އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް ރާއްޖެއަށް ދޫކުރި 30 ބިލިއަން ރުޕީސް (319 މިލިއަން ޑޮލަރު) ގެ ކަރަންސީ ސްވޮޕްގެ މުއްދަތު އިތުރު ކޮށްދީފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ، ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނީ، ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭއިން މި ސްވޮޕް ފެސިލިޓީ ނަގާފައިވަނީ މި އަހަރުގެ އޭޕްރީލް 23 ގަ އެވެ. ކަރެންސީ ސްވޮޕް ފެސިލިޓީއަކީ ތިން މަހަށް ދޫކުރާ ކުރު މުއްދަތުގެ ފައިނޭސިން ފެސިލިޓީ އެކެވެ. މީގެ ކުރިން ވެސް ސަރުކާރުން ނަގަފައިވާ ކަރެންސީ ސްވޮޕް ފެސިލިޓީތަކުގެ މުއްދަތު ހަ މަހަށް އިތުރުކޮށްދީފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ގާއިމްކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 400 މިލިއަން ޑޮލަރާއި 30 ބިލިއަން ރުޕީސް ދޫކުރަން އެއްބަސްވި އެވެ.

ކަރަންސީ ސްވޮޕްގެ މުއްދަތު އިތުރު ކުރި އިރު ސަރުކާރުން މި އަހަރު ވަނީ 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް އަނބުރާ ދައްކައިފަ އެވެ. އަދި ސަރުކާރުން ވަނީ މިދިޔަ ސެޕްޓެމްބަރު އިންޑިއާ ސަރުކާރުން އިޝޫކުރި 50 މިލިއަން ޑޮލަރުގެ ޓީބިލް ވެސް ދައްކައި ހަލާސްކޮށްފަ އެވެ. އެއާ އެކު، 2019 ވަނަ އަހަރު އިންޑިއާ ސަރުކާރު މެދުވެރިކޮށް ތިން ބުރެއްގެ މައްޗަށް ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި ވަނީ އެއްކޮށް މިހާރު ދައްކާފައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނީ އެ ތިން ޓީބިލްގެ އިންޓްރެސްޓް ރޭޓް ދައްކާފައިވަނީ އިންޑިއާ ސަރުކާރުން ކަމަށާއި އިންޓްރެސްޓް ރޭޓުގެ ގޮތުގައި 43 މިލިއަން ޑޮލަރު ދެއްކި ކަމަށެވެ.

ހައި ކޮމިޝަނުގެ ބަޔާނުގައިވާ ގޮތުން ކަރެންސީ ސްވޮޕާއި ޓީބިލް ފެސިލިޓީގެ އިތުރުން ދިގު މުއްދަތުގެ ޓީ ބޮންޑު ދެ ފެސިލިޓީއެއް ވެސް ރާއްޖެއަށް ދޫކޮށްފައިވެ އެވެ. އެއީ 250 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ ޓީ ބޮންޑް ދެ ފެސިލިޓީ އެވެ.

ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރު ކުރިއިރު މިދިޔަ ސެޕްޓެމްބަރު މަސް ނިމުނުއިރު ދައުލަތުގެ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގަ އެވެ. ކަރެންސީ ސްވޮޕް ބޭނުން ކުރަނީ ރިޒާވް އިތުރުކުރުމަށް ކުރު މުއްދަތުގެ ފައިނޭންސިން ފެސިލިޓީއެއްގެ ގޮތުގަ އެވެ.