ކަރެންސީ ސްވޮޕް ބޭނުން ކުރާކަށް ނުވިސްނަން: އަމީރު

ރިޒާވް ބޭންކް އޮފް އިންޑިޔާ (އާރްބީއައި) އިން ރާއްޖެ އަށް ކަރެންސީ ސްވޮޕް ލިބުނު ނަމަވެސް އެ ބޭނުން ކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.


މިދިޔަ ހަފުތާގައި "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި އަމީރު ވިދާޅުވީ، ސްވޮޕް އެގްރީމެންޓުން ލިބޭ ފައިސާ ބޭނުން ކުރާކަށް ނުޖެހޭނެ ކަމަށާއި އެކަން ކުރަން ޖެހުނަސް ކުރާނީ ވަރަށް މުހިއްމު ހާލަތެއްގައި ކަމަށެވެ.

ރާއްޖެ އާއި އިންޑިއާ އިން ވެފައިވާ އެއްބަސްވުމުގެ ދަށުން 400 މިލިއަން އެމެރިކާ ޑޮލަރާ ހަމައަށް ކަނޑައަޅާފައިވާ ސްވޮޕް ފެސިލިޓީއެއް ނެގުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ފުރުސަތު ލިބޭނެ އެވެ. މި ސްވޮޕް ފެސިލިޓީ ހަމަޖެހޭނީ މިހާރު ވެސް އަމަލުކުރަމުން އަންނަ 'ފްރޭމްވޯކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޮ ސާކް ކަންޓްރީސް'ގެ ދަށުން އަމަލުކުރާ 'ސްޓޭންޑް ބައި ސްވޮޕް އެރޭންޖްމަންޓް' ގެ ތެރެއިންނެވެ.

"އެހެންވީމާ އެއިން އަޅުގަނޑުމެންގެ ދަރަންޏަށް އެއްވެސް އަސަރެއް ނުކުރާނެ. އެ އަދަދު ލިބޭނީ ސަރުކާރުން ބޭނުން ވެއްޖެ ހިނދެއްގައި،" އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދައުލަތުގެ ކަންކަން މިހާރު ކުރިއަށް ގެންދާ ގޮތުން އެ ފައިސާ ހޯދާކަށް ނުޖެހޭނެ އެވެ. އަދި ވިދާޅުވީ، އެ ފައިސާ ބޭނުންކުރަން ޖެހޭ ފަދަ ހާލަތެއް ވެސް ކުރިމަތި ނުވާނެ ކަމަށެވެ.

ކަރެންސީ ސްވޮޕް ފެސިލިޓީއާ އެކު ރާއްޖޭގެ ރިޒާވް އިތުރުވާނެ އެވެ. މިއީ ރިޒާވް ބޮޑު ކުރުމަށް އޮތް ވަގުތީ ހައްލެއް ނަމަވެސް، މިއާއެކު ރާއްޖޭގައި އިންވެސްޓްކުރާނެ އިންވެސްޓަރުން ހޯދުމަށް ފަސޭހަ ވާނެ އެވެ. ކަރެންސީ ސްވެޕް ގައި ހިމެނޭ ފައިސާ، ލޯނު ނަގާ އުސޫލުން އަނބުރާ ދައްކަންޖެހެ އެވެ.

ދައުލަތުގެ ޔޫޒަބަލް ރިޒާވްގައި 249 މިލިއަން ޑޮލަރު ހުރި އިރު މުޅި ރިޒާވްގެ މިހާރުގެ އަދަދަކީ 766 މިލިއަން ޑޮލަރެވެ.