ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ދީފައި އޮންނަ، ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ މަގުން މާރުކުރުމުގެ އިހުތިޔާރު އުވާލަން އެމްއެމްއޭއިން އެ ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެމްއޭ އިން ބުނީ، އެ ބަދަލު ގެނައުމަށް އެޓާނީ ޖެނެރަލް އޮފީހަށް އެ އިސްލާހުތައް ފޮނުވާފައިވާ ކަމަށާއި ވަރަށް އަވަހަށް މަޖިލީހަށް އެ އިސްލާހުތައް ފޮނުވާނެކަމަށް ގަބޫލުކުރާ ކަމަށެވެ.

އެމްއެމްއޭއިން މިދިޔަ އަހަރުގެ ޖެނުއަރީ މަހު އަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލު ކުރަން ފެށިއިރު، "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ މަގުން މާރުކުރުން ނުވަތަ ކޮންމެ މަސް ދުވަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރުކުރުމެވެ.

އެކަމަކު އަލަށް ގެނަން އުޅޭ ބަދަލާ އެކު ހުރިހާ ރިސޯޓަކުން ވެސް ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރުކުރަން ޖެހޭނެ އެވެ. އެމްއެމްއޭއިން ބުނީ، އެ ބަދަލު ގެންނަން ނިންމީ، ހުރިހާ ރިސޯޓުތަކުން ވެސް އެއް މިންވަރެއްގައި އެކަން ކުރެވޭނެ ގޮތެއް ހަދަން ކަމަށެވެ. އެމްއެމްއޭ އިން ބުނީ ހައިއެންޑް ރިސޯޓުތަކުން ވެސް ޑޮލަރު މާރުކުރަމުން އަންނަނީ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ކަމަށާއި ކޮންމެ މަހެއްގެ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރުކުރަނީ ކުދި ރިސޯޓުތަކުންކަން ފާހަގަކުރެވޭ ކަމަށެވެ.

އެހެންވެ، ކޮންވާޝަންގެ ތެރެއިން ވަރަށް ބޮޑު އަދަދެއް އެމްއެމްއޭއަށް ގެއްލޭ ކަމަށާއި އަލަށް ގެންނަ އިސްލާހުގެ ތެރެއިން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ބޭންކްތަކުން އިތުރަށް މާރުވާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގައި، ކެޓަގަރީ ބީގައި ހިމެނޭ ގެސްޓްހައުސްތަކަށް އެއްވެސް ބަދަލެއް ނުނެގެނެ އެވެ. 

އާ އިސްލާހުތަކުގެ ތެރެއިން ކެޓަގަރީ ސީގައި ހިމެނޭ، ޑޮލަރުގެ އާމްދަނީ ލިބޭ އެހެނިހެން ވިޔަފާރީގެ ތެރެއިން ޑޮލަރު މާރުކުރަން ޖެހޭ ވިޔަފާރިތަކުގެ އާމްދަނީ ތްރެޝްހޯލްޑް 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް އިތުރުކުރަން ވަނީ ނިންމާފަ އެވެ. މި އިސްލާހަށް އަމަލުކުރަން ފެށުމުން، ޓޫރިޒަމް ދާއިރާގައި ނުހިމެނޭ ވިޔަފާރިތަކުން 25 މިލިއަން ޑޮލަރަށް ވުރެ ދަށް އާމްދަނީއެއް ލިބޭ ނަމަ ޑޮލަރު މާރުކުރާކަށް ނުޖެހޭނެ އެވެ. އެ ކެޓަގަރީގެ ދަށުން މިހާރު ވެސް ޑޮލަރު މާރުކުރަމުން އަންނަނީ 12 ވަރަކަށް ކުންފުނިންނެވެ. މި ބަދަލުން، ޑޮލަރު މާރުކުރަމުން އައި އަދަދަށް ބަދަލެއް ނާންނާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ، އެ ކެޓަގަރީގައި ވަރަށް ތަފާތު ވިޔަފާރިތަކެއް ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ކޮންސްޓްރަކްޝަން އާއި ޓެލެކޮމް ދާއިރާގެ ވިޔަފާރިތައް ހިމެނޭ ކަމަށެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުގެ ތެރޭގައި ދިވެހި ވިޔަފާރިތައް ކެޓަގަރީ ސީގައި ހިމެނޭ ނަމަ، ޑޮލަރު މާރުކުރަން ޖެހޭ އަދަދު އާމްދަނީގެ ހަތް ޕަސެންޓަށް ކުޑަ ކުރުމުގެ ފުރުސަތު ވެސް އެމްއެމްއޭއަށް ލިބިފައިވެ އެވެ.

އެމްއެމްއޭއިން ވަނީ ޑިޕޮސިޓްގެ ރިކުއާމެންޓް އެންމެ ފުރިހަމައަށް މޮނީޓަކުރުމުގެ ގޮތުން ބޭރުގެ ބޭންކުތަކުގެ ޕީއޯއެސް މެޝިންތަކުން ވެސް ޓްރާންސެކްޝަން ހިންގަންވާނީ ރާއްޖޭގެ ބޭންކް އެކައުންޓެއްގައި އެ ފައިސާ ޖެހިފައި ކަމަށެވެ. އެކަމަށް އެގޮތަށް ކުރުމަށް ނެޝަނަލް ޕޭމެންޓް ސިސްޓަމް އެކްޓަށް އިސްލާހު ގެންނަން ވެސް އެމްއެމްއޭ އިން ވަނީ ނިންމާފަ އެވެ. 

މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް ދާއިރާއިން 5.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ އިރު އެފައިސާގެ ތެރެއިން އަދިވެސް ބޮޑުބައެއް ރާއްޖޭގެ ބޭންކިން ސިސްޓަމަށް ނުވަންނާތީ، އެކަން ކުރުމަށްޓަކައި އިތުރު ފިޔަވަޅުތައް ކުރިއަށް އޮތްތަނުގައި ވެސް އެޅުމަށް އެމްއެމްއޭއިން ވަނީ ނިންމާފަ އެވެ.

ރާއްޖޭގައި ހިންގާ ހުރިހާ ޓްރާންސެކްޝަންތަކެއް މޮނިޓާ ކުރުމަށްޓަކައި ނެޝަނަލް ސްވިޗެއް ލޯންޗްކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ. އެ ބަދަލު ގެންނަން ގާނޫނަށް މިހާރު ވަނީ އިސްލާހު ވެސް ހުށަހަޅައިފަ އެވެ. އޭރުން އޮންލައިންކޮށް ހިންގާ ހުރިހާ މުއާމަލާތްތަކެއްގެ މައުލޫމާތު ވެސް ނެޝަނަލް ޕޭމެންޓް ސިސްޓަމްގެ ތެރެއިން އެނގޭނެ އެވެ.