ހޯމްލޭންޑް މިނިސްޓްރީގެ ރަސްމީ ސިޓީއެއް ކަމަށް ދައްކައިގެން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ފޮނުވާފައިވާ ކަމަށް ބުނާ ފޭކް ސިޓީއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިރޭ އިލްތިމާސް ކުރައްވައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ސިޓީއަކީ ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފަށް އެޑްރެސްކޮށް، އިހުސާން ސޮއިކުރައްވާފައިވާ ސިޓީއެކެވެ.
އެ ސިޓީގައި ބުނެފައިވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ކަޅުބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކުގެ ދަށުން ބައެއް މައުލޫމާތު ހޯދަން ބޭނުންވާ ކަމަށެވެ.
އެގޮތުން، މަނީ އެކްސްޗޭންޖް ލައިސަންސް އޮންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ އެކައުންޓަށް 500 ޑޮލަރަށް ވުރެ މަތިން ފައިސާ ޖަމާކޮށްފައިވާ މީހުންގެ މިދިޔަ ހަ މަސް ދުވަހުގެ އެކައުންޓް ސްޓޭޓްމަންޓާއި ޒާތީ މައުލޫމާތު ހިއްސާކުރުމަށް އެ ސިޓީގައި އެދިފައިވެ އެވެ.
މިކަމާ ގުޅިގެން އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހޯމް މިނިސްޓްރީއަކީ ޖިނާއީ ތަހުގީގު ހިންގާ އިދާރާއަކަށް ނުވާތީ، ބޭންކުތަކުން މައުލޫމާތު ހޯދުމަށް އެފަދަ އެއްވެސް ލިޔެކިޔުމެއް ބީއެމްއެލް އަށް އަދި އެހެން އެއްވެސް މާލީ އިދާރާއަކަށް ފޮނުވާފައި ނުވާނެ ކަމަށެވެ.
އަދި ސޯޝަލް މީޑިޔާގައި ދައުރުވަމުންދަނީ އެ މިނިސްޓްރީގެ ނަން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހަދާފައިވާ ފޭކު ސިޓީއެއް ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.
ދައުލަތުގެ ރަސްމީ އިދާރާތަކުގެ ނަމުގައި މިފަދަ ފޭކް ލިޔެކިޔުންތައް އުފައްދައި، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް އިހުސާން ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
ފޭކް ސިޓީއާ ގުޅިގެން ބީއެމްއެމް އިން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ ބޭންކުގެ ކަސްޓަމަރުންގެ ބޭންކިންގެ މައުލޫމާތު ހަމައެކަނި ފޯރުކޮށްދޭނީ ބޭންކިން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކޯޓު އަމުރެއްގެ ދަށުންނާއި ތަހުގީގީ އިދާރާތަކުން ލިޔުމަކުން އެދި ބޭންކަށް ހުށަހެޅުމުން ކަމަށެވެ.
"ކަސްޓަމަރުންގެ މައުލޫމާތު ހޯދުމަށް އެދި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ އިން މި ބޭންކަށް ސިޓީއެއް ފޮނުވާފައި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ނޫން ސިޓީއެެއްކަން މި ފުރުސަތުގައި ދަންނަވާލަމެވެ،" ބީއެމްއެލް އިން މިރޭ ބުންޏެވެ.
ފޭކް ސިޓީ ސޯޝަލް މީޑިއާގައި ދައުރުކުރަން ފަށާފައިވަނީ، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.
މިގޮތުން، ރިސޯޓުތަކަށް ބޭރު ފައިސާ އިން ނުވަތަ ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް މުއިއްޒު މިއަދު ވަނީ ތަސްދީގު ކުރައްވައިފަ އެވެ.
އަދި ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ހަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިރޭ ވަނީ ގެނެސްފަ އެވެ.
މި ހަ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ، ގާނޫނާއި ގަވާއިދާ ހިލާފަށް ހުއްދަނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދައި ދެނެގަނެ، އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ދައުލަތުގެ ކަމާގުޅޭ މުއައްސަސާތައް ގުޅިގެން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯސްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ހަތަރު މީހަކާއި އިންޑިއާގެ ދެ ރައްޔިތެކެވެ.
ފުލުހުން ބުނީ، މި މައްސަލަތަކުގެ ތަހުގީގުން މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މި ހަ މީހުންގެ އެކައުންޓްތަކުގައި ޖުމްލަ 54،429،550.00 ދިވެހި ރުފިޔާ އަދި 1,627,810 އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.