ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުން ހުރީ ހަމައެކަނި ޔޫއެސް ޑޮލަރަށް ބުރަވެ ތިބުމުގެ ބަދަލުގައި ރާއްޖެ އަށް ޓޫރިސްޓުން އަންނަ ގައުމުތަކާއި މުދާ އެކްސްޕޯޓްކުރާ ގައުމުތަކުގެ ފައިސާ ރާއްޖޭގައި ބޭނުންކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައީސް މި ހަފުތާގައި އިންޑިއާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވަނީ އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި) ގެ ދަށުން ރޫޕޭ ކާޑު ރާއްޖެ އަށް ތައާރަފްކޮށްފަ އެވެ. އެކަމަކު، މި ވަގުތު ރޫޕޭ ކާޑު ރާއްޖޭގައި ބޭނުން ކުރެވޭނީ އިންޑިއާ މީހުންނަށް އެކަންޏެވެ. އިންޑިއާ އަށް އެކި ބޭނުންތަކުގައި ދާ ދިވެހިންނަށް މިހާރު ރުޕޭ ކާޑު ބޭނުން ނުކުރެވުނަސް އެ އިންތިޒާމު ހަމަޖައްސަން ދެ ގައުމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރައީސް މުއިއްޒު އިންޑިއާ ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފިނޭންސް މިނިސްޓަރު ޒަމީރު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، "ލޯކަލް ކަރަންސީ ސެޓްލްމަންޓު އެގްރީމަންޓް" އެއް ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމް ކުރުމަށްޓަކައި މަޝްވަރާކޮށް، ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

"އެއާ އެކު، މިސާލަކަށް ރާއްޖެ އަންނަ ޓޫރިސްޓުން ރާއްޖޭގައި އިންޑިއާގެ ފައިސާ އިން މުއާމަލާތްކޮށް އަދި އަޅުގަނޑުމެންގެ އެކައުންޓަށް ވެސް އިންޑިއާގެ ފައިސާ ޖަމާކުރެވޭނެ. އެނގިވަޑައިގަންނަވާނެ އިންޑިއާ އަކީ ރާއްޖެ އަށް އެންމެ ގިނައިން އެއްޗެހި އިމްޕޯޓްކުރާ އެއް ގައުމު. އެހެންވީމާ އަޅުގަނޑުމެންނަށް އެ ފައިސާ ބޭނުން ކުރެވޭނެ [މުދާތައް ގަންނަން]،" ޒަމީރު ވިދާޅުވި އެވެ.

ސިއްހީ ބޭނުންތަކަށާއި ކިޔެވުމަށް ގިނަ ދިވެހިންތަކެއް އިންޑިއާ އަށް ދާކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ދެ ގައުމުގެ ފައިސާ ބޭނުންކުރުމުގެ ކަންކަން އެއްކޮށް ފުރިހަމަވުމުން ރާއްޖޭގައި ޑޮލަރަށް ޖެހިފައިވާ މައްސަލަ އަށް ހައްލެއް ލިބޭނެ ކަމަށެވެ.

ޒަމީރު ވިދާޅުވި ގޮތުގައި، އިންޑިއާ ފައިސާ ޖަމާކުރާނެ އެކައުންޓު ހުޅުވުން ފަދަ އިންތިޒާމުތައް ހަމަޖައްސައި، ގެންނަންޖެހޭ ބަދަލުތައް ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ އާއި މީރާ އިން ގެންނާނެ އެވެ.

ކުރިއަށް އޮތް [ޓޫރިސްޓް] ސީޒަނާ ދިމާކޮށް ރައީސް ކުރެއްވި މި ދަތުރުފުޅަކީ ވަރަށް ބޮޑަށް ރާއްޖޭގެ އިގުތިސާދަށް އޭގެ ސަބަބުން ފައިދާ ލިބިގެންދާނެ ކަމަށް އަޅުގަނޑު ޔަގީން ކުރަން،"--- ޒަމީރު

މިނިސްޓަރު ވިދާޅުވީ، ރާއްޖެ އަށް ޑިޖިޓަލް ބޭންކިން ތައާރަފު ކުރުމާއި އޮންލައިން ގޭޓްވޭގެ ހިދުމަތްތައް ޒަމާނަށް ފެއްތުމަކީ ރައީސް މުއިއްޒުގެ ވިސްނުންފުޅުގައި ހުރި ކަންކަން ކަމަށެވެ.

ރައީސް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވި އިންޑިއާގެ ވިޔަފާރިވެރިންގެ ބައްދަލުވުންތަކުގައި ވިޔަފާރިތައް ޑިޖިޓަލް ކުރުމުގެ ކަންކަން ވަރަށް ބޮޑަށް ޕްރޮމޯޓް ކުރެއްވި އެވެ.

ޒަމީރު ވިދާޅުވީ، އިންޑިއާ އިން ރާއްޖެ އަށް 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ދޭން ރައީސްގެ ދަތުރުފުޅުގައި އިންޑިއާގެ ސަރުކާރުން އެއްބަސްވެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއި ރާއްޖޭގެ އެމްއެމްއޭ އިން ސޮއިކުރި ކުރުމަކީ ވެސް ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އިންޑިއާ އިން 400 މިލިއަން ޑޮލަރުގެ ސްވޮޕްގެ އިތުރުން 30 ބިލިއަން އިންޑިއަން ރުޕީސްގެ އަދަދާ ހަމައަށް އެކި ފަހަރު މަތިން ސްވޮޕް ނެގޭނެ އެވެ.

ގާތްގަނޑަކަށް 700 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް އެ އެއްބަސްވުމުގެ ދަށުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމުގެ ނަތީޖާއަކީ ރާއްޖެ އަށް މިވަގުތު ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް ވަގުތީ ހައްލެއް ލިބި، ގްރޮސް ރިޒާވް ވެސް މައްޗަށް ދިއުން ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ރޭޓިން އެޖެންސީތަކުން ދީފައި ހުރި ރޭޓިން އަށް ބަލާއިރު ވެސް ރިޒާވް މައްސަލަ ވަރަށް ބޮޑަށް ފާހަގަކޮށްފައި އޮތީ. އެހެންވީމާ [ކަރަންސީ ސްވޮޕަކީ] އަޅުގަނޑުމެންނަށް ލިބޭނެ ފަސޭހައަކަށް ވާނެ. އެއާ އެއްކޮށް، އަޅުގަނޑު ގަބޫލު ކުރަނީ ރޭޓިން އަށް ހެޔޮ ބަދަލެއް އަންނަން ޖެހޭނެއޭ،" ފިނޭންސް މިނިސްޓަރުގެ މަގާމާ މިދިޔަ ސެޕްޓެމްބަރު 30 ގައި ހަވާލުވެވަޑައިގެންނެވި ކުރީގެ ފޮރިން މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

"އެހެން ވެއްޖިއްޔާ އަޅުގަނޑުމެންނަށް ދެން އިތުރަށް މާލީ ދާއިރާގައި ކުރަން ހުރި ރިފޯމް މަސައްކަތްތަކަށް ވެސް ފަސޭހަވެގެން ދާނެ."

މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ބަޖެޓް އެކަށީގެންވާ ގޮތަކަށް މެނޭޖު ކުރުމަށްޓަކައި އިސްލާހީ ބަދަލުތައް ގެނައުމާއި އިގުތިސާދު ފުޅާކުރުން ރައީސް މުއިއްޒުގެ އިސްލާހީ އެޖެންޑާގައި ހިމެނޭ ކަމަށެވެ.

ރައީސާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ މިދިޔަ ހޯމަ ދުވަހު ސަލާމް ކުރައްވަނީ.
ރައީސާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ މިދިޔަ ހޯމަ ދުވަހު ސަލާމް ކުރައްވަނީ.

ޒަމީރު ވިދާޅުވި ގޮތުގައި، އިންޑިއާ އަށް ރައީސް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ މާލީ ބަދަލުތަކަށް އަމަލީ ސިފަ ގެނައުމުގައި "ތަނަވަސްކަން" ލިބޭނެ އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ، ރައީސް މުއިއްޒާ އެކު މި ފަހަރު އިންޑިއާ އަށް ވަޑައިގެން އޭނާ ކުރެއްވި މައިގަނޑު އެއް މަސައްކަތަކީ ވެސް އިންޑިއާގެ ވިޔަފާރިވެރިންގެ ޝައުގުވެރިކަން ރާއްޖެ އަށް ހޯދުން ކަމަށެވެ. އޭނާ ވިދާޅުވީ، ބޭރު ފައިސާގެ ޑިމާންޑް ކުޑަކުރުމަށްޓަކައި ވެސް ރާއްޖެ އަށް ބޭރުގެ އިތުރު އިންވެސްޓްމަންޓުތައް ގެންނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ސޯސް މާކެޓެއްގެ ގޮތުގައި އިންޑިއާ މިހާރަށް ވުރެ ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވެސް މި ދަތުރުފުޅުގެ ސަބަބުން ފަސޭހަވެ އަދި ކުރިއެރުންތަކެއް ލިބޭނެ. ކުރިއަށް އޮތް [ޓޫރިސްޓް] ސީޒަނާ ދިމާކޮށް ރައީސް ކުރެއްވި މި ދަތުރުފުޅަކީ ވަރަށް ބޮޑަށް ރާއްޖޭގެ އިގުތިސާދަށް އޭގެ ސަބަބުން ފައިދާ ލިބިގެންދާނެ ކަމަށް އަޅުގަނޑު ޔަގީން ކުރަން،" ޒަމީރު ވިދާޅުވި އެވެ.

ރައީސް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ވެރިރަށް ނިއު ދިއްލީ އާއި މުމްބާއީ އަދި ބެންގަލޫރުގައި ބިޒްނަސް ފޯރަމްތައް ބާއްވައި އެ ގައުމުގެ ވިޔަފާރިވެރިން ރާއްޖެ ގެނައުމަށް މަސައްކަތްޕުޅު ކުރެއްވި އެވެ. އަދި އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ހަރަކާތެއް ބާއްވައި ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިންނާ ވެސް ބައްދަލުކުރެއްވި އެވެ.

އިންޑިއާގެ ރައީސްގެ ދައުވަތަަކަށް ކުރެއްވި ފަސް ދުވަހުގެ ދަތުރުފުޅަށް ފަހު ރައީސް މުއިއްޒު ރާއްޖެ ވަޑައިގަތީ މިއަދެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ އެއީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ.