އިންޑިއާގެ ބޮޑުވަޒީރު މޯދީ، މަޖިލީހުގެ ރައީސް އަބްދުއްރަހީމްއާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ބޮޑުވަޒީރުގެ އެކްސް
26 ޖުލައި 2025 - 13:45
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން މޯދީ މިއަދު ވަނީ ސިޔާސީ އެކި ބޭފުޅުންނާ ބައްދަލުކުރައްވައިފަ އެވެ.
އޭގެ ތެރެއިން، އަބްދުއްރަހީމާއެކު ބޭއްވި ބައްދަލުވުމަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ބޮޑުވަޒީރު ވިދާޅުވީ އެ މަޝްވަރާގައި ދެ ގައުމުގެ ދެމެދުގައި އޮތް ފުން އެކުވެރިކަމުގެ ގުޅުމުގެ ވާހަކަ ދެކެވުނު ކަމަށެވެ. ހާއްސަކޮށް ރާއްޖެ އާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެދުގައި އޮތް ގުޅުން ހިމެނޭ ކަމަށް މޯދީ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުالله އާއި ބައްދަލުކޮށްފިން. އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ފުން އެކުވެރިކަމުގެ ގުޅުމުގެ ވާހަކަ ދެކެވުނު، އޭގެތެރޭގައި ދެޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ މެދުގައި އޮތް ގާތް ގުޅުން ހިމެނޭ. 20ވަނަ މަޖިލީހުގައި… pic.twitter.com/9ofesWturN
— Narendra Modi (@narendramodi) July 26, 2025
އޭނާ ވިދާޅުވީ 20 ވަނަ މަޖިލީހުގައި އިންޑިއާ-މޯލްޑިވްސް ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕް އުފެދުމަކީ ދެ ގައުމުގެ ގުޅުމަށް އެޅޭ ރަނގަޅު ފިޔަވަޅެއް ކަމަށެވެ. އޭގެ އިތުރުން، ރާއްޖޭގައި ކެޕޭސިޓީ ތަރައްގީކުރަން އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާ ދެމިއޮންނާނެ ކަމަށް ވެސް މޯދީގެ ޕޯސްޓުގައިވެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓަށް، ހިންދީ ބަހުން އަބްދުއްރަހީމް ދެއްވި ޖަވާބުގައި ވަނީ މަޖިލީހުގެ އިސް ވަފުދާއެކު ބޭއްވެވި ހޫނު ބައްދަލުވުމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕް އުފެއްދުމަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި އެ ޕާޓްނާޝިޕް އާ ހަރުފަތަކަށް ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
ފުރަމާނަ ދަތުރުފުޅެއްގައި މޯދީ ވަޑައިގަތުމުން، އަބްދުއްރަހީމް މަރުހަބާ ވިދާޅުވިއިރު، ޕީޕީއެމް/ޕީއެންސީ އިދިކޮޅުގައި އޮވެ ހިންގި "އިންޑިއާ އައުޓު" ހަރަކާތުގައި ވެސް އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ އަބްދުއްރަހީމެވެ. އޭރު ބޭއްވި ޖަލްސާތަކުގައި އެ މަނިކުފާނު ވަނީ މޯދީ އަދި އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހައްގުބަސް.
26 July 2025
އެއްވެސް ގައުމަކާ ދިވެހިން ނުޖެހޭ އެއްއިރެއްގަވެސް. މަސްސަލައަކީ އިންޑިޔާ ރާއްޖޭގެ މިނިވަންކަމަ އައްބޭނީމަ.
ޑﷲޑﷲ
26 July 2025
އިންޑިއާ މީހަކާއި ދިވެއްސަކު ބައްދަލު ކުރަން އިނގިރޭސިންގެ ބަހުން ވާހަކަ ދައްކަން ޖެހޭތޯ؟ ހިންދީ ބަހުން ނޫނީ ދިވެހިބަހުން ވެސް ވާހަކަ ދެއްކިދާނެ. ނޫނީ އެމީހެއްގެ މާދަރީބަހުން ވާހަކަ ދެއްކިދާނެ. ދެން ތަރުޖަމާ ކުރާނީ.
އަމީންަ
26 July 2025
ސާދާ ހިންދީ ބަހުންތޯ ދެ ބޭފުޅުން މުހާތަބު ކުރެއްވީ؟