ބާ ކައުންސިލްގެ ރައީސް ހުސެއިން ސިރާޖް - ފޮޓޯ/މިހާރު
15 ސެޕްޓެމްބަރ 2025 - 23:01
ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް އެކުލަވާލައި މިއަދު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ފާސްކުރި މީޑިއާ ބިލުގައި ބަދަލު ގެންނަން ޖެހޭ ކަންކަން ހުރި ކަމަށް ބާ ކައުންސިލުން ބުނެފި އެވެ.
ބާ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މީޑިއާތައް ރެގިއުލޭޓުކުރާ ބިލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް އެ ކައުންސިލުގެ ހިޔާލު ހުށަހަޅާފައިވާ ކަމަށެވެ.
ލީގަލް ރިފޯމް އެންޑް ރިސާޗް ކޮމިޝަން (އެލްއާރްއާރްސީ) ގެ ހުށަހެޅުންތަކާ އެއްގޮތަށް، ބާ ކައުންސިލުން ބުނީ އެ ކައުންސިލުން ދެކޭގޮތުގައި އެ ބިލަކީ ގާނޫނުއަސާސީގެ އުސޫލުތަކާއި ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކާ އެއްގޮތަށް ބޮޑެތި އިސްލާހުތަކެއް ގެންނަންޖެހޭ ބިލެއް ކަމަށެވެ.
ބާ ކައުންސިލުން ވަނީ އެ ބިލު ގާނޫނަކަށް ހެދުމުގެ ކުރިން، މަޖިލީހުން މަސްލަހަތު އޮތް މީހުންނާ މަޝްވަރާކޮށް އާންމުންގެ ހިޔާލު ހޯދުމަށް އެކަށީގެންވާ ވަގުތު ދިނުމަށް ވެސް ގޮވާލައިފަ އެވެ.
މީޑިއާ ރެގިއުލޭޝަން ބިލު އޮތީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ވަރަށް ބޮޑަށް ހުރަސް އެޅޭ ގޮތަށް ކަމަށް ވާތީ ނޫސްވެރިން ގެންދަނީ އެ ބިލު ފާސްކުރުމާ ދެކޮޅަށް ސިލްސިލާކޮށް އިހުތިޖާޖް ކުރަމުންނެވެ. އެ ކަންބޮޑުވުންތަކާ އެކު އެޓާނީ ޖެނެރަލް އެ ބިލަށް ގިނަ އިސްލާހުތަކެއް ހުށަހެޅުއްވި އެވެ
ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލްގައި އޮތް މާއްދާ އުނިކުރުން އޭގެ ތެރޭގައި ހިމެނެ އެވެ.
އެ ބިލަށް ހުށަހެޅި ކަމަށް އޭޖީ އޮފީހުން ބުނި އިސްލާހުތަކުގެ ލިސްޓުގައި ހިމެނޭ އެއް ކަމަކީ ބިލުގެ 67 ވަނަ މާއްދާގެ ދަށުން ވަކިވަކި ނޫސްވެެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް އޮތް ބައި އުނިކުރުމެވެ.
އޭޖީގެ އެ އިސްލާހުތަކާ މެދު ކޮމިޓީން ގޮތް ނިންމި ބައްދަލުވުން ކުރިން ސިއްރުކޮށްފައި ވާތީ އޭގެ ތެރެއިން ބިލުގައި ހިމަނަން ނިންމީ ކޮންކޮން އިސްލާހުތަކެއް ކަމެއް މިހާތަނަކަށް ނޭނގެ އެވެ. ކޮމިޓީ މަރުހަލާގައި ކަންބޮޑުވުން ހިއްސާކުރަމުންދިޔަ ނޫސްވެރިން ކޮމިޓީގައި ތިއްބާ ނޫސްވެރިންގެ ހަޅޭކުގެ ތެރެއިން ބިލަށް ވޯޓަށް އެހުުމުން، ޕީއެންސީ މެންބަރުންގެ އިއްތިފާގުން ވަނީ ކޮމެޓީން ބިލު ފާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިއްބެ
16 September 2025
ސަރުކާރުގެ ދެތިން ސޮރެއް އެބަކިޔާ ނޫސްތަކުން އެޕާޓީގެ މީހުންގެ އަބުރު ކަތިލަނީއޭ. ކާކުގެ އަބުރެއް، ކޮން ނޫހަކުން ކަތިލައިގެންތަ މިއުޅެނީ. މަވެސް ބޭނުން ތިހަބަރެއް ކިޔާލަން.
ކަތީންބޭބެ
16 September 2025
އެހެންވިއްޔާ ރައްޔިތަކާ ބެހޭގޮތުން ނޫސްތަކުގައި ލިޔަންޖެހޭނީވެސް އެމީހަކާ ނުވަތަ ބަޔަކާއި މަސްވަރާކޮއްފައި ތެދުބަހުން އެނޫންގޮތަކަށް ނޫސްތަކުގައި އެއްޗިހި ލިޔެގެންނުވާނެ ކަމަށްދެކެން
ސ×އް
16 September 2025
ދިވެހި ރާއްޖޭގައި ޤާނޫނު ހަދާނެ ކަމެއް! ތަންފީޒު ނުކުރެވި ޤައުމު ހަލާކުވެގެންމިދަނީ !
އަބްޑޫޅް +
16 September 2025
އާ ކައުންސިލުގެ ބަހަކީ ކޮބާ؟
އަބްޑޫޅް +
16 September 2025
އަހުރެން ގަބޫލު ކުރަނީ އާ ކައުންސިލުގެ ބަސް.
ޖަމްޝަތް
16 September 2025
ބައްލަވާ ތި ބިލްގަ ނެތޭ މާކަ ބޮޑު މައްސަލައެއް. ތި ބިލުގަ އޮތީ ގައުމާ ރައްޔިތުންގެ ކަންކަން ހަމަޔަކަށް އެޅުވުން. ގައުމުގެ ފިތުނަ ފަސާދަ ނުއުފެއްދުން. މީ ހަގީގަތަކީ.
ހަމަދު ސަލީމް
16 September 2025
ތި ބިލް ފާސްކުރަން ލަސްވެސްވެއްޖެ. މި ބިލާއެކު ބޭނުންހާ ދޮގެއް ދެން ނުފެތުރޭނެ.
ހެހެހެހޭ
16 September 2025
މިގައުމަކީ ކިތަންމެ މޮޅު ރީތި ގާނޫނެއް އޮތަސް އެއަށް އަމަލުކުރުން ލާޒިމްނުވާ ގައުމެއް، މޮޅެތި ނަންތައް ކިޔައިގެން ގާނޫނު ފާސްކޮށްފާނެ، ނަމަވެސް ކަންނިމޭނީ ފައިސާއާ ނުފޫޒު އޮތްމީޙުން ބޭނުންވާ ގޮތަށް
މުލޭ
16 September 2025
ނޫސްވެރިކަމުގެ މިނިވަންކަމަކީ ކޮބާހޭ! އެވެސް ބުނެދޭން އެބަޖެހޭ އަހަރެމެންނަށް. އަހަރެމެން މިބިލަށް ތާއީދު ކުރަން. ނޫސްވެރިން ބޭނުންވާ މިނިވަންކަމަކީ ސާބިތު ނުހިފޭ ވާހަކަތައް ހަދަހަދައިގެން ލިޔުމާއި، މީހުންގެ އަބުރު ކަތިލުމާއި، ތިމާ ރުހޭ މީހާ ހިންގާ ޖަރީމާތައް ފޮރުވުމާއި، ކަންކަމުގެ އަސްލާއި ޙަގީތަތް އޮޅުވާލުންފަދަ ކަންކަން ކުރުން ކަމުގައިވާނަމަ އެ މިނިވަންކަން ދިނުމަަށް އަހަރެމެން ތާއީދެއް ނުކުރާނަން. މި ބިލު އަވަހަށް ހާނޫނަކަށް ހަދަންޖެހޭ.
ހުރިގޮތް
16 September 2025
ޑޮލަރު މާރުކުރާ ގާނޫނު، ކައުންސިލްތަކުގެ ބިލު، ޓެކްސީ ލައިންގެ ބިލު މިހެންގޮސް ރައްޔިތުންގެ ތެރެއިން ބައެއްގެ ކަންބޮޑުވުން ހުއްޓަސް މުއިއްޒު ބޭނުން ބިލެއް ގާނޫނެއް ފާސްކުރާނެކަން މިހާރު އެގެންވެއްޖެއެވެ. ހުރީ ފުރިފައެވެ. ގުޑުގުޑެއް ނާޅާނެވެ. މިކަން މިދަނީ ވަކި ތަރުތީބަކުން. މަޖިލިސް، މުއައްސަސާތައް، ޖުޑިޝަރީ، މީޑިޔާ، ..........!
މިސްމީޑިޔާ
16 September 2025
ރައްޔިތުން ބޭނުންވި ގޮތް،
ހަހައްހާ
16 September 2025
މަޖިލީހުގައި ތިބީ ކަމުނުދާ ބަޔަކު ކަމުގައި ވާނަމަ އޭގެ ފުރިހަމަ ޒިންމާ މީޑިއާތަކުން ނަގަންޖެހޭ. މީޑިއާތައް މިނިވަނެއްނޫން، އޮންނަނީ ކޮންމެވެސް ބަޔަކައް ވިކިފައި، އެބައެއްގެ އަމިއްލަ އެޖެންޑާ ހާސިލްކުރަން ރާއްޖޭގެ އިޖްތިމާއި ފޭރާން އެއްކޮށް ހަލާކު ކޮއްލީ މީޑިއާތަކުން. މިނިވަންކަމޭ ކިޔާ ގޮވާއިރު އޮންނަނީ ވިކިފައި. ޝުކުރިއްޔާ