19 އޯގަސްޓް 2025 - 13:39
ށ. އާއި ނ. އަތޮޅަށް ލޯންޗު ފެރީގެ ހިދުމަތް ދެމުންދާ ހޯޕް ޓްރެވަލްސްއިން ގަަސްދުގައި ޓެކުހަށް މަކަރު ހެދި ކަމަށް ތުހުމަތުކޮށް އެ މައްސަލާގައި ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މީރާ އިން ފޮނުވި މައްސަލާގައި، އެ ކުންފުނިން އެ ތުހުމަތުތައް ދޮގުކޮށްފި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނުގައި ވަނީ މީރާއިން މި މައްސަލަ ތަހުގީގުކުރަން ފެށުމުގެ މަސްތަކެއް ކުރިން، އެ ކުންފުންޏަކީ ވަރަށް ފުޅާ ދާއިރާއެއްގައި ލޯންޗު ފެރީކުރާ ކުންފުންޏެއް ކަމަށް ލޭބަލްވެ، އެ ކުންފުނީގެ މައްސަލަ ބަލަން ޖެހޭ ކަމަށް މީރާގެ އެތެރޭގައި ވާހަކަ ދެކެވުނު ކަމުގެ ހަބަރު ލިބުނު ކަމަށެވެ. އަދި އެ މައްސަލައަކީ މީގެ 5 އަހަރު ކުރީގެ މައްސަލައެއް ކަމަށް ވާއިރު، އެއީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށް އެ ކުންފުނީގެ ބަޔާނުގައިވެ އެވެ.
"ކުންފުނީގެ ސީއީއޯ އަދި ޖީއެމްއަށް ޓެކްސް ފްރޯޑްގެ ތުހުމަތުކޮށް ދައުވާކުރީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއްގެ މައްޗަށް ކަމުގައި މެނޭޖުމަންޓުން ދެކެން. އަދި މި ތުހުމަތުތަކަކީ އަޅުގަނޑުމެންގެ މުޅި ގުރޫޕުގެ 300 އަށް ވުރެ ގިނަ މުވައްޒަފުންނާއި އެމީހުންގެ އާއިލާއަށް ލިބޭ ބޮޑު ހިތްދަތިކަމެއްގެ ގޮތުގައި ދެކެން" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ހޯޕް ޓްރެވަލްސްއިން ބުނީ ކަނޑުދަތުރުފަތުރުގެ ހިދުމަތުގެ އިތުރުން އެކުންފުނިން އެކި އިންޑަސްޓްރީތަކުގައި މަސައްކަތް ކުރާ ކަމަށާއި އެ މަސައްކަތްތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސްގެ ދައްކަމުންދާ ކަމަށެވެ. އަދި ރޭންޑަމް ޓެކްސް އޮޑިޓްތަކުގައި އެއްވެސް ހިޔާލު ތަފާތުވުމެއް އުޅޭނަމަ މީރާއަށް އެއްބާރުލުން ދޭ ކަމަށް ވެސް ބުންޏެވެ. އަދި މިހާރު ދައުވާކުރަން އެދިފައިވާ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އާއްމު އުސޫލުތަކާއި ހިލާފަށް ކަމަށް ދެކޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައިވަނީ ހޯޕް ޓްރެވަލްސްއަކީ އެކި ކުންފުނިން މަސައްކަތްކުރާ ދާއިރާތަކުގެ ތެރެއިން އިންވެސްޓްމަންޓާއި މަސައްކަތަށް ބަލާއިރު ވެސް އެންމެ ކުޑަ ދާއިރާކަން މީރާއަށް އިނގޭނެ ކަމަށެވެ.
މީރާއިން ޕީޖީއަށް ފޮނުވި މައްސަލައާ މެދު ހޯޕް ޓްރެވަލްސްގެ ކަންބޮޑުވުންތަކަކީ:
- ވަކި އަސާސެއް ނެތި، ކުއްލިއަކަށް އެ ކުންފުނީގެ އޮފީހަށް މީރާއިން ވަދެ، "ތްރެޓް ލެވަލް" އެއް ކަމަށް ބުނެ އޮގަސްޓް، 2023 ގައި ތަހުގީގު ފެށުން
- މީރާގެ އޮފިސަރަކަށް ލިބޭ މެސެޖްތައް ނުވަތަ ކޮފީ މޭޒުގައި ދެކެވޭ ވާހަކައަކަށް މައްސަލަ ބިނާވުން
- މީރާގެ ތެރޭގައި އޮންނަ ވާދަވެރިކަމުގެ ތެރެއިން ޕްރޮމޯޝަން ހޯދުމުގެ ބޭނުމަށް މެދުފަންތީގެ، ސިޔާސީ ނުފޫޒެއް ނެތް ވިޔަފާރިތަކަށް ޓާގެޓްކުރުން
- 2020 ވަނަ އަހަރު ޑޭޓާއެއްގެ ތަހުގީގެއް 2023 ވަނަ އަހަރުގެ އޮގަސްޓް މަހު ފަށައި، އަވަސް އަރުވާލައިގެން ދައުވާކުރަން ފޮނުވުން
- އެ މައްސަލާގައި ދައުވާކުރަން ހުށައެޅުމުގެ އެންމެފަހު ދުވަހަށްވުމުން ބަޔާން ކިޔައި، ސޮއިކުރުމަށް އެކަށީގެންވާ ވަގުތު ދީފައި ނުވުން
- ތަހުގީގު ކުރިއަށް ދިޔައިރު، ރަސްމީ "މީޓިން"ތަކަށް މީހުން މެދުވެރިކޮށް ދައުވަތު ލިބިފައިވުން
- ތަހުގީގު މަރުހަލާގައި ވެސް މީރާގެ ތެރެއިން މައްސަލާގެ މައުލޫމާތު ލީކުވެ، ކުންފުނި އިތުރަށް ބަދުނާމުވާ ގޮތަށް ވާހަކަ ފެތުރުން
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުސްތާޒް
20 August 2025
މީޑިޔަމް ސައިޒް ވިޔަފާރިތައް ކަންބަޅިއަކަށް ހަދާ ގުރުބާންކޮއްގެން މުވައްޒަފުން ވަޒީފާގެ ކުރިއެރުން ހޯދުމަކީ ވަރަށް ވިޔާނުދާކަމެއް. މީގަ އެބަޖެހޭ މީރާއިން އިންވެސްޓިގޭޓުކުރި މުވައްޒަފުން އެކަން ކުރުމުގައި ޒާތީ މަސްލަހަތެއް ނުވަތަ ނުފޫޒެއް އޮތްތޯވެސް ބަލަން. ބަޔަކު އެތައް ގުރުބާނީއެއްވެ އެތައް ދަލެއް އޮހޮރައިގެން ކުރާ ވިޔަފާރިއެެއް ފުނޑާލަން މީރާއިން ދިމާކުރުމަކީ ޒާތީ ތައައްސުބު. އެހިސާބުން މީރާގެ އެކަންކުރި މުވައްޒަފަށްވެސް ފިޔަވަޅު އަޅަންޖެހޭ!
ހާފީ
20 August 2025
ވަރަށް ދެރަވަރު ކަންކަން މީ، ވިޔަފާރިތަކަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް އަގު ވައްޓާލުމަކީ.
ޖާސިމްފޫ
20 August 2025
މީގަ މި ހުރި ގިނަ ޕޮއިންޓް ތަކަކީ މީރާ އާ ދެކޮޅަށް ކޯޓުގައި ބޭނުން ކުރެވިދާނެ ރަނގަޅު ކަންތައްތަކެއް ކަމުގައި ދެކެން. މީރާ ގޮވައިގެން ހައެއްކަ ފަހަރު ދައުވާ ކުރަންވީ. އޭރުން މި ކަހަލަ ކަންކަން ހުއްޓޭނެ.
ލޭބޯ މީރާ
20 August 2025
ނަމަނަމަ ވިޔަފާރި ރަޖިސްޓްރީ ނުކުރާތި. ކުދި ވިޔަފާރިތަށް ފެލުން ނޫން ކަމެއް ނުކުރޭ މި މީހުން. ރިސޯޓް އޯނަރުންގެ ފައިވަންކިބަ މިތާ މުވައްޒަފުން ނަކީ
ގަނީ
20 August 2025
އަބުރުގެ ދައުވާ ވެސް މީ ބަދަލު ކުރަންޖެހޭ އެއްޗެއް. މައްސަލައެއް ހުށަހަޅާތާ 3 މަސް ތެރޭ އަބުރުގެ ދައުވާ ކުރަންޏާ ކުރަންޖެހޭ ކަމަށް އަޑުއެހިން. މިސާލަކަށް މިވަރު ތުހުމަތެއް ކޮށް ކުށް ސާބިތު ނުވިޔަސް ބަދުނާމު ވާ ބަޔަކަށް ނޯވޭ މީރާ ގޮވައިގެން ކޯޓަށް ދެވޭކަށް އެއްކަލަ 3 މަސް ފާއިތުވެފަ އޮންނާތީ. ދެކޮޅަށްވެސް ކިޔަން ވާނެ.
ހަލާކު
19 August 2025
ޕޮލިހުން ކުރާ އިންވެސްޓިގޭޝަނަށް ފަހުވެސް ޕީޖީއަށް ފޮނުވީމަވެސް މިކަހަލަ ބަޔާން ނެރެންފަށަންވީތާ. ޢިންވެސްޓިގޭޝަން އޮތޯރިޓީތަކުން އިންވެސްޓިގޭޓްކޮށް ޕީޖީއަށް ފޮނުވާނީ އެވަރުގެ ހެކިހުރެގެން.
ދޫނިރާއްޖެ
20 August 2025
ކަލެއަށް ވެސް މަށަށް ވެސް އިގޭދޯ ރާއްޖެ ފުލުހުންގެ އިންވެސްޓިގޭޝަން ހުންނަ ހިސާބު. އެއުޅެނީ އެތަނުގައި ހުންނަ ޑޮލަރުކޮޅަށް ވެސް ވާނުވާ ނޭގި ގެއްލިގެން ފުލުހުން.
ޖުމާން
19 August 2025
ގިނަފަހަރު ރެކޯޑު ބަލަހައްޓަންޖެހޭ އެންމެ ރަގަޅަށް ފަށައިގަންނަ ވިޔަފާރިތަކާ ބައެއް ސުމޯލް މީޑިއަމް ވިޔަފާރިތަކަށް އެކަން ނުވަނީ ވިޔަފާރީގެ މާލީހާލަތު ހުންނަ ގޮތުން ބޮޑެތި ސިންގާ ކުންފުނިތައް ފަދައިން ފަންނީ މީހުން ހަޔާ ނުކުރެވޭތީ. އެއީ “ގަސްދުގައި ޓެކުސްއަށް މަކަރު ހެދުން ކަމަށް” ބަލާ އަދަބުދިނުމަކީ ތަރައްގީ ގައުމުތަކުގައި ގެންގުޅޭ މަހުފޫމެއް ނޫން. މީރާގެ ބައެއް އިސްވެރިންގެ މައުލޫމާތާ ވިސްނުން މާ ކޮށީ! މަޖުލިހުން މިކަން ބަލަންޖެހޭ!
ރައީސް003
19 August 2025
މީރާ ރެސްޕޮންސިބަލް ނުކޮށް މި ޤައުމުގެ ކުދި ވިޔަފާރިތަކަށް ނެތް ކުރިއެރުމެއް ލިބެން. މިކަން މީރާއިން ކޮށްފަ ވަނީ ދައުލަތައް އެއްޗެއް ހޯދުމުގެ މަގުސަދެއްގައެއް ނޫންކަން އިގޭ. ބޮޑަށް ލަފާކުރެވެނީ އިބްރާހިމް މީގެ 2 އަހަރު ކުރިން މަގާމުގެ ކުރިއެރުން ހޯދަންކުރި ކަމެއް ހެން. ޓެކްސް އިޝޫއުޅޭ އެތަށް ވިޔަފާރިތަކެށް އެބައުޅޭ. މީގެއިން ވެސް ދޭހަވަނީ މީރާގެ އިސް މަގާމުތަކުގައި ތިބީ ނާގާބިލް ވެރިންކަން. މީރާގެ މަޤުސަދު މީރާއަކަށް ހާސިލް ނުވޭ.
ސަމާރު
19 August 2025
ހޯޕް ފެރީ މަޝްހޫރު ވިޔަސް އެމީހުންގެ މަައިގަނޑު ކަން ކަމަކީ ބޯޓް ބިލްޑިންގ އާއި ތެޔޮ ވިއްކުން. މާލޭގަ ވެސް ފުޅާ ދާއިރާއެއްގަ ލޯކީ ކޮށް ވިޔަފާރި ކުރާނެ. އެއީ އާދައިގެ ބައެއް ނޫން އަސްލު. އަރަމުން އަންނަ ވިޔަފާރިތައް ހަލާކުކޮށްލަނީ މީރާ އިން
ކޮލީގް
19 August 2025
ހަމަ ހަގީގަތުގަވެސް އެހާ ހިންގުންތެރި މީހުން މަދުވާނެ. އުއްޗުމެން ލެވެލް ނޫނަސް ވަރަށް ޕްރޮމިސިންގ ކުދިން ކޮޅެއް އެއީ. ދެތިން މީޓިންއަކުން ދިމާވި، ވަރަށް ޙުލުގް ހެޔޮ ޑިސިޕްލިންޑް ބައެއް. ގޯހެއް ހަދާފަ އޮތިއްޔާ ގޯސް. ޢެކަމަކު މީރާ މި ކަން ކުރަނީ ދުނިޔޭގަ އެއްވެސް ތާކު ޓެކްސް އޮތޮރިޓީ ކަން ކުރާ ގޮތަކަށް ނޫން.