މިދިޔަ މަސް ނިމުނު އިރު ދައުލަތުގެ ޔޫޒަބަލް ރިޒާވްގައި ހުރީ 337.2 މިލިއަން ޑޮލަރު ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުން މިއީ، ޖެނުއަރީ މަހާ އަޅާބަލާއިރު 36 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. ޖެނުއަރީ މަހު ޔޫޒަބަލް ރިޒާވްގައި ހުރީ 301 މިލިއަން ޑޮލަރެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓާއިން ފެށިގެން ދައުލަތުގެ ރަސްމީ ރިޒާވާއި ޔޫޒަބަލް ރިޒާވް އަންނަނީ އިތުރުވަމުންނެވެ. ވޭތުވެދިޔަ ފަސް މަހު ރަސްމީ ރިޒާވަށް ވަނީ 405 މިލިއަން ޑޮލަރު އިތުރުވެފަ އެވެ. ފެބްރުއަރީ މަސް ނިންމާލި އިރު ރަސްމީ ރިޒާވް ވަނީ 1.2 ބިލިއަން ޑޮލަރަށް އަރާފަ އެވެ. މިއީ ރާއްޖޭގެ ރިޒާވްގައި ރަސްމީ ރިޒާވް އެންމެ ބޮޑަށް އުފުލުނު މަހެވެ.
ރިޒާވް އެހާ ބޮޑަށް ރަނގަޅުވީ، ޓޫރިޒަމް ދާއިރާއިން ބޭންކްތަކަށް ޑޮލަރު މާރުކުރާ ވަރު އިތުރުވުމުންނެވެ. އަދި ރިޒާވް ހަމައަކަށް އަޅުވަން އެމްއެމްއޭއިން ވަނީ ރިޒާވް ބޭންކް އޮފް އިންޑިއާއިން ކަރެންސީ ސްވޮޕް ފެސިލިޓީއެއް ވެސް ބޭނުންކޮށްފަ އެވެ.
ޖެނުއަރީ މަސް ނިންމާލި އިރު ދައުލަތުގެ ރަސްމީ ރިޒާވް ހުރީ އެއް ބިލިއަން ޑޮލަރުން މަތީގަ އެވެ. ދައުލަތުގެ ރަސްމީ ރިޒާވް 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް އެއް ބިލިއަން ޑޮލަރަށް އެރި އެވެ. އޭގެ ފަހުން ރިޒާވް އެއް ބިލިއަން ޑޮލަރަށް ރިޒާވް އެރީ މިދިޔަ ޖެނުއަރީ މަހު އެވެ.
ރިޒާވް 1.2 ބިލިއަން ޑޮލަރުގައި ހުރި އިރު ރާއްޖޭގެ ތާރީހުގައި ވެސް ނެގި އެންމެ ބޮޑު ދަރަނި، 500 މިލިއަން ޑޮލަރުގެ ސުކޫކު މިމަހު އަނބުރާ ދައްކާނެ އެވެ.
ރާއްޖޭގެ ރިޒާވުން މިހާރު އެންމެ ބޮޑު އަދަދެއް ހޭދަކުރަނީ ދަރަނި އަދާކުރުމަށާއި ތެޔޮ އެތެރެ ކުރުމަށެވެ. މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދައުލަތުން ތެލަށް ކުރާ ހަރަދު މިއަހަރު ރެކޯޑު އަދަދަކަށް އިތުރާނެ ކަމަށް ލަފާކުރެވެ އެވެ.