ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ހަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މި ހަ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ގާނޫނާއި ގަވާއިދާ ހިލާފަށް ހުއްދަނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދައި ދެނެގަނެ، އެފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ދައުލަތުގެ ކަމާގުޅޭ މުއައްސަސާތައް ގުޅިގެން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯސްއިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ހަތަރު މީހަކާއި އިންޑިއާގެ ދެ ރައްޔިތެކެވެ.
- މުހައްމަދު ރާހުލް އަމީން، ބަންގްލަދޭޝް (އެކައުންޓަންޓް)
- މައްސޫޑް މިއާ، ބަންގްލަދޭޝް (ވެއިޓާ)
- އެމްޑީ ފަރީދުއްދީން، ބަންގްލަދޭޝް (ޑްރައިވާ)
- މުހައްމަދު މަހަމޫދު ހަސަން، ބަންގްލަދޭޝް (ކްލީނާ)
- މުހައްމަދު އަސަތު ކަލަންދަރު ހުސެއިން، އިންޑިއާ (ސޭލްސްޕާސަން)
- ދުލްކަރްނާއީ އިމްރާންހާން، އިންޑިއާ (އިންޖިނިއާ)
ފުލުހުން ބުނީ، މި މައްސަލަތަކުގެ ތަހުގީގުން މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި މި ހަ މީހުންގެ އެކައުންޓްތަކުގައި ޖުމްލަ 54،429،550.00 ދިވެހި ރުފިޔާ އަދި 1,627,810 އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި މި ހަ މީހުންނަކީ، ރާއްޖޭގައި މަސައްކަތް ކުރުމަށް ހުއްދަދެވިފައިވާ ދާއިރާގެ ބޭރުން، ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުން އައި ބައެއްކަންވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ގާނޫނާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުގެ މައްސަލަތައް ބެލުމަށް ޓާސްކްފޯސްއިން އެއްކޮށްފައިވާ މައުލޫމާތުތައް އިތުރަށް ދިރާސާކުރިއިރު، ބައެއް އަމިއްލަ ފަރުދުންގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކާއި، އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް ބިދޭސީން އިސްވެ ހިންގަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.
އަދި ގާނޫނާ ހިލާފު އަމަލުތަކުން ހޯދާ ފައިސާ ދައުރުކޮށް މުއާމަލާތްކުރުމަށްޓަކައި، ދިވެހިންގެ އެކައުންޓްތައް އެފަދަ ބިދޭސީންނާ ހަވާލުކޮށްފައި ހުންނަކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިގޮތުން، އެއްވެސް ފަރާތެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓެއް، އެހެން ފަރާތަކުން ހިންގާ ގާނޫނާ ހިލާފު އަމަލުތަކަށް މަގުފަހިކުރުމަށް ދޫކުރުމަކީ އެ އެކައުންޓެއްގެ ވެރިފަރާތުގެ މައްޗަށްވެސް ކުށުގެ ބައިވެރިއެއްގެ ހައިސިއްޔަތުން ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށް ފުލުހުން ވަނީ ހަނދާންކޮށްދީފަ އެވެ.
އެހެންކަމުން، އެއްވެސް ފަރާތަކުން ގާނޫނާ ހިލާފު އަމަލުތައް ހިންގުމަށްޓަކައި އަމިއްލަ ބޭންކު އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ހަ ބިދޭސީން އަތުލައިގެންފައިމިވަނީ، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.
މިގޮތުން، ރިސޯޓުތަކަށް ބޭރު ފައިސާ އިން ނުވަތަ ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު މިއަދު ވަނީ ތަސްދީގު ކުރައްވައިފަ އެވެ.