ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ/ މިހާރު
18 ޑިސެމްބަރ 2025 - 12:01
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ބަޔޯމެޓްރިކްސް ދޭން ސަރުކާރުން ދިން މުހުލަތު ހަމަވި ފަހުން ނުދީ ތިބި 500 މީހަކު މިހާތަނަށް ޑީޕޯޓްކޮށްލާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ތަންފީޒީ އިދާރާތަކުގެ ވެރިންނާ އެކު އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ބިދޭސީންގެ މައުލޫމާތު އެއްކޮށް، އެ އެންމެންނަކީ ސަރުކާރަށް އެމީހުންގެ މައުލޫމާތު އެނގޭ އަދި ޒިންމާވާނެ ބަޔަކު ތިބި މީހުންނަށް ހަދަން ހިންގާ އޮޕަރޭޝަން މެއި 1، 2027އާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ. އެހާ ހިސާބަށް ރާއްޖޭގައި ގަވައިދާ ހިލާފަށް ތިބޭ ހުރިހާ އެންމެން ހިފައި ހައްޔަރުކޮށް ރާއްޖޭން ބޭރުކުރުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފަނަރަ ނޮވެމްބަރު 2025 އިން ފެށިގެން މިއަދާ ހިސާބަށް ގާތްގަނޑަކަށް އެއް މަސް ތެރޭގައި، މިހާތަނަށް ފިންގަޕްރިންޓް ނުދީ ރާއްޖޭގައި އުޅެމުން އައި ބިދޭސީންގެ ތެރެއިން 509 ބިދޭސީން ވަނީ އިމިގްރޭޝަނުން ހިފައި ރާއްޖެއިން ބޭރުކޮށްލާފައި،" އިހުސާން ވިދާޅުވި އެވެ.
އެއާއެކު މި ދެ އަހަރުގެ ތެރޭގައި ޑީޕޯޓްކުރި ބިދޭސީންގެ ޖުމްލަ އަކީ މިހާރު 9،695 ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ތަންފީޒީ އިދާރާތަކުގެ ވެރިންނާ އެކު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި. ފޮޓޯ: ނިޝާން އަލީ | މިހާރު
ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ އެންމެންނަކީ ސައްހަ ލިޔެކިއުން ހުރި، ސަރުކާރަށް އެ މީހުންގެ މައުލޫމާތު އެނގޭ ބަޔަކަށް ހަދަން ހިންގާ އޮޕަރޭޝަނުގެ ފަހު ފޭސް ފަށާނީ އަންނަ އަހަރު ކަމަށް ވެސް ވިދާޅުވި އެވެ. އެ ފޭސް ނިމޭ އިރު ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީން ވާނީ ސަރުކާރަށް އެ މީހުންގެ މައުލޫމާތު އެނގޭ، އަދި އެ މީހުންނަށް ޒިންމާވާނެ އެމްޕްލޯޔަރުން ތިބި ބަޔަކަށް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ މައުލޫމާތު އެއްކުރަން މިހާތަނަށް ކުރި މަސައްކަތުން 202،000 މީހެއްގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ.
"މިހެންކަމުން އަޅުގަނޑުމެން ޓާގެޓް ކުރި ވަރަށް ވުރެ ވެސް އަވަހަށް އަޅުގަނޑުމެންގެ މަސައްކަތް ނިންމާލެވޭނެ ކަމުގެ އުއްމީދު އެބަ އޮތް،" އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި މިހާތަނަށް މައުލޫމާތު އެއްކުރި މީހުންގެ ތެރެއިން އެމްޕްލޯޔަރެއް ނެތް މީހުން އެމްޕްލޯޔަރެއް ހޯދައި، ނިޒާމުގެ ތެރެއަށް ވަންނަން ތިން މަސްދުވަހުގެ މުހުލަތެއް ދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
18 December 2025
ޙޫމް، ޑިޕޯޓުކޮށްލީ ދޯވ؟ ހައުދަހައި ހިތްވަރުގަދަ ކުދީންކޮޅެކޭ ދޯވ؟
ޕާޓޭބޮސް
18 December 2025
ބަޔޯމެޓްރިކްސް ނުދީކީއްކުރާނީ މާގަދަހަދަންޏާ މަގުމަތިން ހިފަހައްޓާފަ އުފުރާލާ!
އޮނަރަބްލް އަފީފު ދީދީ
18 December 2025
ރާއްޖޭގެ ޓްއަރިޒަމަށް މީގެ ނުބައިއަސަރު ނުކުރަނީސް މިކަން ކޮންޓްރޯލް ކުރުމަށްޓަކާ އީޔޫގެ ޤައުމުތަކާއި، އިޤިރޭސިވިލާތް، ސްވިޓްޒަލެންޑް، ޖެޕާން، ކޮރެއާ، ސައުދީ، ޤަޓަރ، ކްވެއިތު، ޔޫއޭއީ، ރަޝިޔާ، ސިންގަޕޯރ، ތައިލެންޑް، މެލޭޝިޔާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ކެނަޑާ، އެމަރިކާ، ސައުތުއެފްރިކާ ޗައިނާ، އިންޑިޔާ، އަދި ލަންކާ ނޫން އެހެން ޤައުމުތަކުގެ އޯޑިނެރީ ޕާސްޕޯޓް ހޮލްޑަރުންނަށް އެޑްވާންސް ވީސާނެތި ރާއްޖެ ނާދެވޭގޮތް ހަދާފައި ތިކަންކަން ކުރުން ބުއްދިވެރި.
އޮނަރަބްލް އަފީފު ދީދީ
18 December 2025
އިމިޤްރޭޝަން ޤާނޫނާއި ޙިލާފަށް "ބިރެއްނެތި ފާޅުގައި ރާއްޖޭގައި އުޅެން އާންމުވެފައިވާ މީހުންނަކީ" ބަންގްލަދޭޝް މީހުން. އެކަމަކު އެ މީހުނަކީ ދުނިޔޭގެ ކުރިއަރާފައިވާ އެއްވެސް ޤައުމެއް އަދި އަވައްޓެރި އިންޑިޔާ، ޕާކިސްތާން، އަފްޤާނިސްތާން އާއި ލަންކާ އަށް ވެސް "އޮން އޭރައިވް ވީސާ ދޫނުކުރާ" އެޑްވާންސް ވީސާ ނަގައިގެން ނޫނީ އޯޑިނަރީ ޕާސްޕޯޓް ހޯލްޑަރުންނަށް ދަތުރު ނުކުރެވޭ ޤައުމެއް. ދެން ކީއްވެގެންތޯ އެމީހުނަށް ރާއްޖެއިން އޮންއެރައިވްޑ ވީސާ ދޫކުރަނީ؟!
ޕާޓޭބޮސް
18 December 2025
ބޯކޮށް ކަޓުލިބޭތީ!!!
އޮނަރަބްލް އަފީފު ދީދީ
18 December 2025
ރާއްޖޭގައި އޮތް އިމިޤްރޭޝަން ޤާނޫނާއި ޙިލާފް ބިދޭސިންގެ މައްސަލަ އާއި ހިއުމަންޓްރެފިކް ކުރުމުގެ ނުރައްކާތެރި މައްސަލަ އަށް ޙައްލު ހޯދަން ބޭނުން ނަމަ އިމިޤްރޭޝަން ޤަވާއިދު ނާޖާއިޒް ގޮތުގައި ބޭނުން ކުރަން އޮތް ފުރުސަތު ބަންދުކޮށް ކުރިއަރާފައިވާ ޤައުމު ތަކުންވެސް މިފަދަ މައްސަލަ ހައްލު ކުރަން އަޅާފައިވާ ފިޔަވަޅުތައް އަޅައި ރާއްޖޭގެ ބޯޑަރ ވެލެހެއްޓުން ހަރުދަނާ ކުރަން އިމިޤްރޭޝަން ޤަވާއިދު ތަކަށް ގެންނާންޖެހޭ މުހިންމު ބަދަލުތައް އަވަސްކޮށް ކުރާންޖެހޭ.
އަބްޑޫޅް +
18 December 2025
އެ ފުރުސޮތު ބަންދުކުރީމަ، ވެޜިންގެ އާމުދަނީ އުނިވަނީއޭ.
ކެލާ
18 December 2025
އިހުސާނުގެ ބަޔޯމެޓްރިކްސް ވެސް ދީފަ ބަހައްޓަން ވާނީ.
ކުދުބެއްޔާ
18 December 2025
5 ލައްކަމީހުންގެތެރެއިން 2 ލައްކަމީހުން!!!!! ތި ނިމުނީ؟؟؟؟؟؟؟
އޮނަރަބްލް އަފީފު ދީދީ
18 December 2025
ފްލައިޓް މެނިފެސްޓް ބަލައިގެން އެތެރެވާމީހާ ދެނެގަތުން ފަދަ މުސްކުޅި ބޯދާގޮތްތައް ދޫކޮށްލާފައި ކުރިއަރާފައިވާ ޤައުމުތަކުން ކަންކުރާގޮތަށް ރާއްޖޭގެ އިމިޤްރޭޝަނުން ވެސް ކަންކަންކުރުން ރަނގަޅު. އެގޮތުން ދިވެހިން އާންމުކޮށް ދަތުރުކުރާ އިޤިރޭސިވިލާތް، އޮސްޓްރޭލިއާ، ތައިލެންޑް، ޗައިނާ، ލަންކާ އަދި އިންޑިޔާ ފަދަ ޤައުމުތަކުން ވެސް އެ ޤައުމަށް އެތެރެވުމުގެ 24 ގަނޑި އިރުކުރިން ފުރާންޖެހޭ އީޓީއޭ Electronic Travel Authorization ރާއްޖޭގައި ވެސް ތައާރަފް ކުރޭ.
އޮނަރަބްލް އަފީފު ދީދީ
18 December 2025
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ރައްކާތެރިކަން އޮތްކަން ރާއްޖެ އަންނަ ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނަށާއި، މަލްޓި ބިލިޔަން ޑޮލަރުގެ ކުންފުނިތަކުގެ ވެރިންނާއި، މަޝްހޫރު ކުޅިވަރު ތަރިންގެ އިތުރުން ހޮލީވޫޑް އަދި ބޮލީވޫޑް ތަރިންނާއި، އެފަދަ Celebrity އިންނަށް ކަށަވަރު ކޮށްދިނުމަށްޓަކާ ވެސް މަތީގައިދެންނެވި ޤައުމުތައް ފިޔަވާ އެހެން އެހެން ޤައުމުތަކުގެ އޯޑިނަރީ ޕާސްޕޯޓް ހޯލްޑަރުންނަށް އެޑްވާންސް ވީސާނެތި ރާއްޖެ ނާދެވޭގޮތަށް ހަދާން ޖެހޭ.
އަހަނމަދު
18 December 2025
މާރަނގަޅެއްނު! އެނބުރި ގޮސްސަ އެހެން ޕާސްޕޯޓެއްގަ އަންނަންވީ.