ބޭރު ފައިސާ މާރުކުރާ ހަތް ތަނެއް ބެލިއިރު، މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި އެ ތަންތަނުން ކަޅު ބާޒާރުގައި 77 މިލިއަން ޑޮލަރު ވިއްކާފައިވާކަން އެނގޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތް މިވަގުތު ދެނީ 63 ތަނަކުން ކަމަށެވެ. ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ނެތި ވެސް އެކަން ކުރާ ވަރަށް ގިނަ ބަޔަކު އުޅޭ ކަމަށާއި ހަތް ފަރާތެއް ބެލިއިރު މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި ކަޅުބާޒާރުގައި އެ މީހުން 77 މިލިއަން ޑޮލަރު ވިއްކާފައިވާކަން އެނގޭ ކަމަށް އިހުސާން ވިދާޅުވި އެވެ.
ހުއްދަ ނުނަގާ ބޭރު ފައިސާ މާރުކުރުމަކީ ރާއްޖޭގެ ގާނޫނުތަކާ ހިލާފު ކަމެއްކަން ހަނދާން ކޮށްދެއްވަމުން އިހުސާން ވަނީ މިފަދަ ކަންކަމުގައި އެއްވެސް ގޮތަކުން އެއްވެސް މީހަކު ބައިވެރިނުވުމަށް އެދިވަޑައިގެންފަ އެވެ.
"އެ ޖިނާއީ ކުށްކޮށްގެން މި ހޯދާ ފައިސާ އަމިއްލަ ގޮތުގައި ބޭނުންކުރުމާއި ވިޔަފާރި ގޮތުގައި ބޭނުންކުރުމާއި އޭގެ އިތުރު ފައިދާ ހޯދުމަކީ ރާއްޖޭގެ ގާނޫނުގައި މިވަގުތު ބުނާ ގޮތުން މަނީ ލޯންޑަރިން. އެހެންވީމާ، އެ ފަރާތްތަކުން މި އެންގޭޖުވަނީ އެނގިގެން ވިޔަސް، ނޭނގި ވިޔަސް، މަނީ ލޯންޑަރިން ހަރަކާތްތަކުގައި،" އިހުސާން ވިދާޅުވި އެވެ.
ކަޅު ބާރާޒަށް އެންމެ ގިނައިން ޑޮލަރު މާރުކުރަނީ ރިސޯޓުތަކުން
އިހުސާން ވިދާޅުވި ގޮތުގައި، ހުއްދަ ނުނަގާ ބޭރު ފައިސާ މާރުކުރާ ތަންތަނަކީ ރާއްޖެއަށް އެއްވެސް ގޮތަކަށް ޑޮލަރު އެތެރެކުރާ ނުވަތަ ޑޮލަރުން އާމްދަނީ ލިބޭ ހިދުމަތެއް ވެސް ދޭ ތަންތަން ނޫންކަން މިހާތަނަށް ބެލިބެލުމުން އެނގެ އެވެ. އެހެންވެ، އެ މީހުންނަށް ޑޮލަރު ދެނީ ކޮންބައެއްތޯ ބަލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ފަރާތަށް ކޮންމެވެސް ދިމާލަކުން ބޭރު ފައިސާ ދީގެންތާ ބޭރު ފައިސާ އެކްސްޗޭންޖު ކުރެވޭނީ. އެހެންވީމާ، އަޅުގަނޑުމެން މި ބެލީ ކޮންބައެއްތޯ މި މީހުންނަށް ބޭރު ފައިސާ ދެނީ، އެކްސްޗޭންޖުކުރުމުގެ ބޭނުމުގައި. ބަލާލިއިރު މީގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ޑޮލަރުން އާމްދަނީ ހޯދާ ފަރާތްތައް،" އިހުސާން ވިދާޅުވި އެވެ.
"އަންފޯޗުނޭޓްލީ މީގެ ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި ރާއްޖޭގެ ނަން މަޝްހޫރު ރިސޯޓުތައް. އޭގެ ތެރެއިން އެއް ފަރާތުން މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި، މި ދެންނެވި ރިސޯޓު ޗެއިނަކުން ހަތަރު މިލިއަން ޑޮލަރު ކަޅު ބާޒާރުގައި މާރުކޮށްފައި."
އިހުސާން ވިދާޅުވީ ބައެއް ރިސޯޓުތަކުން ކަޅު ބާޒާރަށް މާރުކޮށްފައި ހުރި އަދަދުތަކަކީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބޭރު ފައިސާ މާރުކުރަން ހަދާފައި އޮންނަ އުސޫލުގެ ދަށުން ބޭންކުތަކަށް މާރުކުރަން ޖެހޭ 20 ޕަސެންޓަށް ވުރެ ވެސް ބޮޑެތި އަދަދުތަކެއް ކަމަށެވެ.
"އެމްއެމްއޭ އިން ހަދާފައި އޮންނަ އުސޫލުން [ޑޮލަރު] މާރުކުރަން ޖެހޭ ވަރު މިއަށް ވުރެ ކުޑަ. އެކަމަކު ވަރަށް ގިނަ ފަހަރަށް އާގިއުމެންޓް އަންނަނީ މި [20 ޕަސެންޓު] ބޮޑުވެގެން. ކަޅުބާޒާރަށް ނެރެންވީމާ އެ ޑޮލަރު އެބަހުރޭ، އެމްއެމްއޭއަށް އެކްސްޗޭންޖުކުރަން ޖެހޭއިރު ނުހުރޭ،" އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ރިސޯޓުތަކުގެ އިތުރުން ޓޫރިޒަމް ސިނާއަތަށް އެކި ކަހަލަ ހިދުމަތްތައް ދޭ އެހެން ފަރާތްތަކުން ވެސް ކަޅުބާޒާރަށް ޑޮލަރު މާރުކުރާ ކަމަށެވެ. އަދި ޑޮލަރުން މުސާރަ ނުވަތަ އާމްދަނީ ލިބޭ ވަކިވަކި މީހުން ވެސް މީގެ ތެރޭގައި ހިމެނޭއިރު އެއީ ގިނައީ ކުށެއްކަން ހަނދާކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.