ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި 254 މީހުން ހޯދައި، އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް މި ސަރުކާރުން "ކުރަނގި އޮޕަރޭޝަން" ފެށީ މޭ 2024 ގަ އެވެ. އެ އޮޕަރޭޝަނުގެ ތެރެއިން 191،723 އަށް ވުރެ ގިނަ ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޮޓޯ ނަގައި، ޑޭޓާބޭސް އަޕްޑޭޓުކޮށްފައިވެ އެވެ.
ގާނޫނާއި ގަވާއިދުތަކުގެ ތެރެއަށް ވަދެގެން ރާއްޖޭގައި މަސައްކަތްކުރުމަށް އެ މީހުންނަށް އެތައް މުހުލަތެއް ދިނުމަށް ފަހު، އެކަމަށް ދިން އެންމެ ފަހުގެ މުއްދަތު ހަމަވީ މި މަހުގެ ދެވަނަ ދުވަހު އެވެ.
އެހެންވެ، މިއަދު ހަވީރު 4:00 އިން ހަވީރު 6:00 އާ ހަމައަށް މާލޭގައި ހާއްސަ އޮޕަރޭޝަނެއް އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ އެވެ.
އިމިގްރޭޝަނުގެ މީޑިއާ އޮފިޝަލް، "މިހާރު" އަށް ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި 1،344 މީހަކު ބަލައިފާސްކޮށް، އޭގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ 254 މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައްހަކަން ކަށަވަރު ކޮށްފައިވާ އެކްޓިވް ވޯކްޕާމިޓުގައި މިވަގުތު ރާއްޖޭގައި ގާއިމުވެ ތިބެގެން މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 ޕަސެންޓު މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނަގައި ނިމިފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ އަދަދު ނޮވެމްބަރު 17، 2023 ގައި ހުރީ އެންމެ 13 ޕަސެންޓުގަ އެވެ.
އެ މަނިކުފާނު ވިދާޅުވީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ހިންގާ މި އޮޕަރޭޝަންގެ ދަށުން، ކުރިއަށް އޮތް ހަ މަސް ދުވަހު ކުރާނެ މަސައްކަތަކީ ގަވާއިދާ ހިލާފަށް އުޅޭ މީހުން ހޯދައި، ރާއްޖެއިން ޑީޕޯޓުކުރުމުގެ މަސައްކަތް ކަމަށެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރައީސް މުއިއްޒު ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ރާއްޖޭގައި ލިޔެކިޔުންނެތި އުޅެމުން އައި ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލުކުރުމުގެ ގައުމީ މިޝަން އެ އިދާރާއާ ހަވާލުކޮށްފައި ކަމަށެވެ. އެހެންވެ، ހޯމް މިނިސްޓްރީ އާއި ސަރުކާރުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކުން މިދިޔަ ދެ އަހަރު ވަރުބަލި ކަމެއް ނެތި މަސައްކަތްކުރީ އެ މަގްސަދު ހާސިލުކުރުމަށް ކަމަށް އިހުސާން ވިދާޅުވި އެވެ.
މިއަދުގެ އޮޕަރޭޝަނުގައި ބައިވެރިވި ހުރިހާ މުވައްޒަފުންނާއި މުއައްސަސާތަކަށް ޝުކުރު އަދާކުރައްވައި އިހުސާން ވަނީ އެ ކާމިޔާބު އޮޕަރޭޝަނާ ގުޅިގެން ރައީސް މުއިއްޒަށް ވެސް މަރުހަބާ ދަންނަވައިފަ އެވެ.
އޭނާ ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި މި ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ހާސިލް ކޮށްފައިވާ ކާމިޔާބީއަކީ ކުރީ ސަރުކާރުތަކަށް އެތައް އަހަރެއްވީއިރު ވެސް ކާމިޔާބު ނުކުރެވުނު މިންވަރެއް ކަމަށެވެ.
މާސް ލީގަލައިޒޭޝަން ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން، ވަޒީފާ އަދާކުރުމުގެ ހުއްދަ ނެތް މީހުންނާއި ހުއްދައިގެ މުއްދަތު ހަމަވެފައިވާ މީހުންނާއި ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ނެތް ބިދޭސީންނަށް ވެސް ގާނޫނާ ގަވާއިދުގެ ތެރެއިން ރާއްޖޭގައި އުޅުމަށް ފުރުސަތު ދިނެވެ.