ވިއްސާރާގައި ގދ. ތިނަދޫގައި ފެންބޮޑުވެފައި: ގޭގެއަށް ފެން ވަދެ އެކިވަރުގެ ގެއްލުން ލިބިފައިވޭ.-- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
07 ޑިސެމްބަރ 2025 - 09:56
ގދ. ތިނަދުއަށް ރޭ ދަންވަރުން ފެށިގެން ވެހުނު ވާރޭގައި ރަށުގައި ފެންބޮޑުވެ، ގޭގެއަށާއި ސަރުކާރު ބައެއް އޮފީސްތަކަށް ފެންވަދެ އެކި ވަރުގެ ގެއްލުން ވެއްޖެ އެވެ.
ތިނަދޫ ސިޓީ ކައުންސިލުން ބުނީ ފެން ބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ސިޓީ ކައުންސިލާއި އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ރެއިން ފެށިގެން ކުރަމުން އަންނަ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ރަށުގެ ވަރަށް ގިނަ ގޭގެއަށް ވަނީ ފެން ވަދެފަ އެވެ. އަދި ބައެއް ގެތަކުގައި ކޮޓަރިއަށް ފެން ވަދެ، އެނދާއި ބައެއްތަކެއްޗަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވެސް ވަނީ ފެން ވަދެފަ އެވެ.
މި ހާދިސާގައި ފެން ވަނީ ސީދާ ކިތައް ގެއަށް ކަމެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.
ތިނަދޫގައި ފެންބޮޑުވި އިރު، މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރޭ ފަތިހު 4:30 އިން ހެނދުނު 9:30 އަށް ގއ. އަތޮޅުން ފެށިގެން އައްޑުއަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ އެ ރަށުގެ މަގުތަކުން ފެން ހިންދަން ތިން ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ސިފައިން އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަލީމާ
07 December 2025
ތިނަދޫގަ ފެން ބޮޑުވީމަ ތެލެތޯނެން ނުބާއްވާނެބާ ؟
އިހްސާނޫ
07 December 2025
ތިޔައީ ހަވަރު ތެނަދޫނު..