މަނީ އެކްސްޗޭންޖު ވިޔަފާރި ހިންގުމުގެ ހުއްދަ ނެތި އެ ވިޔަފާރިކުރާ ކުންފުންޏެއްގެ އޮފީހަށް ފުލުހުން ފުރަތަމަ ފަހަރަށް މިއަދު ވަދެ ރެއިޑްކުރަން ފަށައިފި އެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މަރުކަޒީ ބޭންކް އެމްއެމްއޭ އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން "ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް" ކިޔާ ކުންފުންޏެއްގެ އޮފީސް ރެއިޑްކޮށް، ބަލައިފާސްކުރަމުން އަންނަ ކަމަށެވެ.
އެ ކުންފުނިން ބޭރު ފައިސާގެ ވިޔަފާރި ހިންގުމަށް ބޭނުންކުރާ ބޭންކު އެކައުންޓްތައް ފްރީޒްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމަށް މ. ދަނބުގޯޅީގައި ހުންނަ އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް އެބަގެންދާ ކަމަށެވެ.
ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަކީ ރ. އަތޮޅުގައި އޮންނަ ފުރަވެރި މޯލްޑިވްސް ރިސޯޓު ހިންގާ ކުންފުންޏެވެ. އަދި އެ ކުންފުނިން ގިނަ އަދަދެއްގެ ވިޔަފާރި ހުއްދަތައް ނަގާފައިވާކަން ވެސް އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އިން ދައްކަ އެވެ.
ނިޔާޒް ސްޓޯރާއި، ޕޭޖް ހާޑްވެއާގެ ފިހަރާތަކާއި ނައިޑްގެ ނަމުގައި ހިންގާ ފިހާރަތަކަކީ މި ކުންފުންޏާ ގުޅޭ ވިޔަފާރިތަކެވެ.
އެ ކުންފުނީގެ އޮފީސް ރެއިޑްކޮށްފައި ވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް، ހުއްދަ ނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދައި ދެނެގަނެ، އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާގުޅޭ މުއައްސަސާތައް ގުޅިގެން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯސް އިން އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށް ފުލުހުން އިއްޔެ ބުނެފައި ވަނިކޮށެވެ.
ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ހަ ބިދޭސީއަކު ވެސް، އެ ޓާސްކްފޯސްގެ އޮޕަރޭޝަނެއްގައި އިއްޔެ ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ ހަތަރު މީހަކާއި އިންޑިއާގެ ދެ މީހެކެވެ. އެ އެންމެންނަކީ ވެސް ރާއްޖޭގައި މަސައްކަތް ކުރުމަށް ހުއްދަ ދީފައިވާ ދާއިރާގެ ބޭރުން، ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުން އައި ބައެއްކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިއްޔެ ބުނި ގޮތުގައި، އެ މައްސަލަތަކުގެ ތަހުގީގުން މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އެ ހަ މީހުންގެ އެކައުންޓްތަކުގައި ޖުމްލަ 54.4 މިލިއަން ރުފިޔާ އާއި 1.6 މިލިއަން ޑޮލަރު ދައުރުކޮށްފައިވެ އެވެ.
ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ސަރުކާރުން މިހާރު ވަނީ ގިނަ ފިޔަވަޅުތަކެއް އަޅަން ފަށައިފަ އެވެ.
ރިސޯޓުތަކަށް ބޭރު ފައިސާ އިން ނުވަތަ ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް މިއަދު ވަނީ އަމަލުކުރަން ވެސް ފަށައިފަ އެވެ.