ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ދުވަސްވީ މައްސަލަ އަންނަ އަހަރުގެ މެއި މަސް އަންނައިރު ހައްލުވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރުންނާ ސުވާލުކުރަން ބާއްވަމުން އަންނަ "އަހާ" ފޯރަމްގައި މިނިސްޓަރު އިހުސާން ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ސަރުކާރުތަކުން ސީރިއަސްކޮށް ނަގާފައި އޮތް މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް، މި ސަރުކާރުން މިހާތަނަށް މައްސަލަ ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން އޮޕަރޭޝަން ކުރަނގި ނަމުގައި މަސައްކަތް ފަށައި، ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ފެށިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި ސަރުކާރާ ހަވާލުވިއިރު ރާއްޖޭގައި ރެކޯޑް ކޮށްފައި ތިބީ 295،000 ބިދޭސީންނެވެ. އޭގެ ތެރޭގައި ފިންގަ ޕްރިންޓް ނަގައި، ކާކުކަން އެނގޭ ގޮތަށް ތިބީ އެންމެ 22،000 މީހުން ކަމަށް ވިދާޅުވި އެވެ.
އެކަމަކު މި ސަރުކާރުން ކުރި މަސައްކަތުން 260،000 މީހުން ވެރިފައިކޮށް، ބަޔޯމެޓްރިކްސް ނަގާފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މިހާރު ރާއްޖޭގައި ބަޔޯމެޓްރިކްސް ނުނެގި ތިބޭނީ އެންމެ ޕަސެންޓެއްގެ ބިދޭސީން ކަމަށް ވެސް ވިދާޅުވި އެވެ.
އެ ގައުމެއްގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު ނޭނގޭ އެއް ޕަސެންޓް މީހުން ތިބި ތިން ގައުމުގެ ގޮތުގައި މި ވަގުތު މުޅި ދުނިޔޭގައި ވެސް އޮތީ ރާއްޖޭގެ އިތުރުން ސިންގަޕޫރާއި ޔޫއޭއީ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އިހުސާން ވިދާޅުވީ އަންނަ މަހުގެ މެއި މަހުގެ ނިޔަލަށް މުޅި މައްސަލަ ހައްލު ކުރަން އަމާޒު ހިފާފައިވާއިރު، މައްސަލަ ހައްލުކުރުމުގެ ދެވަނަ ފިޔަވަހީގައި ގަވައިދާ ހިލާފަށް އުޅޭ މީހުންނާއި ގަވައިދާ އެއްގޮތަށް އުޅޭ މީހުން ވަކި ކުރާނެ ކަމަށެވެ. އަދި ކުރަން އައި މަސައްކަތް ނޫން އެހެން މަސައްކަތެއްގައި އުޅޭ މީހުން ޑީޕޯޓް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.
"އަންނަ އަހަރުގެ މެއި މަހާ ހަމައަށް ދާއިރު މި އޮޕަރޭޝަން ނިންމާލެވޭއިރު ޓާގެޓަކީ ބިދޭސީގެ އާބާދީ ތިބޭނީ ބައިނަލްއަގްވާމީ މިންގަނޑުން ބަލައިގަންނަ މިންވަރަށް އެ މައްސަލަ ހައްލު ކުރެވިފައި ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.