ރާއްޖޭގައި ގަވައިދާ ހިލާފަށް ބޮޑުއަގުގައި ބޭރުފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތަށް ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި އެވެ.
އެކްސްގައި ފުލުހުން ކުރި ޕޯސްޓެއްގައި ބުނީ އެ ތިން މީހުން ހައްޔަރުކުރީ ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން ކަމަށެވެ.
އިއްޔެގެ ވަގުތެއްގައި ހައްޔަރުކުރި އެ ތިން މީހުންނަކީ އާމިރު ސައިން އާއި އެމްޑީ މީޒާނުއްރަހްމާން އަދި ސިރާޒް ޚާން އެވެ.
އެ މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށް ގެންދާ ކަމަށާއި އެ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ލައިސަން ނެތި ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން، ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު އެފަދަ މައްސަލަތައް ތަހުގީގު ކުރަން އެކުލަވާލާފައިވާ ޓާސްކްފޯސްއާ ހިއްސާކުރަން ފުލުހުން އެދެ އެވެ. މައްސަލަތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކުރަން ފުލުހުން އެދެ އެވެ.