޮަލަރު ލިބުން ދަތިވާ މައްސަލަ ހައްލުކުރަން އެމްއެމްއޭއިން މަގުޗާޓެއް އެކުަލަވާލަމުން އަންނަ ކަމަށާއި ޓޫރިޒަމް އިންޑަސްޓްރީން ދައުލަތަށް ދައްކަން ޖެހޭ ޓެކްސްތައް ދިވެހި ފައިސާއިން ދެއްކޭ ގޮތަށް އުސޫލު ބަދަލުކުރުން އޭގެ ތެރޭގައި ހިމެނޭ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.
"[ކުރިއަށް އޮތް ދެ އަހަރު ނޫނީ ތިން އަހަރު ތެރޭގައި ވެސް] އަޅުގަނޑުމެން މަޝްވަރާ ކޮށްފައި ނިންމަން އެބަ ޖެހޭ، އޭގެ ތެރެއިން ބައެއް ޓެކްސްތްއް ވެސް ދިވެހި ރުފިޔާއިން ހަމަ ޕޭ ކުރެވެން ޖެހޭ. އަޅުގަނޑު ހަަމަ ގަބޫލުކުރަން ތިޔަ ވާހަކަ،" މުނައްވަރު ވިދާޅުވި އެވެ.
ޑޮލަރުގެ މައްސަލަ ހައްލުކުރަން ރިސޯޓްތައް ވެސް އޮޑިޓްކުރަން ޖެހޭ ކަމަށް ވެސް މިއަދުގެ ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީއަށް އަހަރަކު 5.9 ބިލިއަން ޑޮލަރު ލިބޭއިރު ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަނީ އޭގެ ތެރެއިން 3.8 ބިލިއަން ޑޮލަރު ކަމަށެވެ. ރާއްޖެއަށް ލިބޭ ކޮންމެ ޑޮލަރެއް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަންޖެހޭ ކަމަށާއި އެކަން ކުރުމަށްޓަކައި މިހާރު ވަރަށް ބޮޑަށް މޮނިޓާކުރަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.