ޑޮލަރު ޓްރާންސްފާތަކަށް ހޭދަވާ ވަގުތު އަންނަ ހަފުތާގައި އާއްމު ހާލަތަށް ގެނެވޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރުމަހަކީ އާންމުކޮށް ވެސް ޑޮލަރުގެ ތާށިކަން އެންމެ ބޮޑަށް ކުރިމަތިވާ އެއް މަސް ކަމަށާއި އޭގެ ސަބަބުން ބޭންކަށް އޮތް ގޮންޖެހުންތައް އިތުރުވެފައިވާ ކަމަށެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި އެ ބޭންކު މެދުވެރިކޮށް ރުފިޔާ އެކައުންޓްތަކުން ކުރާ ބޭރުގެ މުއާމަލާތްތައް މި އަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެވްރެޖްކޮށް މަހަކު 81.6 މިލިއަން ޑޮލަރު ބޭންކުން ވިއްކާފައިވާއިރު، މި އަހަރުގެ އެ މުއްދަތާ ހަަމައަށް ޖުމްލަ 653 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުންޏެވެ.
"މިދިޔަ އަހަރާ އަޅާބަލާއިރު މިއީ ގާތްގަނޑަކަށް 33.33 ޕަސެންޓް ނުވަތަ ތިންބައިކުޅަ އެއްބައިގެ އިތުރުވުމެއް. މި ނިސްބަތުން ބޭންކުން ޑޮލަރު ވިއްކުން ކުރިއަށްގެންދާ ނަމަ، މި އަހަރު ނިމެންވާއިރަށް ވިއްކާ ޑޮލަރުގެ އަދަދު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވޭ،" ބީއެމްއެލް އިން ބުންޏެވެ.
ޑޮލަރު ވިއްކާފައިވާ މައިގަނޑު ދާއިރާތަކާއި އަދަދުތައް
- ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް: މަހަކު 38 މިލިއަން ޑޮލަރު
- ޓެލެގްރަފިކް ޓްރާންސްފަ(ޓީޓީ)ތަކަށް: މަހަކު 27 މިލިއަން ޑޮލަރު
- ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް މަހަކު 9.4 މިލިއަން ޑޮލަރު
- ޞިއްހީ އަދި ތަޢުލީމީ ބޭނުންތަކަށް: މަހަކު 7.3 މިލިއަން ޑޮލަރު
ބީއެމްއެލް އިން ބުނި ގޮތުގައި ބޭންކުން ބޭރުވާ ޑޮލަރުގެ ނިސްބަތް އިތުރުވެފައިވާތީ މިދިޔަ ދެ ހަފުތާގެ ތެރޭގައި ޓެލެގްރަފިކް ޓްރާންސްފާ(ޓީޓީ) އާއި ބޭންކުތަކުގެ މެދުގައި ކުރާ ޓްރާންސްފާތައް ހިމެނޭހެން ޑޮލަރުގެ މުއާމަލާތްތައް ފުރިހަމަ ކުރުމުގައި ލަސްތަކެއް ކުރިމަތިވި އެވެ.
ބޭންކުން ބުނީ ޑޮަލރު ލިބޭ އަދަދާއި ޑޮލަރު ހޭދަވާ މިންވަރު ޒިންމާދާރުކަމާއި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖުކުރަން އެ އީ-ކޮމާސް މުއާމަލާތްތައް ލިމިޓްކޮށް، ޒަރޫރީ އަދި ކޮންމެހެން ބޭނުންތެރި މުއާމަލާތްތަކަށް އެ ބޭންކުން އިސްކަންދޭން ފަށާފައިވާ ކަމަށެވެ.
އެ ފިޔަވަޅުތަކުގެ ސަބަބުން ބޭންކުން ބޭރުވާ ޑޮލަރުގެ މިންވަރު ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާ އެއްހަމައެއްގައި ހިފަހައްޓަން އެހީތެރިވެދިން ކަމަށް ވެސް ބުންޏެވެ.
"މިއާއެކު ކުރިއަށް އޮތް ހަފުތާ ނިމެންވާއިރަށް ޑޮލަރުގެ މުއާމަލާތްތައް އާންމު ހާލަތަކަށް ރުޖޫއަވާނެ ކަމަށް ލަފާކުރެވޭ. އަދި މިކަމާ ގުޅޭ މައުލޫމާތު ބޭންކުގެ ރަސްމީ މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާނެ،" ބީއެެމްއެލް އިން ބުންޏެވެ.
އެންމެ ބޮޑު އިސްކަމެއް ދެނީ، އެ ބޭންކުން ބުނި ގޮތުގައި، ދެމެހެއްޓެނެވި ގޮތެއްގައި މުއާމަލާތްތައް ކުރެވޭނެ މަގުފަހިކޮށްދިނުމަށާއި ކޮންމެހެން ބޭނުންތެރި ފައިސާގެ މުއާމަލާތްތަކަށް އިސްކަންދިނުމަށެވެ.
ފަރުދުންނާއި ވިޔަފާރިތަކާއި އަދި ގައުމަށް އިތުބާރު ހުރި މާލީ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމަށް އަބަދުވެސް މަސައްކަތްކުރާނެ ކަމަށާއި ބީއެމްއެލްއަކީ މާލީގޮތުން ހަރުދަނާ ބޭންކެއް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މިހާރު ދިމާވެފައިވާ ހާލަތަކީ ޑޮލަރުގެ ޑިމާންޑާއި ސަޕްލައިއާ ދެމެދު އުފެދިފައިވާ ވަގުތީ ނުތަނަވަސްކަމެކެވެ. އެއީ ބޭންކުގެ އޮޕަރޭޝަންތަކުގެ ނުވަތަ ބެލެންސް ޝީޓުގެ ބަލިކަށިކަމެއް ނޫން ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ޑޮލަރުގެ ހާލަތު ވަރަށް ގާތުން ބަލައި ކަސްޓަމަރުންނާއި ހިއްސާދާރުން އަދި މުޅި އިގްތިސާދުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އަޅަމުން އަންނަ ކަމަށާއި ކަސްޓަމަރުން ކުރާ އިތުބާރަށާއި ހިއްސާދާރުން ދެއްވާ އެއްބާރުލުމާއި ޔަގީންކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.