ކަނޑުގަދަ ދުވަހެއްގައި މާލެ ކައިރިން ދަތުރުކޮށްފައި ދިޔަ ދޯންޏެއްގެ ބޭރުގައި މީހަކު މަޑުކޮށްލައިގެން: މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަ.-- ފޮޓޯ: މިހާރު
04 އޯގަސްޓް 2025 - 14:08
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވެ، ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ތިންވަނަ ފަހަރަށް މެޓް އޮފީހުން މިއަދު ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ދެންމެ ނެރުނު ވައިޓް އެލާޓްގައި ބުނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް، މިރޭ 7:45 އާ ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އޮފީހުން ބުންޏެވެ.
Alert white for strong winds extended. pic.twitter.com/Y568MnVIoz
— Maldives Meteorology (@MetMaldives) August 4, 2025
ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މިއަދު އެންމެ ފުރަތަމަ ވައިޓް އެލާޓް ނެރުނީ ރޭ މެންދަމު 2:00 އިން ހެނދުނު 8:00 އަށެވެ. އަދި ހެނދުނު 9:45 އިން މެންދުރު ފަހު 1:45 އަށް ވެސް ވައިޓް އެލާޓް ނެރުނެވެ.
މުޅި ރާއްޖެއަށް ކުރިއަށް އޮތް ތިން ދުވަހު ވެސް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން އިއްޔެ ވަނީ ލަފާކޮށްފަ އެވެ.
"މަޑުވާން ފަށާނެ ކަމަށް އަދި ބެލެވެނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން،" މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު"އަށް އިއްޔެ ވިދާޅުވި އެވެ.
ރާއްޖެއަށް މިހާރު މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.
މިއީ ކަނޑުގަދަ ދުވަސްވަރަކަށް ވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
04 August 2025
ވައިޓު (އެލާޓު) ގެ ދިވެހި ތަރުޖަމާ އަކީ ކޮބައިތް؟ ކަލޭމެންނަކީ އަހުރެމެންގެ، މާދަރީ ދިވެހި ބަސް ދެކޭ އިންތިހާ އަށް ރުޅި އަންނަ، ފުރައެއްދަވެޙީންނޭ. ބޮއްކުރާ އަކަށް އަރައިގެން އިންޑިޔާގެ ކަޑަލޫރަށް ގޮސްބަލަ.
އަބްޑޫޅް +
04 August 2025
ބޭނުންވަނީ ތޫނު ބިއްލޫރި އެލާޓޭ.
ކސދފޖކަލސ
04 August 2025
ތި ބުނި މޮޅު ޖުމްލަ ސޮރީހަ އިބާރާތުން ކިޔާދެގަ