ރައީސް ޑރ. މުހައްމަދު މުއިއްޒު: ފެނާއި ނަރުދަމާގެ ގާނޫނަށް ގެނައި އިސްލާހު ވަނީ ތަސްދީގުކުރައްވައިފައި.-- ފޮޓޯ: ރައީސް އޮފީސް
18 އޯގަސްޓް 2025 - 14:10
ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށް ނިންމަން ގާނޫނުން ކަނޑައަޅާފައިވާ މުއްދަތު އިތުރު ދެ އަހަރަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މީގެ ފަސް އަހަރު ކުރިން އަމަލުކުރަން ފެށި ފެނާއި ނަރުދަމާގެ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށީގެންވާ ފެންވަރުގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރަން ޖެހެ އެވެ. އެ މުއްދަތު މި މަހުގެ ހަތަރު ވަނަ ދުވަހަށް ހަމަވެފައިވާއިރު، އަދިވެސް ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރެވިފައެއް ނުވެ އެވެ. ނަމަވެސް އެފަދަ ގިނަ މަޝްރޫއުތަކެއް ހިނގަމުން ވެސް ދެ އެވެ.
އެހެންވެ، ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވަނީ އެ މުއްދަތު 2027 ވަނަ އަހަރުގެ ނިޔަލަށް އިތުރުކުރަން ހުށަހަޅުއްވައިފަ އެވެ. އެ އިސްލާހު މަޖިލީހުން ފާސްކުރީ މި މަހުގެ 11 ވަނަ ދުވަހު އެވެ.
ރައީސް އޮފީހުން ބުނީ އެ އިސްލާހު ހުށަހެޅި މައިގަނޑު ބޭނުމަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެ ރަށަކަށް އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ގާއިމްކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖެއްސުން ކަމަށެވެ.
އެ އިސްލާހުގައި، ފެނާއި ނަރުދަމާގެ ހިދުމަތާ ގުޅޭގޮތުން ކައުންސިލުތަކަށް ފަންނީ ލަފަޔާއި އިރުޝާދު ދިނުމާއި ކައުންސިލްތަކުގެ ގާބިލުކަން އިތުރު ކުރުމަށް ގައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ހިމަނާފައިވާ ކަމަށާއި އަދި އެ ދާއިރާގެ ފަންނީ މަސައްކަތްތެރިންނަށް ލައިސަންސް ދޫކުރުމުގެ ޝަރުތުތަކާއި ރާއްޖޭގައި ގާއިމްކުރާ ލެބޯޓްރީތަކުގައި ފެން ތަހުލީލު ކުރުމުގެ ހިދުމަތް ދިނުމުގެ ޝަރުތުތައް ވެސް ކަނޑައަޅާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ފެނާއި ނަރުދަމާގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތައް އެ އިސްލާހަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ޝާއިއު ކުރަންވާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު 2023 ވަނަ އަހަރަށް ފުއްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވީ ނަމަވެސް، ވެރިކަމުގެ ދައުރު ހަމަވިއިރު ބައެއް ރަށްރަށުގައި އެ މަސައްކަތް ނުނިމެ އެވެ. ނަމަވެސް، އެ ސަރުކާރުން ވަނީ ގިނަ ރަށްތަކެއްގައި މަޝްރޫއު ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނުކިޔަވާހުރިސޮރު
19 August 2025
ވަކިސަރުކާރެއް ކިޔާކައް ނުޖެހެ ފެނާނަރުދަމާ ގާނޫނަކުން ލާޒިމް ކުރި ފަހުން މިހިދުމަތް ފޯރުކޮށް ނުދެވޭ ކޮންމެ ގޭބީސީ އަކައް ލިބުނު ގެއްލުމުގެ މައުނަވީ ބަދަލެއްގެ ގޮތުގަ .10000ރ.ދޭން ގޮވާލަން ކޮންމެ ބަޔަކު ވެރިކަން ލިބުނީމަ ގާނޫނު ކޮށާ މަށާ ހެދީމަ އަދި ކަމަކު ނުދާކަމަށް ގިނަބަޔަކު ގަބޫލުކުރަނީ.
ދޮންމަރުދުރު
19 August 2025
ޤާނޫނުތަކާއި ކުޅޭ ވަގުތު ޖެހުނީތާ ދޯ. ކަމާއި ގުޅޭ ގަވާއިދުތައް ހެދުމަށް ނުބައްދަލު ވަގުތު ދިނުން ރަނގަޅެއްނޫން. ސިޔާސީ ވުމަކީ ކޮބައިކަން ދިވެހިން ދަސްކުރުން މުހިންމު!
އައިމިނާ
18 August 2025
އޭޓީއެމް ހުޅުވާގޮތައް ރަށްރަށުގެ ސްކޫލާއި މިސްކިތްތަކުގެ ފާޚާނާތައްވެސް ހުޅުވަން ގޮވާލަން.
ވައުދުފޮތް
18 August 2025
އަޅުގަޑަށް ފެންނަ ފެނުމުގައި މިވަގުތު ސަރުކާރުން ކުރާންޖެހޭ އެއްމެ މުހިއްމު މަސައްކަތަކީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ދިވެހި ރައްޔިތުންނަށްވި ވައުދުތައް ފުއްދުމަކީ 2028 ގައި އުފެދޭ ސަރުކާރަކުން ކުރާންޖެހޭ ކަމެއްގެ ގޮތުގައި ނިންމަވައި އެމަނިކުފާނުގެ މެޖޯރިޓީ އޮތް މަޖިލީހުން ބިލެއް ފާސްކޮށް އެމަނިކުފާނު ތަސްދީޤު ކުރެއްވުން. އަދި އެމަނިކުފާނު ގެންގުޅުއްވި "ވައުދު ނޯޓުފޮތް" ދާރުލްއާސާރުގައި ބަހައްޓުމަށާއި ރަސްމީ އިއްޒަތް ދިނުމަށް
ގޭސްކަރުނަ
18 August 2025
ވަކި ލަނޑުދަނޑިތަކެއ ހާސިލްކުރުމަށް ތާރީޚްތަކެއް ދީގެން ކީއްކުރަން ފާސްކުރާ ގާނޫނުތަކެއްބާ، އަބަދުވެސް މި އޮންނަނީ ގާނޫނުގައި އޮންނަ ސުންގަޑި ބަދަލު ކުރަން ގާނޫނު އިސްލާހުކުރަންޖެހިފަ، އެއްވެސް ބަޔަކު އެ ގާނޫނެއްގައި އޮންނަ ގޮތަކަށް އަމަލު ކުރާކަށް މަސައްކަތް ކުރާކަށް ނުޖެހޭ
އަފްރާސިޔާބު
19 August 2025
އެއީ މޮޔައިން މޮޔަހައްދަން ފާސްކުރާ އެއްޗެހިތަކެއް. ދެނަހުރިންތައް ދައުލަތުގެ ދަނިން އަރައިގަތުމުގެ ގާނޫނެއް ފާސްކުރިކަން.