ރިސޯޓުތަކުން ދޭ ހިދުމަތްތަކާއި އެހެން ކަންކަމަށް ޑޮލަރަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭތީ، ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ ތަހައްމަލުކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށް ރިސޯޓް ވިޔަފާރިވެރިންގެ ޖަމްއިއްޔާ، މަޓީން މިއަދު ބުނެފި އެވެ.

މަޓީން ނެރުނު ބަޔާނެއްގައި ބުނީ ރިސޯޓުތަކުން ތެލާއި މުސާރަ އާއި ސާވިސް ޗާޖާއި ޓެކްސްތައް (ޓީޖީއެސްޓީ، ގްރީން ޓެކްސް، ވިތުހޯލްޑިން ޓެކްސް އަދި އިންކަމް ޓެކްސް) އާއި ކުލި އަދި ބޭރު ފައިސާ އިން ދައްކަންޖެހޭ ލޯނުތައް ކަހަލަ ގިނަ ހަރަދުތަކެއް ޑޮލަރުން ކުރަން ޖެހޭތީ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ އެ ސިނާއަތަށް ތަހައްމަލުކުރެވޭނެ މިންވަރެއް ނޫން ކަމަށެވެ.

ބައެއް ރިސޯޓު އޮޕަރޭޓަރުން ގާނޫނާ ހިލާފު މުއާމަލާތްތައްކޮށް، ކަޅު ބާޒާރުގައި ބޭރު ފައިސާގެ އަގު އުފުލުމަށް މަގުފަހިކުރާ ކަމަށް ސަރުކާރުގެ ތަހުގީގަކުން ތުހުމަތުކޮށްފައި ވިޔަސް، މަޓީން ބުނީ އެފަދަ ކަމެއްގެ މައުލޫމާތު އެ ޖައިއްޔާއަށް ލިބިފައި ނުވާ ކަމަށެވެ. އަދި އެ ހުރިހާ ރިސޯޓު އޮޕަރޭޓަރުން ވެސް ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އަބަދުވެސް އެ ޖަމިއްޔާއިން އިލްތިމާސްކުރާ ކަމަށް އެ ބަޔާނުގައި ބުންޏެވެ. 

މަޓީން ބުނީ މަދު ރިސޯޓު އޮޕަރޭޓަރުންތަކެއްގެ މައްސަލައެއް ތަހުގީގުކުރަމުންދާތީ، މުޅި ސިނާއަތަށް އަމާޒުކޮށްގެން ފިޔަވަޅު އެޅުމަކީ އަދި ޑޮލަރުގެ ކަޅު ބާޒާރު ހިންގާ ކަމުގެ ތުހުމަތު ރިސޯޓުތަކުގެ ބޮލުގައި އެޅުވުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ. 

ބޭރު ފައިސާއާ ބެހޭ ގާނޫނުގައިވާ ކެޓަގަރީ "އޭ" ގެ ތަންތަނުން (ރިސޯޓުތަކުން) ޖުމްލަ ލިބޭ އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަން ލާޒިމްކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އުޅޭ އިސްލާހާ މެދު މަޓީން އިންތިހާއަށް ކަންބޮޑުވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ. 

މަޓީން ބުނީ މަރުކަޒީ ބޭންކް އެމްއެމްއޭއާ އެކު ކުރިން ބޭއްވި ބައްދަލުވުންތަކުގައި އެ ޖަމިއްޔާއިން  ހުށަހަޅާފައި ވަނީ މާރުކުރަން ޖެހޭ މިންވަރު 10 ޕަސެންޓަށް ވުރެ އިތުރުނުކުރުމަށް ކަމަށެވެ. އަދި ގާނޫނީ ގޮތުން އިސްތިސްނާއަށް އެދިފައިވާ ރިސޯޓުތަކުގެ ހުށަހެޅުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ވެސް އެދިފައިވާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. 

ރާއްޖޭގެ 146 ރިސޯޓު ތަމްސީލުކުރާ މަޓީން ބުނީ ސަރުކާރާއި އެމްއެމްއޭއާ އެކު ވާހަކަދައްކައިގެން އިންސާފުވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް އެ ޖަމިއްޔާއިން އަބަދުވެސް ތައްޔާރަށް އޮތް ކަމަށެވެ. 

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އިއުލާންކުރެއްވި ގޮތުގައި، ބޭރު ފައިސާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އިހުތިޔާރު އުވާލުމުގެ އިތުރުން، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން 40 ޕަސެންޓު ކޮންމެ މަހަކު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް އެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ވަރަށް އަވަހަށް ހުށަހަޅުއްވާނެ އެވެ. 

ބޭރު ފައިސާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ބޭންކަށް ޑޮލަރު މާރުކުރުމަށް ދެ އިހުތިޔާރެއް ދެ އެވެ. އެއީ ކޮންމެ ޓޫރިސްޓެއްގެ ބޮަލަކަށް 500 ޑޮލަރުގެ މަގުން މާރުކުރުން ނުވަތަ އާމްދަނީގެ 20 ޕަސެންޓު މާރުކުރުމެވެ.