26 ސެޕްޓެމްބަރ 2025 - 20:11
އެމްޑީޕީން އަންނަ ހުކުރު ދުވަހު ބާއްވާ މުޒާހަރާ އިޝްތިހާރު ކުރުމަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ސިޓީ ކައުންސިލުން މިއަދު ނަގައިފި އެވެ.
އިދިކޮޅު ޕާޓީން އަންނަނީ "ލޫޓުވައިފި ލޫޓުވައިފި" ނަމުގައި ހުކުރު ދުވަހު ހަވީރު މާލޭގައި ބޮޑު އެއްވުމަކަށް ތައްޔާރުވަމުންނެވެ. އެއާ ގުޅުން ހުރި ބެނާތައް މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ދަމައިފަ އެވެ.
ނަމަވެސް، ބެނާތައް ދެމުމާއި އަޑުގަދަކުރާ ބޭނުންކޮށްގެން އެއްވުން އިޝްތިހާރު ކުރުމުގެ ހުއްދައަށް މި މަހުގެ 14 ގައި އެމްޑީޕީން އެދުމުން އެ ފުރުސަތު ދީފައިވަނިކޮށް، ސިޓީ ކައުންސިލުގެ މުވައްޒަފުން ނެރެގެން މިއަދު ހަވީރު އެ ބެނާތައް ނެގި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
އެ މައްސަލާގައި ސިޓީ ކައުންސިލްގެ ބަހެއް އަދި ނުލިބެ އެވެ.
މި މަހުގެ 14 އިން ފެށިގެން މާލޭގެ މަގުތަކުގައި ބެނާތައް ދެމުމުގެ ހުއްދަ އަށް ހަމަ އެ ދުވަހު އެމްޑީޕީން ސިޓީ ކައުންސިލްގައި އެދިފައިވާއިރު، އެ ތާރީހުގައި ކައުންސިލުން ވެސް އެ ޕާޓީއަށް ސިޓީއެއް ފޮނުވި އެވެ.
އެ ސިޓީގައި މާލެ ސިޓީ ކައުންސިލުން ބުނެފައި ވަނީ މާލެ ތެރޭގައި ގިނަ އަދަދެއްގެ ބެނާތަކެއް މަގު ހުރަސްކޮށް ދަމާފައިވާތީ އާންމުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށެވެ. އަދި އެއީ ސިޓީ ކައުންސިލްގެ ހުއްދައަކާ ނުލައި ދަމާފައިވާ ބެނާތަކެއް ކަމަށް ވާތީ އެ ތަކެތި ވީ އެންމެ އަވަހަކަށް ނެގުމަށާއި ބެނާ ދެމުމުގެ ކަންކަން އުސޫލާ އެއްގޮތަށް ކުރިއަށް ގެންދަން ސިޓީ ކައުންސިލްގެ ސިޓީގައި އެމްޑީޕީގެ ކިބައިން އެދިފައި ވެ އެވެ.
ސިޓީ ކައުންސިލް އިން ސިޓީ ފޮނުވީވެސް އަދި އެމްޑީޕީ އިންސިޓީ ފޮނުވާފަވަނީވެސް 14 ސެޕްޓެމްބަރ ގަ މީގަ. @ibuty_mv ތިޔަވިދާޅުވާ ހަވާލުނުވެފަ ކޮބާތޯ، އަދި ކޮން ބޭފުޅަކާތޯ އިބުޓީ އަށް ގުޅިގެން ތިއުޅެނީ ބަލާލުން ރަނަގަޅު. @AdhadhuMV @Raajje_tv @MDPSecretariat pic.twitter.com/1VGH9n6KRi
— Ibrahim Waheed (@ibreys) September 26, 2025
އެނގިފައިވާ ގޮތުގައި މޭޔަރު އާދަމް އާޒިމް މާލޭގައި ނޫޅުއްވަނީސް، ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވަނީ އެމްޑީޕީން ދަމާފައިވާ ބެނާތައް މަގުމައްޗަށް ވާ ގޮތަށް ތިރިވެފައި ހުރުމުން އާއްމުންގެ ޝަކުވާ ލިބޭ ކަމަށް ވިދާޅުވެ، އެ ތަކެތި ނެގުމަށް ކައުންސިލަރުންގެ ހިޔާލަށް ހުޅުވާލައިފަ އެވެ.
އެ އަށް ގިނަ މެމްބަރުންގެ ތާއީދު ލިބުމުން ހަވީރު ވަނީ ބެނާތައް ކަނޑާލަން ފަށައިފަ އެވެ.
ކައުންސިލަރުންގެ ވަޓްސްއެޕް ގްރޫޕުގައި އަރީޝް ހުށަހެޅުއްވި ހުށަހެޅުމާ ގުޅިގެން އާޒިމް ފޮނުއްވި މެސެޖުގައި ވަނީ ގަވައިދަށް ފައްތައިގެން އެ ތަކެތި ބެހެއްޓުމަށް އެ މެމްބަރުންނަށް ފެނިވަޑައިވަޑައިގަންނަވަނީ ކިހިނެއްތޯ ސުވާލު ކުރައްވައިފަ އެވެ.
"ހުރިހާ ސިޔާސީ ޕާޓީއަކަށް ވެސް ސިޔާސީ ހަރަކަތް ހިންގުމުގެ ފުރުސަތު ދޭން އަޅުގަނޑަށް ފެނޭ،" އެ މެސެޖުގައި އާޒިމް ވިދާޅުވި އެވެ.
އެއާ ގުޅިގެން ކައުންސިލަރު އިބްރާހިމް މުހައްމަދު ވިދާޅުވީ އެމްޑީޕީ އޮފީހަށް ސިޓީއެއް ފޮނުވި ކަމަށާއި އެކަމަކު އެ ޕާޓީން ގުޅާފައި އެއީ އެ ތަނާ ގުޅުން ހުރި އެއްޗެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ.
"ސާދަ ދުވަހެއް ދަމާފައި ހުންނަތާ. ދެން މޭޔަރު ބުނެ ބަ މީގައި ކިހިނެއް ވަކި ހަދާނީ. ވެރިއެއް ނޭނގޭ ބެނާތަކެއް،" އިބްރާހިމް ވިދާޅުވި އެވެ.
އެމްޑީޕީގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް އިންތިހާބުވެ، އެކަމަކު ފަހުން އެ ޕާޓީ ބަދަލުކުރެއްވި ރީހާން ނާޒިމާއި ނާޒިމާ ފާއިޒު ވަނީ ހަވާލުވާނެ ފަރާތެއް ނެތް ނަމަ އެ ތަކެތި ނެގުމަށް ކައުންސިލަރުންގެ ވަޓްސްއެޕް ގުރޫޕުގައި ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިވެހިއޮބްޒަރވަރ
28 September 2025
ތިޔަ ބެނޭތައް ބޭލީ އެއިގާވާ އާމް އިޖްތިމާޢީ މިންގަނޑާއި ޚިލާފު ބަހަރުވައިގެ ސަބަބުން ކަމަށް މަށަށް ފުރަތަމަ ހީކުރެވެުނީ .. އެކަމަކު އެހެެނެއް ވެސް ނޫންތާ ދޯ! ކޮންމެ ސަބަބެއް އޮވެގެން ވިއަސް އެ ފަދަ ބެނާތައް މަގުމަތީގައި ދެމުމީ ރޯ އައުގުރާނަ ގޮވަމުން ދިޔުން ކަހަލަ ކަމެއް
ފަނޑިޔާރު
28 September 2025
ލޫޓުވި މީހުން އޯޑިޓް ރިޕޯރޓުން މިހާރު އަހަރެމެންނަށް މުޒާހަރާއަށް ދިއުމުގެ ކުރިން ފެނިއްޖެވެ.
ގުދުގުދާބެއްޔާ
27 September 2025
ތިޔަ ބެނާތަކުގެ ބޭނެއްނެތް މިހާރު ނޮވެންބަތ 3 ގައި އިހްތިޖާޖް އޮންނާނެ ކަން މިހާރު ރާއްޖޭގެ އެންމެންނަށް އިގިފަވަނީ! ދެން ތިޔަ ބެނާ ތައް ހުއްޓަސް ނެތަސް ވާނީ ހަމަ އެއްގޮތް!
ސަންދީޕް
27 September 2025
ގައުމުގަ ސްޓެބިލިޓީއެއް އޮތުން މުހިއްމު. އެކަމަކު މިހާރުދެން މި ސަރުކާރުހިންގާ ގޮތް ހަމަ އެއްގޮތަކަށްވެސް ކަމަކުފާ ކަމަކަށް ނުފެނޭ.
ބެނާ
27 September 2025
ފެނަކަ އޮޑިޓް ރިޕޯރޓް އެއޮތީ ލޫޓުވައިފި ލޫޓުވައިފި ގޮވަން. ލަދެއްގެ ކަންފުޅެއްވެސް ނެތޯ ދޯ މި މޑޕ އެހެން މީހުނާ ދިމާލަށް ވަގަށް ގޮވަން. ދެން މޮޔަވަައްތަަރު ރައްޔިތުންވެސް ދާނެ ބާރަަށް ހަޅޭއްލަވަން. ސިޔާސީންގެ ގުއިރޯނުގައި ރައްޔިތުން ޖެހޭތީ ފެނަކަ ލޫޓުވި ގޮތަށް ދައުލަތް ލޫޓުވާން ސިޔާސީންނަށް ކެރެނީ. ފެކަނަ ލޫޓުވިކަން އެއޮތީ ފެންނަން. މިހެން ލޫޓުވި ބަޔަކަށް ހީވާނީ އެހެން މީހުންވެސް ތިމަންމެހެން ލޫޓުވާނީއޭ. ބެނާތަކުން ކިޔައިދޭ ވާހަކަ މީ
ގާސިމް
27 September 2025
އެމްޑީޕީ ހާދަފޮނޑިއޭދޯ. ޒިންމާ ނަގަންވެސް ނުކެރޭ. ތިވަރުބަޔަކާ ވެރިކަން ކިހިނެތް ހަޥާލުކުރާނީ
ހޮޓްކިންގ
27 September 2025
ސިޔާސީ ކުޅިގަނޑެއްތީ. އެހެންޏާ މި މާލޭގެ މަގުތަކުގާ ހިނގާއުޅޭ މީހުނަށް ދުއްތުރާވާގޮތަށް އެތައްކަމެއްހުރެ އެކަމުގެ ޝަކުވާކުރީމާވެސް އަޅާނުލާ ތިބެފާ ވެރިޔާ ނެތް ދަނޑިވަޅު ބަލާފައި އުނުއޮތް ފައްޓަރު ކަނޑާލީ.
ޝޮކްތެރަޕީ
26 September 2025
އެމްޑީޕީގެ ވެރިކަމުގަވެސް ހެދީ މިހެން.
ދިިޔާން
26 September 2025
ހުއްދަ ދިނީމަ ބެނާތައް ހަރުކޮށްފަ ހުރީ އާއްމު އުނދަގުލަކަށް ވާގޮތަށް، މާލޭ މަގުތައް ހަޑިކުރަން ފުރުސަތު ދީގެން ނުވާނެ
މހއމ
27 September 2025
ނެކްސްޓް ޖޯކް ޕްލީޒް؟
މިއައު
26 September 2025
ހިނގާފަދާއިރު މޫނުގަ ޖެހޭ ގޮތަށް އެބަހުރި ބޮކި ދަނޑީގަ އިސްތިހާރު ހަރުކޮށްފަ. އޭޗެހި ނައްަތަބަލަ.
މޙއމ
27 September 2025
ބޮޑު ސްކޭމެއް ހިންގި ޕޯސްޓަރތައްވެސް އަދިވެސް އެބަހުރި ހޮޅިދަނޑިތަކުން ނުނަގާ.