އުދައްޔުގެ މަރުގެ ދައުވާލިބޭ ތިން މީހުން
25 އޯގަސްޓް 2025 - 17:51
ގއ. މާމެންދޫގައި ފެބްރުއަރީ 8، 2021 ގައި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު މަރާލި މައްސަލާގައި ދައުވާ ލިބޭ ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިއަދު ކަނޑައަޅައިފި އެވެ.
ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ ގއ. މާމެންދޫ ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެ ރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށެވެ. އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
އުދައްޔުގެ މަރާ ގުޅިގެން ދެން ދައުވާ އުފުލި އެ ރަށު ބިލަތްމާގޭ ޝަރަފް ރަޝީދުގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ދައުވާތަކާމެދު ގޮތް ނިންމަވަމުން ގާޒީ ފާހަގަކުރެއްވި ގޮތުގައި އުދައްޔު މަރުވި ހަމަލާ ދީފައިވަނީ އަހުމަދު މާއިޝް ޒަކީ ކިޔާ މީހަކަށް ވީ ނަމަވެސް، އޭނާއާ އެކު އެއް ޖަމާއަތެއްގެ ގޮތަށް އެކަކު އަނެކަކަށް ވާގިދީ އެހީތެރިކަންދޭ އުސޫލުން މާޒިން އާއި ޝަމީމް ހަރަކާތްތެރިވެފައިވާ ކަމަށެވެ.
މި ތިން މީހުން އެކުގައި މާރާމާރީ ހިންގުމުގައި އުޅުމާއި، ވަޅި ނުވަތަ ތޫނު އެއްޗެއް ހިފައިގެން މި ތިން މީހުން އެކުގައި ހަތަރު އަނގޮޅިއަށް ދުވެފައި އައި އައުމާއި، މި ތިން މީހުން ވެސް އުދައްޔުއާ މެދު މާރާމާރީ ހިންގުމުގައި އުޅެފައިވާކަން ފާހަގަކުރެވޭ ކަމަށް ނިންމުމުގައިވެ އެވެ.
އެހެންވެ، އުދައްޔު މަރާލުމުގައި މާއިޝް ޒަކީއާ އެކު މާޒިން އާއި ޝަމީމް އަމަލީގޮތުން ބައިވެރިވުމުގެ އަމަލުތަކެއް ކޮށްފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވީކަން ސާބިތުވާ ކަމަށް ކަނޑައަޅުއްވާފައިވެ އެވެ.
ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމާ ގުޅިގެން ދެން އޮންނާނީ ވާރިސުންގެ ހެކިބަސް ނެގުމާއި، އަދަބާ ގުޅިގެން ވާހަކަ ދެއްކުމާއި ހުކުމް ކުރުމެވެ. އެކަމަށް ސެޕްޓެންބަރު މަހުގައި އަޑުއެހުމެއް ތާވަލު ކުރައްވާނެ ކަމަށް ގާޒީ ވަނީ އިއުލާން ކުރައްވައިފަ އެވެ.
ޝަރަފު ރަޝީދުގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލި ނަމަވެސް، މި ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށާއި، ޝަރަފު ރަޝީދު މާރާމާރީ ހިންގި ވަގުތު ހުރެވުނު ސަބަބަކީ މީނާ އިން ސައިކަލުގައި އުދައްޔުގެ ބޭބެ ފައިން ޖަހައި ވައްޓައިލުމުގެ ސަބަބުން ކަމަށް ބުނެފައިވާ ކަމަށް ނިންމުމުގައިވެ އެވެ.
އަދި އުދައްޔުއާ މާރާމާރީ ހިނގަމުންދިޔަ ވަގުތު އޭނާ ހިނގާފައި ގޮސް އެ ސަރަހައްދުގައި ހުރި ގެއަކަށް ވަތްކަން ހެކިތަކުން އެނގޭ ކަމަށް ބުނެފައިވެ އެވެ. ޝަރަފު، އުދައްޔުއާ އެއްވެސް މާރާމާރީއެއް ހިންގުމުގައި ބައިވެރިވެފައިވާ ކަމަށް އެއްވެސް ހެއްކަކު ބުނެފައި ނުވާ ކަމަށާއި، އެހެންކަމުން ޝަރަފު ރަޝީދަށް މާރާމާރީ ހިނގި ސަރަހައްދުގައި އެ ވަގުތު ހުރެވިފައިވަނީ އެހެން މީހަކު ކުރި އަމަލެއްގެ ނަތީޖާއިން ކަމަށް ވުމާއި، އުދައްޔުއާ މެދު މާރާމާރީ ހިންގުމުގެ ގޮތުން އޭނާ ކުރި އެއްވެސް ކަމެއް ނެތުމުން ޝަރަފު ރަޝީދުގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅާފައިވެ އެވެ.
އެ މައްސަލާގައި އުމުރުން 17 އަހަރުގެ ކުއްޖެއްގެ މައްޗަށް ވެސް ދައުލަތުން ޖުވެނައިލް ކޯޓުގައި ދައުވާކުރި އެވެ. އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޅޭޭ
27 August 2025
އަދި ތަންކޮޅެއް އަވަސް ދޯ ހުކުން ކުރަން. ދަށު ކޯޓުން 5 އަހަރު ނަގައިފި އެކަމަށް.. ދެން އަދި އޮތީ 2 ކޯޓު. އިތުރު 10 އަހަރު ނަގާނެ ކަމަށް އަނދާޒާ ކުރެވެނީ ތިޔަ މައްސަލަ ނިންމަން
އާޝޯހު
26 August 2025
ސަލާމަތްވީ އެކަން ކުރިމީހާ ދޯ؟ އާންމުކޮށް ކަންވާނީ އެހެން. ބާރުގަދަ ފަރާތް ސަލާމަތް ވާނީ
ވާންޗޯ
25 August 2025
ތީ ކޮންކަލަ ހެކިންތަކެއް، ގާޒީ ވެސް ހަމަ ގަބޫލްކުރީޔޭ އެގޮތައް ބުނީމަށް، ވާހަކަ އަކީ ޖާދުލެއް ކަހަލަށް އެއްޗެއް
އަޖައިބުއަންތަރީސް
25 August 2025
ދެން ކާކުގެ ވާހަކަ ގަބޫލުކުރަންވީ. ގައިމު މަރުވިމީހާ ގާތު ނޭހޭނެ. ދެން އެވަގުތު އެހިސާބު ތިބި އެންމެން ކުށްވެރިވާންވީ؟
އުއްތަމަ އުސްތާޛް
25 August 2025
ވަރަށް ރަނގަޅު ހުކުމެއް،