ރާއްޖެއިން ބޭރަށް ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ތިބި ބިދޭސީ ބައެއްގެ އަތުން ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފި އެވެ. 

ފުލުހުން މިއަދު ބުނީ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، އެ ކަމަށް ހާއްސަ ކޮށްފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ހަ ބިދޭސީއަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓާފައިވާ ކަަމަށެވެ. 

ބަންގްލަދޭޝް އަށް އުފަން އެ ހަ މީހުން ފުރަން ގޮސް ތިއްބާ، ހުއްޓުވީ އެ މީހުންގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ފެނުނު މައްސަލައެއްގަ އެވެ.

ފުލުހުން ބުނީ އެ ހަ މީހުންގެ އަތުން 174,161 ޔޫއެސް ޑޮލަރާއި 56,760 ޔޫރޯ އާއި 1،815 ސްޓާލިން ޕައުންޑް ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ފެނުނު ކަމަށެވެ. އެ ފައިސާގެ ޖުމުލަ އަގު ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް ފުލުހުން ބުންޏެވެ. 

ފުލުހުން އާންމުކޮށްފައިވާ ފޮޓޯގައިވާ ގޮތުން އެ ފައިސާ ފޮރުވާފައި ހުރީ ސީރިއަލް ޕެކެޓުތަކެއްގެ ތެރޭގަ އެވެ. 

އެ މައްސަލައާ ގުޅިގެން އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުގީގު ހިންގަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު މި ފަހުން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ރިސޯޓުތަކަށް ބޭރު ފައިސާ އިން ނުވަތަ ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

ހުއްދަ ނެތް ފަރާތުން ޑޮލަރު ވިއްކާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ދީފައިވާއިރު މި ފަހުން ވެސް ވަނީ އެ ވިޔަފާރީގައި އުޅޭ ބިދޭސީންތަކެއް ހައްޔަރުކޮށްފަ އެވެ. އަދި މަނީ އެކްސްޗޭންޖު ވިޔަފާރި ހިންގުމުގެ ހުއްދަ ނެތި އެ ވިޔަފާރިކުރާ ކުންފުންޏެއްގެ އޮފީހަށް ފުލުހުން ފުރަތަމަ ފަހަރަށް މި މަހުގެ އެއްވަނަ ދުވަހު ވަދެ ރެއިޑްކުރި އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ހިންގާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން އެ ފަހަރު ރެއިޑްކުރީ "ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް" ކިޔާ ކުންފުންޏެއްގެ އޮފީހެވެ. 

އެ ކުންފުނިން ބޭރު ފައިސާގެ ވިޔަފާރި ހިންގުމަށް ބޭނުންކުރާ ބޭންކު އެކައުންޓްތައް ފްރީޒް ކޮށްފައިވާ ކަމަށް ވެސް ފުލުހުން އޭރު ބުނެފައި ވެ އެވެ.

ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަކީ ރ. އަތޮޅުގައި އޮންނަ ފުރަވެރި މޯލްޑިވްސް ރިސޯޓު ހިންގާ ކުންފުންޏެވެ. އެ ކުންފުނިން ގިނަ އަދަދެއްގެ ވިޔަފާރި ހުއްދަތައް ނަގާފައިވާކަން ވެސް އިކޮނޮމިކް މިނިސްޓްރީގެ  ބިޒްނަސް ޕޯޓަލް އިން ދައްކަ އެވެ. 

ނިޔާޒް ސްޓޯރާއި ޕޭޖް ހާޑްވެއާގެ ފިހަރާތަކާއި ނައިޑްގެ ނަމުގައި ހިންގާ ފިހާރަތަކަކީ މި ކުންފުންޏާ ގުޅޭ ވިޔަފާރިތަކެވެ.