ބިދޭސީން ލީގަލައިޒްކުރުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން ބިދޭސީން ލީގަލައިޒް ކުރުމަށް ދީފައިވާ މުއްދަތުގައި 98 ޕަސެންޓު މީހުން ގަވާއިދަށް ފައްތާފައިވާ ކަމަށާއި ބާކީ ތިބި މީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ރައީސް އެކްސްގައި އެގޮތަށް ޕޯސްޓްކުރެއްވިއިރު މިވަގުތު ވެސް މޯލްޑިވްސް އިމިގްރޭޝަނުން ދަނީ މާލޭ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ މީހުން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ. އިރުއޮއްސި 6:00 އާ ހަމައަށް އެ އޮޕަރޭޝަން ކުރިއަށް ގެންދާނެ އެވެ. 

ރައީސް ވިދާޅުވީ ސައްހަކަން ކަށަވަރުކުރެވިފައިވާ އެކްޓިވް ވޯކްޕާމިޓުގައި މިވަގުތު ރާއްޖޭގައި ގާއިމުވެތިބެގެން މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނަގާ ނިމިފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ އަދަދު ނޮވެމްބަރު 17، 2023 ގައި ހުރީ އެންމެ 13 ޕަސެންޓުގަ އެވެ. 

އެ މަނިކުފާނު ވިދާޅުވީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ހިންގާ މި އޮޕަރޭޝަންގެ ދަށުން، ކުރިއަށް އޮތް ހަ މަސް ދުވަހު ކުރެވޭނެ މަސައްކަތަކީ ގަވާއިދާ ހިލާދަށް އުޅޭ މީހުން ހޯދައި، ރާއްޖެއިން ޑީޕޯޓުކުރުމުގެ މަސައްކަތް ކަމަށެވެ. 

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން، ވަޒީދާ އަދާކުރުމުގެ ހުއްދަ ނެތް މީހުންނާއި ހުއްދައިގެ މުއްދަތު ހަމަވެފައިވާ މީހުންނާއި ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ނެތް ބިދޭސީންނަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނު ކުރަނގީގެ ދަށުން ހިންގާ މާސް ލީގަލައިޒޭޝަން ޕްރޮގްރާމުގައި ދިން އެންމެ ފަހު މުއްދަތު ހަމަަވީ މި މަހުގެ ދެ ވަނަ ދުވަހު އެވެ. 

ހޯމް މިނިސްޓްރީން ކުރިން ކުރި އިއުލާނެއްގައި ބުނީ އެއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހު ފުރުސަތު ކަމަށެވެ. 

އެ އޮޕަރޭޝަނުގެ ދަށުން ބިދޭސީ މަސައްކަތްތެރިންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ނަގައި، ޑޭޓާބޭސް އަޕްޑޭޓު ކުރަން ފެށީ މެއި، 2024 ގަ އެވެ.

މިނިސްޓްރީން ވަނީ އެ ޕްރޮގްރާމުގެ ދަށުން ވަޒީފާ ބޭނުންވާ ބިދޭސީންގެ ޖޮބް މެޗިންގް މަސައްކަތްތައް ކޮށްދޭން ނިންމައިފަ އެވެ. އެއީ މިނިސްޓްރީން ހުޅުވައިލި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން ވަޒީފާއެއް ނެތް ބިދޭސީން، ވަޒީފާއަށް އެދި އެކަމަށް ހާއްސަކޮށްފައިވާ ފޯމެއް ފުރިހަމަކޮށް ހުށަހެޅުމުން ލިބޭ ފުރުސަތެކެވެ. 

މިނިސްޓްރީން އެންމެ ފަހުން އާންމު ކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި 181،093 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓުކޮށްފައިވެ އެވެ.