ރާއްޖޭގެ ރަސްމީ ވައިގެބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އަހަރު 8.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލުން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ އެއާޕޯޓުން މިދިޔަ އަހަރު 8.28 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ހަތް ޕަސެންޓުގެ ކުރިއެރުމެކެވެ. 

އޭގެ ތެރެއިން 5.38 މިލިއަން ފަސިންޖަރުންނަކީ އިންޓަނޭޝަނަލް ދަތުރުތަކުގެ ހިދުމަތް ހޯދި ފަސިންޖަރުންނެވެ. އަދި ޑޮމެސްޓިކް ދަތުރުތަކުގައި 1.17 މިލިއަން ފަސިންޖަރުން ހިދުމަތް ދިންއިރު، 1.73 މިލިއަން ފަސިންޖަރަކަށް ސީޕްލޭންގެ ހިދުމަތް ދީފައިވެ އެވެ. 

އެއް ދުވަހާ އެންމެ ގިނަ ފަސިންޖަރުން ހިދުމަތް ދިން ދުވަހަކީ މިދިޔަ މަހު 28 އެވެ. އެ ދުވަހު ފުރޮޅުލީ ބޯޓުތަކުގައި ދަތުރުކުރި 27،381 ފަސިންޖަރަކަށް ވީއައިއޭ އިން ހިދުމަތް ދީފައިވެ އެވެ. 

ސީޕްލޭން ދަތުރުތައް އެންމެ ބާރުބޮޑުވި ދުވަހަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހެވެ. އެ ދުވަހު 7،439 ފަސިންޖަރަކަށް ސީޕްލޭންގެ ހިދުމަތް ދީފައިވެ އެވެ. 

ވީއައިއޭގައި މިދިޔަ އަހަރުގެ އެއާ ޓްރެފިކް މޫވްމަންޓްގެ ޖުމްލަ އަދަދު 249،214 ހުރި އިރު، އެއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 8 ޕަސެންޓުގެ ކުރިއެރުމެކެވެ. 

އޭގެ ތެރެއިން 34،868 އެއާ ޓްރެފިކް މޫވްމަންޓްސްއަކީ އިންޓަނޭޝަނަލް ދަތުރުތަކެވެ. އަދި 28،348 ޑޮމެސްޓިކް އަދި 185،998 ސީޕްލޭން އެއާ ޓްރެފިކް މޫވްމަންޓްސް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. 

ރާއްޖެއަށް މިދިޔަ އަހަރު 2.25 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ 2024 ވަނަ އަހަރާއި އަޅާބަލާއިރު 10 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި ޓޫރިޒަމުން ލިބުނު އާމްދަނީ 5.4 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.