މިދިޔަ ސެޕްޓެމްބަރު މަސް ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 547 މިލިއަން ޑޮލަރުކަން އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެކަމަކު، އެ އިދާރާއިން ބުނި ގޮތުގައި، މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 14.9 ޕަސެންޓް ދަށް އަދަދެކެވެ. އޮގަސްޓު މަހު ރަސްމީ ރިޒާވްގައި ހުރީ 643.9 މިލިއަން ޑޮލަރެވެ. އަދި ބޭނުންކުރެވޭ ރިޒާވް ވަނީ 200.6 މިލިއަން ޑޮލަރުން 169.8 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. އެއީ 15.4 ޕަސެންޓުގެ ދަށްވުމެކެވެ.

މަރުކަޒީ ބޭންކުން މިއަދު ބުނި ގޮތުގައި މިދިޔަ މަސް ނިމުނުއިރު ދައުލަތުގެ ރިޒާވް ދަށްވި މައިގަނޑު ސަބަބަކީ އެ މަހުގައި އެމްއެމްއޭއަށް ބޭރު ފައިސާ ލިބުނު ޖުމްލަ އަދަދަަށް ވުރެ އެ ބޭންކުން ބޭރު ފައިސާ ވިއްކި ޖުމްލަ އަދަދު އިތުރުވުމެވެ.

"މިގޮތުން، ފާއިތުވީ އޯގަސްޓު މަހާ އަޅާބަލާއިރު، އެމްއެމްއޭއިން ބޭރު ފައިސާ ވިއްކި މިންވަރު ވަނީ %46.9 އިން އިތުރުވެފަ އެވެ. ބޭރު ފައިސާ ވިއްކި މިންވަރު އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި 2019 ވަނަ އަހަރު، ސަރުކާރުން ބަޖެޓް ސަޕޯޓުގެ ބޭނުމަށް އެސްބީއައި ބޭންކު މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން އެމެރިކާ ޑޮލަރުގެ ޓީ-ބިލުގެ ތެރެއިން ބާކީ ދަައްކަންޖެހޭ 50 މިލިއަން އެމެރިކާ ޑޮލަރު ސެޕްޓެމްބަރު މަސް ތެރޭގައި ދައްކައި ހަލާސް ކުރުމަށް އެމްއެމްއޭއިން ސަރުކާރަށް ޑޮލަރު ވިއްކުން ހިމެނެ އެވެ،" އެމްއެމްއޭއިން މީޑީއާއާ ހިއްސާކުރި މައުލޫމާތުތަކުގައި ވެ އެވެ. 

މިދިޔަ މަސްތަކެކޭ އެއްގޮތަށް ސެޕްޓެމްބަރު މަހު ވެސް، ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުންނާއި ބޭރު ފައިސާގެ ބާޒާރަށް އިތުރު ލުޔެއް ހޯދައި ދިނުމަށް ބޭންކުތަކަށް އެމްއެމްއޭއިން ޑޮލަރު ވިއްކާފައިވާކަން ފާހަގަކުރި އެވެ.