ކަނޑުގަދަ ދުވަހެއްގައި ދޫންޏެއް ކަނޑުމަތިން އުދުހިފައި ދަނީ: ބޮޑު ސަރަހައްދަކަށް މިހާރު ވެސް ވަނީ ޔެލޯ އެލާޓް ނެރެފައި.-- ފޮޓޯ: މިހާރު
05 އޯގަސްޓް 2025 - 09:47
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް މިއަދު ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރުނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅަށް މިއަދު ހެނދުނު 7:30 އިން މެންދުރު ފަހު 1:30 އަށެވެ. އެ ސަރަހައްދުގެ ރަށްރަށަށް އާންމު ގޮތެއްގައި ވައިޖެހޭނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ ވައިގަދަވެ، ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށެވެ.
Alert yellow for strong winds pic.twitter.com/aJLPfcmNXs
— Maldives Meteorology (@MetMaldives) August 5, 2025
އއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މިއަދު ހެނދުނު 7:30 އިން މެންދުރު ފަހު 1:30 އަށް ވައިޓް އެލާޓް ވެސް މެޓް އޮފީހުން ވަނީ ނެރެފަ އެވެ. އެ ސަރަހައްދުގެ ރަށްރަށަށް އާންމު ގޮތެއްގައި ވައިޖެހޭނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ، މިދިޔަ ހަފުތާއިން ފެށިގެން ރާއްޖެއަށް މޫސުން ވަރަށް ގޯހެވެ. މޫސުން ގޯސްވެ އިއްޔެ ވެސް ވަނީ އެކި ފަހަރު މަތިން އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފަ އެވެ.
މެޓް އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި، މޫސުން ރަނގަޅުވާން ފަށާނެ ކަމަށް ބެލެވެނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.
މިއީ ކަނޑުގަދަ ދުވަސްވަރަކަށް ވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިމާން
05 August 2025
ފޭކު ވާހަކަ. ކަލޭމެންގެ ޕްރެޑިކްޝަންސް ވަރަށް ދިމާނުވޭ. ވާރޭ ވެހޭނެޔޭ ބުނާ ދުވަހު އޮންނާނީ ގަދަޔަށް އަވިދީފަ.
ކޮކީ
05 August 2025
މިއީ ކުރާ ލަފައެއް. އަބަދަކު ނުޖެހޭނެ 100% ދިމާވާކަށް. އޮޔާ ވަޔާ ވިލަޔަކީ އެ ދަތުރު ކުރާ މިސްރާބު ބަދަލުވާ އެއްޗެހި. އެލާޓު ނެރޭތާ ގަޑިއެއްހާއިރުންވެސް ބަދަލުއަތުވެދާނެ މިސްރާބު ބަދަލުވީމަ. މެޓުން ކުރަނީ ލަފާ. ފޯކާސްޓު.