ރިޒާވު ދަށްވީ ކަރެންސީ ސްވޮޕަށް ފައިސާ ދެއްކުމުން

ރިޒާވަށް އެއް މަހުގެ ތެރޭގައި ބޮޑު ބަދަލެއް އައީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އަށް ކަރެންސީ ސްވޮޕްގެ ގޮތުގައި ސަރުކާރުން އަނބުރާ ދައްކަންޖެހޭ 100 މިލިއަން ޑޮލަރު ދެއްކުމުން ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.


މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖޭގެ ރިޒާވް 938 މިލިއަން ޑޮލަރުގައި ހުރުމަށް ފަހު، މާޗް މަސް ނިމުނު އިރު އެ އަދަދުން 162 މިލިއަން ޑޮލަރު ވަނީ މަދުވެފަ އެވެ.

އެމްއެމްއޭ އިން ބުނީ، ރިޒާވަށް އަންނަ މިފަދަ ބަދަލުތަކަކީ އާންމުކޮށް ވެސް އަންނާނެ ބަދަލުތަކެއް ކަމަށެވެ. އެއް މަހުގެ ތެރޭގައި 162 މިލިއަން ޑޮލަރު މަދުވެފައި ވާއިރު އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ދެއްކީ ކަރެންސީ ސްވޮޕަށެވެ. މީގެ އިތުރުން ކޮމާޝަލް ބޭންކުތަކުން ހިންގާފައިވާ މުއާމަލާތްތަކާއި އާންމުންނަށް ފޯރުކޮށްދޭ ޑޮލަރާއި ސަރުކާރުން ހަރަދު ކުރާ މިންވަރަށް ބަލައި މި ބަދަލުތައް ރިޒާވަށް އަންނާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

މީގެ ކުރިން ކަރެންސީ ސްވޮޕްގެ ގޮތުގައި 200 މިލިއަން ޑޮލަރު ހުރި ނަމަވެސް އާ ސަރުކާރުން ވަނީ އިންޑިއާގެ މަރުކަޒީ ބޭންކުން 400 މިލިއަން ޑޮލަރު ކަރެންސީ ސްވޮޕްގެ ގޮތުގައި ނެގޭނެ އިންތިޒާމް ހަމަޖައްސައިފަ އެވެ. މިކަން ހަމަޖެއްސީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެ ވަޑައިގެން ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އިންޑިއާގެ ވެރިންނާ މަޝްވަރާކުރެއްވުމަށް ފަހުގަ އެވެ.

މާޗު މަހުގެ ދައުލަތުގެ ރަސްމީ ރިޒާވް ވަނީ 776.2 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފަ އެވެ. ފެބްރުއަރީ މަހު ދައުލަތުގެ ރިޒާވު ހުރީ 938 މިލިއަން ޑޮލަރުގަ އެވެ. އެހެންވެ އެއް މަސް ދުވަހުގެ ތެރޭ 17 ޕަސެންޓު ވަނީ ދަށްވެފަ އެވެ.

ދައުލަތުގެ ރަސްމީ ރިޒާވް ދަށްވެފައި ވާއިރު ޔޫސަބަލް ރިޒާވް ވެސް ވަނީ ދަށްވެފަ އެވެ. އެގޮތުން ފެބްރުއަރީގެ ނިޔަލަށް ޔޫސަބަލް ރިޒާވް 295.3 މިލިއަން ޑޮލަރުގައި ހުރި އިރު މިހާރު އެ އަދަދު ވަނީ 251.8 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ.