ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިއަދަށް ހަމަވާ 50 މިލިއަން ޑޮލަރުގެ ލޯނު މިއަދު ހެނދުނު ދައްކަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވަނީ ކުރީގެ ސަރުކާރުތަކުން ނަގާފައި ހުރި ލޯނުތައް ދެއްކުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނައިރު ސުކޫކުގެ 524 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ދައްކަވާފައިވާކަން ވެސް ފާހަގަކުރައްވައިފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިއަދަށް ހަމަވާ ޕޭމަންޓެއް ވެސް މިހާރު ވަނީ ދައްކައި ނިމިފަ އެވެ. އެއީ އިންޑިއާ އިން ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ދަރަންޏެވެ. އޭގެ އިތުރުން ވެސް ދެ ފަހަރެއްގެ މަތިން އިންޑިއާ އިން 50 މިލިއަން ޑޮލަރުގެ ލޯނު އިބޫގެ ސަރުކާރުން ނަގާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިއަދު ޑިއުވެފައި އޮތް 50 މިލިއަން ޑޮލަރުގެ ލޯނު ދައްކައިފިން. 11 މެއިގައި ޕޭކުރާ ގޮތަށް މިދިޔަ ސަރުކާރުން ނަގާފައި އޮތް އެ 50 މިލިއަން ޑޮލަރުގެ ލޯނު ދައްކައިފިން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ "40 ދުވަހުގެ ތެރޭގައި 974 މިލިއަން ޑޮލަރުގެ ދަރަނިން ރައްޔިތުން ސަލާމަތްކޮށްފައި"ވާ ކަމަށެވެ.
"މިއީ މިދިޔަ ސަރުކާރުން ރައްޔިތުންގެ ބޮލުގައި އަޅުވާފައި އޮތް ދަރަނި ދަންތުރަ. މި ޑެޓް ޓްރެޕުން މިދަނީ ރައްޔިތުން ސަލާމަތްކުރަމުން."
އިންޑިއާ އިން އިބޫގެ ސަރުކާރުން ނެގި ލޯނު:
- 17 މާޗު 2019 ގައި 50 މިލިއަން ޑޮލަރުގެ ލޯނު ނެގި
- 26 ޖޫން 2019 ގައި 50 މިލިއަން ޑޮލަރުގެ ލޯނު ނެގި
- 1 އޮކްޓޫބަރު 2019 ގައި 50 މިލިއަން ޑޮލަރުގެ ލޯނު ނަގާފައިވޭ
ރައީސް މުއިއްޒު ވިދާޅުވީ އެ 150 މިލިއަން ޑޮލަރުގެ ލޯނު މިދިޔަ ސަރުކާރުން އައީ ކޮންމެ އަހަރަކު ވެސް ރޯލްއޯވާ ކުރަމުން ކަމަށެވެ.
"މި 150 މިލިއަން މިދިޔަ ސަރުކާރުން އައީ ކޮންމެ އަހަރަކު ވެސް ރޯލް އޯވާކުރަމުން. 2020، 2021 އަދި 2022 ގައި ވެސް،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެކަމަކު މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު އޭގެ ތެރެއިން އެއް 50 މިލިއަން ޑޮލަރު ވަނީ ޖެނުއަރީ 7، 2024 ގައި އިންޑިއާއަށް ދައްކާފައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބާކީ ދައްކަން އޮތް ބައި ރޯލްއޯވާ ކުރަމުން އައިސްފައިވާއިރު އޭގެ އެއް ޕޭމަންޓް މިއަދު ދައްކާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވެ އެވެ.
އެހެންވެ މިހާރު ދައްކަން އޮތީ އޭގެ ތެރެއިން 50 މިލިއަން ޑޮލަރު އެކަންޏެވެ. އެ ފައިސާ ވެސް އަންނަ ސެޕްޓެމްބަރު 17 ގައި ދައްކާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ރޯލްއޯވާ ކުރަމުން އައިސް މިއަދު 50 މިލިއަން މި ވަނީ ދައްކާފައި. ބާކީ އޮންނާނީ އިތުރު 50، އެއީ 17 ސެޕްޓެމްބަރުގައި ދައްކަންޖެހޭ. އިރާދަކުރެއްވިއްޔާ އެ ވެސް 17 ސެޕްޓެމްބަރުގައި އަޅުގަނޑުމެން ދައްކާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"މިދިޔަ ސަރުކާރުން ރައްޔިތުންގެ ބޮލުގައި އެޅުވި 150 މިލިއަން ޑޮލަރުގެ ދަންތުރައިން އަޅުގަނޑުމެން ރައްޔިތުން ސަލާމަތް ކުރާނަން."
ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ދަރަނި ފިލުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދައުލަތުގެ ބޮޑެތި މަގާމުތައް ފުރުއްވި ބޭފުޅުން މީހުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ވާހަކަ ދެއްކެވުމުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ހަލާކުވާ ގޮތަށް ހަގީގަތެއް ނެތް ގޮތަށް ވާހަކަ ދައްކަވާ ކަމަށް ވިދާޅުވެ އެ މަނިކުފާނު ނުރުހުން ފާޅުކުރެއްވި އެވެ.
"އަޅުގަނޑު ހިތާމަކުރަން ދައުލަތުގެ ބޮޑެތި މަގާމުތައް ފުރުއްވާފައި ތިބޭ ބޭފުޅުން. ރައްޔިތުންގެ ގޮތުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް އަދި ދިވެހިރާއްޖެއާ ބެހޭ ގޮތުން މި ގައުމާ ގުޅޭ ގޮތުން ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް އަދި ރާއްޖޭގެ އިގްތިސާދު ހަލާކުކުރުމަށް ހަގީގަތެއް ނެތް އެއްވެސް އަސާސެއް ނެތްގޮތަށް އެކި ކަހަލަ ވާހަކަތައް ދައްކަމުންދާތީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އަދި ހައިރާންވާ އަނެއް ކަމަކީ އެ ބޭފުޅުންގެ ސަރުކާރުން ދަރަނިތައް ނެގީ. އަޅުގަނޑު މި ދަނީ ދައްކަމުން. ދެން ދައްކާތީ ވެސް ކަންބޮޑުވަނީ. މިއީ މާ ކޫލްކަމެއް ނޫން."
ރައީސް އެގޮތަށް ވިދާޅުވިއިރު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިދިޔަ ހަފުތާގައި ބޭއްވި 10 ވަނަ އިންޑިއަން އޯޝަން ޑައިލޮގްގައި ބައިވެރިވެވަޑައިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިންޑިއާ އިން ނަގާފައިވާ ދަރަންޏާ ގުޅޭގޮތުން ހިޔާލުތަކެއް ހިއްސާކުރައްވައިފަ އެވެ.
ނަޝީދު ވިދާޅުވެފައި ވަނީ ސަރުކާރުން އެކުވެރި ދައުލަތްތަކުންނާއި މާލީ އިދާރާތަކުން ނަގާފައިވާ ލޯނާއި ލިބޭ ހިލޭ އެހީތައް ނުހަމަ ގޮތުގައި އިސްރާފުކުރަމުން ގެންދިއުމަކީ ރައްޔިތުންނަށް ލިބޭނެ ދެރައެއް ކަމަށެވެ. އަދި އިންޑިއާ އިން ނަގާފައިވާ ބޮންޑު ބޭނުންކުރުމުގައި ސަރުކާރުން ޕްރޮގްރާމެއް ހުށަހެޅުމަކީ މިވަގުތު ކޮންމެހެން ވެސް ބޭނުންތެރި ކަމެއްގެ ގޮތުގައި ނަޝީދު ވިދާޅުވެ އެވެ.