ެމިދިޔަ މާޗް މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު (ކ) އާއި ޔުކްރެއިންގެ ރައީސް ވޮލްޑަމީރު ޒެލެންސްކީ އަރާރުންވި ބައްދަލުވުމަށް ފަހު ދެ ބޭފުޅުން ދެ ފަރާތަށް ބަލަހައްޓަވައިގެން. -- ފޮޓޯ: އޭއެފްޕީ
16 އޯގަސްޓް 2025 - 13:05
ރަޝިޔާ އާއި ޔުކްރެއިންގެ ލޭއޮހޮރުވުން ބޮޑު ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ކުރާ މަސައްކަތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ބައްދަލުކުރެއްވުމަށް ފަހު ޔުކްރެއިންގެ ރައީސް ވޮލްޑަމީރް ޒެލެންސްކީ ވެސް އެމެރިކާއަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
އެމެރިކާގެ އެލަސްކާގައި ޓްރަމްޕާއި ޕުޓިން ހުކުރު ދުވަހު ބައްދަލުކުރެއްވުމަށް ފަހު އެއްބަސްވުމަކާ ހިސާބަކަށް ނުދެވި ނިންމާލަން ޖެހުނަސް ވަރަށް ގިނަ ކަންކަމާ މެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ޓްރަމްޕު ވަނީ ވިދާޅުވެފަ އެވެ.
މި ބައްދަލުވުމަށް ފަހު ޓްރަމްޕް ވަނީ ދެން ނިންމަންޖެހޭ ކަންކަން ނިންމުމަށް ކަމާ ގުޅުން ހުރި ފަރާތްތަކަށް ގުޅުއްވާނެ ކަމަށެވެ. އަދި އެއަށް ފަހު ޓްރަމްޕް ޒެލެންސްކީއަށް ވަރަށް ދިގު ކޯލެއް ކުރެއްވި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
ޒެލެންސްކީ ވިދާޅުވީ، ޓްރަމްޕާ ފޯނުން ގުޅުއްވައި، އެލަސްކާގައި ޕުޓިންއާ އެކު ކުރެއްވި މަޝްވަރާތަކުގެ "މައިގަނޑު ނުކުތާތައް" ކިޔައިދެއްވި ކަމަށެވެ. އަދި ވިދާޅުވީ މި މަޝްވަރާތަކާ ގުޅިގެން ދައްކަންޖެހޭ ވާހަކަތައް ދެއްކުމަށް އަންނަ ހޯމަ ދުވަހު ޓްރަމްޕާ ބައްދަލުކުރެއްވުމަށް އެމެރިކާއަށް ވަޑައިގަންނަވާނެ ކަމަށެވެ.
މިދިޔަ މާޗް މަހު ޓްރަމްޕާއި ޒެލެންސްކީ ވައިޓް ހައުސްގައި ބައްދަލުކުރެއްވި ނަމަވެސް އެ ބައްދަލުވުން ނިމުނީ މީޑިއާ ކުރިމަތީ ދެ ބޭފުޅުން އަރާރުން ވަމުންނެވެ. ޓްރަމްޕް ވަނީ އެމެރިކާއިން ޔުކްރެއިނަށް ވާ އެހީތެރިކަމަށް ޒެލެންސްކީ ޝުކުރުވެރި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޔުކްރެއިންގެ އެތައް ބަޔަކު މަރުވަމުންދަނީ ޒެލެންސްކީގެ ބޯހަރު ސިޔާސަތުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy