ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ގަވައިދަށް ފައްތަން ނުވަތަ ގައުމަށް އަނބުރާ ފޮނުވާލަން ސަރުކާރުން ކުރިއަށް ގެންދާ "އޮޕަރޭޝަން ކުރަނގި" ފެށި އިރު ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން ގަވައިދާ އެއްގޮތަށް ތިބީ އެންމެ 28 ޕަސެންޓް މީހުން ކަމަށާއި އޮޕަރޭޝަނާ އެކު މިހާރު އެ އަދަދު 62 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންގައި މިނިސްޓަރު ވިދާޅުވީ 2024 ވަނަ އަހަރުގެ މޭ މަހު ކުރަނގި އޮޕަރޭޝަން ފެށި އިރު ވޯކްޕާމިޓް ފީ ނުދެއްކުން ނުވަތަ ވިސާއެއް ނެތި ތިބުން ފަދަ ކޮންމެވެސް އެއް ކެޓަގަރީއަކަށް ފެތޭ 148،417 ބިދޭސީން ރާއްޖޭގައި ތިބި ކަމަށް ލިޔެކިއުންތަކުން ފެންނަން އޮތް ކަމަށެވެ. ނަމަވެސް އެ އެންމެން ރާއްޖޭގައި ތިބިކަން ނުވަތަ ނޫންކަން އޭރު ކަށަވަރު ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެވަގުތަށް، ސިސްޓަމްގެ ޒަރިއްޔާއިން ބަލާއިރު ގަވައިދާ އެއްގޮތަށް ތިބި ކަމަށް ބެލެވެނީ ބިދޭސީންގެ ތެރެއިން 28.97 ޕަސެންޓް މީހުން. އަޅުގަނޑުމެން މިދިޔަ ދެ އަހަރު ކުރެވުނު މަސައްކަތުން، ފުރިހަމައަށް ޑޮކިއުމެންޓް ހަމަކޮށް ލާރި ދައްކާފައި ތިބި މީހުންގެ އަދަދު ވަނީ 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުކުރެވިފައި،" އިހުސާން ވިދާޅުވި އެވެ. 

ނަމަވެސް އިއްޔެއާ ހިސާބަށް، ވޯކްޕާމިޓް ފީ ނުދައްކާ އޮތް މީހަކު ވެސް އެ އަދަދުގެ ތެރޭގައި ނުހިމަނާ ކަމަށާއި އެހެންވީމާ އެއީ ސައްހަކަން 100 ޕަސެންޓް ކަށަވަރުކޮށްފައިވާ މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި މިދިޔަ ދެ އަހަރު ކުރި މަސައްކަތުން ގާތްގަނޑަކަށް 206،000 ބިދޭސީންގެ ފިންގަޕްރިންޓް ނަގާފައި ވާއިރު ފިންގަޕްރިންޓް ނުދީ އަދި ވެސް 2،933 މީހަކު އެބަ ތިއްބެވެ. އެއީ ކޮން ބައެއްކަން ވެސް އިމިގްރޭޝަނަށް ވަނީ ދެނެގަނެވިފަ އެވެ.

"އެހެންވީމާ މިވަގުތަށް ބަލާއިރު އަޅުގަނޑުމެންނަށް ކަންބޮޑުވާ ގޮތަށް ގަވައިދާ ހިލާފަށް އުޅެމުންދާ އަދަދަކީ މި އަދަދު [2،933]،" އިހުސާން ވިދާޅުވި އެވެ.

އަންނަ މޭ މަހުގެ ދެވަނަ ދުވަހަކީ އޮޕަރޭޝަން ކުރަނގީގެ ފޭސް ތިނެއް ފަށާ ދުވަސް ކަމަށާއި އެ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި، ގަވައިދާ ހިލާފަށް އެ މީހުން ހޯދައި ހައްޔަރުކޮށް ރާއްޖޭން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ  ވިދާޅުވި ގޮތުގައި ސައްހަ ލިޔެކިއުންތަކާ އެކު ތިބި 62 ޕަސެންޓް މީހުންގެ އިތުރަށް ތިބި އެންމެންނާ މެދުގައި ވެސް އަމަލުކުރާނީ އެއް އުސޫލަކުންނެވެ. ބިދޭސީން ގެންގުޅޭ މީހުންނަށް، އެމީހުން ގެންގުޅޭ ބިދޭސީންގެ ސްޓޭޓަސް، އިމިގްރޭޝަންގެ ސިސްޓަމުން ފެންނަމުންދާނެ ކަމަށާއި ވިސާ ދައްކަން ޖެހޭ ދުވަސް ވެސް ވަރަށް ސާފުކޮށް އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން އެކަން އޮތް އިރު ބިދޭސީން ގެންގުޅޭ މީހުން އެމީހުންނަށް ދައްކަން ޖެހޭ ފީތައް ގަވައިދުން ދެއްކުމަށް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.