މިދިޔަ މަހު ރާއްޖޭގެ ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ނުވަތަ ޔޫޒަބަލް ރިޒާވް ވެސް ދަށަށް ގޮސްފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މަރުކަޒީ ބޭންކުގެ ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ 686.8 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފަ އެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 18 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.

އަދި މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 145.6 މިލިއަން ޑޮލަރު ނުވަތަ 17.5 ޕަސެންޓު ދަށް އަދަދެކެވެ.

ޖުމްލަ ރިޒާވާ އެކު، ޖޫން މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވް (ޔޫސަބަލް ރިޒާވް) ވެސް ވަނީ 248.9 މިލިއަން ޑޮލަރަށް ދަށްވެފައި ކަމަށް އެމްއެމްއޭއިން ބުންޏެވެ. މިއީ މިދިޔަ މޭ މަހާ އަޅާބަލާއިރު 11.9 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.

ނަމަވެސް، އަހަރުން އަހަރަށް ބަލާއިރު، ޖޫން މަހުގެ ނިޔަލަށް ޔޫޒަބަލް ރިޒާވް ވަނީ އިތުރުވެފަ އެވެ.

މިދިޔަ އަހަރުގެ ޖޫން މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގެ ގޮތުގައި ރެކޯޑުކުރެވިފައިވާ 203 މިލިއަން ޑޮލަރަކީ، މި އަހަރުގެ ޖޫން މަހު ހުރި އަދަދަށް ބަލާއިރު ގާތްގަނޑަކަށް 23 ޕަސެންޓުގެ ކުރިއެރުމެކެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި، މި އަހަރުގެ މެއި މަހާ އަޅާބަލާއިރު ޖޫން މަހު ގްރޮސް ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާއިން ކުރި ހޭދަ އިތުރުވުމެވެ.

"މީގެ ތެރޭގައި، ބޭންކިން ނިޒާމާއި މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ބޭރު ފައިސާއަށް އޮތް ބޮޑު ޑިމާންޑް އިތުރުވުމުގެ ސަބަބުން އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު، ކުރީ މަހާ އަޅާބަލާއިރު 43 ޕަސެންޓު އިތުރުވުން ހިމެނެ އެވެ،" އެމްއެމްއޭ އިން ބުންޏެވެ.

މި އަހަރުގެ މާޗް މަހު ރިޒާވް 1,331.8 މިލިއަން ޑޮލަރުގައި ހުރުމަށްފަހު، މިހާތަނަށް ވަނީ 645 މިލިއަން ޑޮލަރުގެ ދަށްވުމެއް އައިސްފަ އެވެ.

މީގެ ތެރެއިން އެންމެ ބޮޑު މިންވަރެއް މަދުވެފައިވަނީ އޭޕްރީލް މަހު އެވެ.

މިގޮތުން، އެ މަހު ވަނީ ކުރީގެ ސަރުކާރުން ނަގާފައިވާ 524.68 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ) ސުކޫކު އަނބުރާ ދައްކައި، ހަލާސްކޮށްފަ އެވެ.

އެ ދަރަނި ސަރުކާރުން އަދާކުރީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ.

މީގެއިތުރުން، އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވެސް މިދިޔަ އޭޕްރީލް މަހު ވަނީ އަނބުރާ ދައްކައިފަ އެވެ.