ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ދާންވީ ކަންމަތީ ފިހާރަތަކަށް އެކަނި ނޫން ކަމަށާއި ޑޮލަރުގެ މައްސަލަ ހައްލުކުރަން ރިސޯޓްތައް ވެސް އޮޑިޓްކުރަން ޖެހޭ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން މިއަދު ބޭއްވި ކޮމިޓީގައި މެންބަަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީއަށް އަހަރަކު 5.9 ބިލިއަން ޑޮލަރު ލިބޭއިރު ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަނީ އޭގެ ތެރެއިން 3.8 ބިލިއަން ޑޮލަރު ކަމަށެވެ. ރާއްޖެއަށް ލިބޭ ކޮންމެ ޑޮލަރެއް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަންޖެހޭ ކަމަށާއި އެކަން ކުރުމަށްޓަކައި މިހާރު ވަރަށް ބޮޑަށް މޮނިޓާކުރަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަޖެޓް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ރިޔާސަތު އެކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމް ބަލަހައްޓަވަނީ- ފޮޓޯ: ނިޝާން އަލީ | މިހާރު
ބަޖެޓް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ރިޔާސަތު އެކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމް ބަލަހައްޓަވަނީ- ފޮޓޯ: ނިޝާން އަލީ | މިހާރު

ޑޮލަރު ލިބުން ދަތިވާ މައްސަލާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވި ގޮތުގައި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ހޯދުމަކީ ޓެކްސް އިދާރާ، މީރާގެ ޒިންމާއެއް ކަމަށް ވިޔަސް އެ ޓެކްސް ނުދައްކާ ރިސޯޓްތައް ގިނަ އެވެ. 

"އަޅުގަނޑުމެންނަށް މީރާއިން ޝެއާ ކޮށްފައިވާ ހިސާބުން، 185 ރިސޯޓްގެ ތެރެއިން ގާތްގަނޑަކަށް 50 ރިސޯޓެއް އިނގޭތޯ އިންކަމް ޓެކްސް ޕޭކުރަނީ. އިންކަމް ޓެކްސް ޕޭކުރަނީ އެންމެ 50 ވަރަކަށް ރިސޯޓުން. އޭގެ މާނައަކީ ކޮބައިތޯ، އެއް ގޮތަކީ ފައިދާއެއް ނުވުން ނޫނީ ކޮންމެވެސް ކަހަަލަ މައްސަލަތަކެއް އެބައުޅޭ ނޫންތޯ،" ގަވަރުނަރު ވިދާޅުވި އެވެ.

"އެހެންވީމާ އޮޑިޓްކުރަން އެބަޖެހޭ ނޫންތޯ؟ އޮޑިޓްކުރަން އެބަޖެހޭ އެ ބޭފުޅުންގެ ހިސާބުތައް. އެހެންވީމާ ކަންމަތީ ފިހާރައަށް އެކަންޏެއް ނޫން މީރާ ދާންވީކީ. އަޅުގަނޑުމެންގެ ޓޫރިޒަމްގެ ހުރި ހިސާބުތައް ރަނގަޅުތޯ ވެސް ބަލަން އެބަޖެހޭ."

ރާއްޖެއަށް ލިބޭ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ނަމަ އެއީ ރައްޔިތުންގެ ބޭނުންތަކަށް ފުދޭވަރުގެ އަދަދެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންވެ، ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމުގެ ތެރެއަށް ވައްދަން އެމްއެމްއޭއިން ކުރާ މަސައްކަތް އަންނަ އަހަރު އިތުރަށް ހަރުކަށި ކުރާނެ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.

"މޮނިޓާކުރަން އެބަޖެހޭ އިނގޭތޯ، މޮނިޓާނުކުރީމާ ވާ ގޮތަކީ އެ ޑޮލަރެއް ނުވަދޭ ރާއްޖޭގެ ބޭންކިން ސިސްޓަމަކަށް. ބޭންކިން ސިސްޓަމަށް ނުވަންޏާ ވާނެ ގޮތަކީ އެ ދައުރެއް ނުވާނެ ނޫންތޯ ރާއްޖޭގައި،" އޭނާ ވިދާޅުވި އެވެ.

އެ ފިޔަވަޅުތަކާ އެކުގައި ވެސް ޑޮލަރުގެ ދަތިކަން ހައްލު ކުރުމަކީ އޭނާ ވިދާޅުވި ގޮތުގައި އެެއް ދުވަހުން ކުރެވޭނެ ކަމެއް ނޫނެވެ. 

ޑޮލަރު ލިބުން ދަތިވާ މައްސަލަ ހައްލުވާނެ ގޮތަކީ ޑޮލަރުގެ އަގު މާކެޓްގައި ބަދަލުވާން ދޫކޮށްލުން (އެކްސްޗޭންޖް ރޭޓް ފްލޯޓްކޮށްލުން) ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. 

ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނަމަ ކުރީގެ ސަރުކާރުތަކުން އެކަން އެގޮތަށް ނުކުރީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވި އެވެ. ޑޮލަރު ރޭޓް ފްލޯޓް ނުކުރެވޭ ސަބަބަކީ ބާޒާރުގައި މިހާރު ޑޮލަރުގެ އަގު ކަނޑައަޅަނީ ބްލެކްމާކެޓް ކަމަށް ވެފައި އޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.