މިދިޔަ އާދިއްތަ ދުވަހު ހިނގި އެކްސިޑެންޓުގައި ޖެހުނު ޕިކަޕު އަދި ސައިކަލް ބިންމަތީގައި.-- ފޮޓޯ: ނިޝާން އަލީ/މިހާރު
16 ޖުލައި 2025 - 18:46
މާލޭގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޔޫސުފް އަލްސަން މުހައްމަދު ނިޔާވި އެކްސިޑެންޓުގައި ދުއްވީ އެހެން މީހަކު ކުއްޔަށް ނެގި ސައިކަލެއްކަން އެނގިއްޖެ އެވެ.
އާއިލާއާ ގާތް ގުޅުމެއް އޮންނަ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި، މިދިޔަ މެއި މަހު 17 އަހަރު ފުރުނު އަލްސަން ސައިކަލު ދުއްވާ ކަމެއް އެ އާއިލާގެ އެއްވެސް މީހަކަށް ނޭނގެ އެވެ. ތަނަކަށް ދާން ޖެހުނަސް ކޮންމެ ފަހަރަކު ބައްޕަ، މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އަދި އާއިލާގެ އެކި މީހުން ތަންތަނަށް ގެންގޮސްދޭ ކަމަށް ބުންޏެވެ.
ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އަދި ތޭރަވާގެ ހުރި ހަމައެކަނި ދަރިފުޅު، އަލްސަން ބޮޑުތަކުރުފާނުމަގު، މާފަންނު ބަސް ޓާމިނަލް ކައިރީ އެކްސިޑެންޓުވުވެ ނިޔާވީ އެހެން ކުއްޖަކާ އެކު ސައިކަލުގައި ބާރަށް ދުއްވަނިކޮށް، މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިގައި ޖެހި، ކުރިމަތިން އައި ޕިކަޕެއްގައި ޖެހިގެންނެވެ.
ނަން ނުޖެހުމަށް އެދި ވާހަކަދެއްކި މީހާ ބުނީ އަލްސަން ދުއްވީ ތަނަކުން ކުއްޔަށް ނެގި ސައިކަލެއްކަން އެނގުމުން، އެފަދަ ވިޔަފާރިކުރާ ތަންތަނަށް ގުޅައިގެން އާއިލާއިން މައުލޫމާތު ހޯދި ކަމަށެވެ.
"އެ ހިސާބުން މި އެނގުނީ ސައިކަލު އަސްލު ދޫކުރީ 22 އަހަރުގެ ފިރިހެނަކަށް ކަމަށް، އޭނާގެ އައިޑީކާޑާއި ލައިސަންސް ކާޑު ދެއްކީމާ ދޫކޮށްފައިވާކަން ޔަގީންވަނީ،" އޭނާ ބުންޏެވެ.
"އެކްސިޑެންޓުވި ދުވަހުގެ ހަވީރު ސައިކަލު ޑެލިވާ ކޮށްދިނީ."
ސައިކަލު ކުއްޔަށް ނެގީ އަލްސަން ދުއްވި ސައިކަލް ފަހަތުގައި އިން 16 އަހަރުގެ ކުއްޖާގެ އާއިލާގެ މީހެކެވެ. ނަމަވެސް، އޭނާ ސައިކަލު ނެގުމަށްފަހު ދުއްވަން ދިނީ ކާކަށް ކަމެއް ނޭނގެ އެވެ.
އެކްސިޑެންޓުވި ސައިކަލުގައި އިން 16 އަހަރުގެ ކުއްޖާއަށް އައިޖީއެމްއެޗްގެ ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ. މަގުހުރަސްކުރަނިކޮށް އަނިޔާވި، ބ. ތުޅާދުއަށް އުފަން 40 އަހަރުގެ ފިރިހެން މީހާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގަނޑިޔާ!!!
17 July 2025
މަގުމަތީ ހުރަސްކުރާ ވަގުތު ދުއްވައިގަތުމީވެސް މޮޔަކަމެއް.
ގުނައިދު ޝަރީފް
17 July 2025
ތީކީ އެއްވެސް ވާހައެއްނޫން. އެއްވެސް މީހަކު ކުށްވެރިއެއް ނުވާނެ.
ސައިކަލު
17 July 2025
މައިންބަފައިންނަށް ދަރިން ތަންތަނަށް ގޮސް ސައިކަލު ދުއްވަން ދަސްކޮށްގެން ސައިކަލު ދުއްވާކަން ނޭނގި އޮތުމުން އެނގެނީ އެ ދަރިން އުޅޭނޫޅޭގޮތް މައިންބަފައިން ރަނގަޅަށް ނުބަލާ ކަމެވެ.
އެކޮއި
17 July 2025
ޅަ ކުދިންގެ ސިކުނޑީގައި ތެތްކަމެއް ނެތެއްކަމަކު ބޮޑެތިމީހުންނަށް އެނގެންވާނެ މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން. ބައެއްގެ އިހުމާލު ބައެއްގެ ލޯބިވާ ފުރާނައިގެ އެއްބައި އެދިޔައީ ވަކިވެގެން. އަދި އަނެއްމީހަކަށް އަދިވެސް އެ އުޅެނީ ހޭވެރިކަމެއްނުވެގެން. ކިތައް ޢާއިލާގެ ކިތައްމީހުންނަށް ލިބިގެންދިޔަ ކިހާބޮޑު އަނިޔާއަކާ ހިތްދަތިކަމެއް އެއީ؟ ކުއްޖާގެ މައިންބަފައިން ޤަބޫލުކުރާގޮތުގައި ކުއްޖާއަށް ސައިކަލް ދުއްވަންވެސް ނޭނގެ
ރަށުގެމީހާ
17 July 2025
16 އަހަރު 17 އަހަރު ވީމާ ކުދިންނަށް ވެސް އެނގިފަ ހުންނާނީ ރާއްޖެގެ ޤާނޫންތަކާއި ޤަވައިދުތައް ކުދިންނަށް ހަމަ އެކަނި ދަސް ނުވަނީ "ޒިންމާ" ނަގަން. މިކަމާ ޒިންމާވާނީ ކާކު؟
ލަތީފާ
17 July 2025
ލޯބިން ދަރިން ..ބުނާނެ އެއްޗެއް ނެތް ދެން!! ދިރިއުޅުމުގައި ތިމާ ފަހާ ދުވާ ކަމެއް ހާސިލްވާނީ! ސޯޝަލް މީޑިޔާގަ މީހުންގެ ސަމާލުކަން ހޯދަން ދަހިވެތިވީމަ ދެން އާންމު ދިރިއުޅުމުގައި ކައިރީގަ ހިނގާ ކަންކަން ނުފެންނާނެ!
ނަރްސަން
17 July 2025
ސައިކަލް ދުއްވަން ދަސް ކުރީ ވެސް އާއިލާ އަށް ނޭނގި!. މައިން ބަފައިން ސަމާލުވޭ.. ލޯބިވާ ދަރިފުޅު ހިމާޔަތް ކުރޭ. އިންސްޓަގްރާމްގެ ސްޓޯރީ ގައި ހުންނަ އެއްޗެހި ވެސް ބަލާ.
ސޯމާލީ
17 July 2025
ދެން މިހާރު ނުވާނެ އެއްވެސް ކަމެއް އެނގޭކަމަށް. ދެރަކަމަކީ ކަމެއްވީމަ އެއްކަމެއްވެސް ގޯސްކޮށް ކުރާކަމަށް މިއަދުގެ މައިންބަފައިން ނުހަދާކަން
ާއަލިމޯޑު
17 July 2025
މަ އަޑުއެހިން ނިޔާވި ކުއްޖާ ދުއްވި ސައިކަކީ އުފަންދުވަހުގެ ހަދިޔާއަށް ޕޭރަންޓުން ދިން ގިފްޓް ކަމަށް.މިހަބަރުން އެނގެނީ އެއީ ދޮގު ވާހަކައެއްކަން. މިހާރު ހުރޭ ދުވާލަކަށް 250 ވަރު ޕޭކުރީމަ ސައިކް ރެންޓް ކުރާ ބިޒްނަސް ތައް.އެކަހަލަ ތަނަކުން އެއޮތީ އުމުރުން 22 އަހަރުގެ މީހަކަށް ދޫކޮށްފަ ސައިކަލު. ދެން ބަލަންވީ 18 އަހަރު ނުފުރޭ ދެކުދިންގެ އަތަށް އެސައިކަލު އެރީ ކިހިނެއްތޯ؟
އަންކަލް
16 July 2025
ތޭރަ ހެނދުނު ސިޓީބޭކަރީން އަލްސަންއަށް އިންޓަވަލް ގަންނަ ތަންފެނޭ… ވަރަށް ދެރަވޭ މިހެން މިކަން ދިމާވުމުން
ނަގި
16 July 2025
ކުންފުންޏަކުންތޯ ސައިކަލް ކުއްޔަށް ދޫކުރީ، މިހެން މި އަހާލީ ސައިކަލްގެ ނަންބޯޑުގަ ޕީ އަކުރު ޖަހާފަވާތީ.