މާލޭގެ މަސް މާރުކޭޓަށް މަސް ގެންދަނީ: ރައީސް ވިދާޅުވީ އާ މަސްމާރުކޭޓު އަޅަނީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ކަމަށް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
08 ޑިސެމްބަރ 2025 - 10:55
މާލޭގައި ޒަމާނީ ފެންވަރުގެ އާ މަސްމާރުކޭޓެއް އެޅުމުގެ މަސައްކަތް ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ކޮށްދޭން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް، ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ކަލާފާން ސްކޫލުގެ ހޯލުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ފެށި އާ މަސްމާރުކޭޓެއް އެޅުމުގެ މަސައްކަތް އެކި ސަބަބުތަކާ ހެދި ހުއްޓިފައިވާ ކަމަށެވެ.
އެ މައްސަލައަށް ހައްލެއް ގެންނަން ކުރި މަޝްވަރާގެ ތެރެއިން ޖަޕާން ސަރުކާރުން އެ މަސައްކަތް ކޮށްދޭން މިހާރު އެއްބަސްވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު ވާނީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ހިންގާ މަޝްރޫއެއްގެ ގޮތުގައި އެ މަޝްރޫއު ކަނޑައެޅުމަށްޓަކައި އެ ބޭފުޅުންނާ އެކުގައި ވެސް ވާހަކަދެކެވި، މަސައްކަތްތަކެއް ފެށިފައި،" ރައީސް ވިދާޅުވި އެވެ.
ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި މާލޭގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރައީސް ވިދާޅުވީ އެ މަސައްކަތް ފެށުމަށްޓަކައި ޖަޕާނުގެ ފަންނީ ޓީމެއް ވަރަށް އަވަހަށް ރާއްޖެއަށް އަންނާނެ ކަމަށެވެ.
އާ މަސްމާރުކޭޓު އަޅާނީ ކުރިން ވެސް ޕްލޭންކޮށްފައި އޮތް ގޮތަށް ލޯކަލް މާރުކޭޓު މިހާރު ހުރި ބިމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއީ ހަމަ އޮރިޖިނަލް ޕްލޭން. ރައީސް މައުމޫން ވެރިކަމުގައި އެތަން ހިއްކި އިރުގައި ވެސް އެކަން ކުރަން ރާވާފައި އޮތް ގޮތް،" ރައީސް ވިދާޅުވި އެވެ.
"ލޯކަލް މާރުކޭޓު ހުރި ތަނުގައި ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި އަދި ތަރުކާރީ މާރުކޭޓު ހިމެނޭ މިކްސްޑް ޔޫސް މާކެޓެއް ހަދައި މޮޑާން ބިލްޑިންއެއް ހިމެނޭ ގޮތަށް ޖަޕާން ސަރުކާރުގެ އެހީގައި [އެ މަސައްކަތް ކުރާނީ]."
ރައީސް ވިދާޅުވި ގޮތުގައި، މަސްމާރުކޭޓު މިހާރު ހުރި ތަނުގައި މަސްވެރިކަމުގެ ސިނާއަތުގައި އުޅޭ ކުންފުނިތަކާއި ޖަމިއްޔާތަކަށް ބޭނުންވާ އޮފީސް ޖާގަ ދެވޭނެ ގޮތަށް އިމާރާތެއް އަޅަން ވެސް އަންނަނީ ރާވަމުންނެވެ.
ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވި އިރު، މާލޭގައި ޒާމާނީ މަސްމާރުކޭޓެއް އެޅުމުގެ މަސައްކަތް ފަށަން ތައްޔާރުވި އެވެ. އޭރު ޕްލޭންކޮށްފައި އޮތީ ލޯކަލް މާރުކޭޓު މިހާރު ހިންގާ ބިން ހުސްކޮށް، އެ ތަނުގައި ހަތަރު ބުރީގެ އިމާރާތެއް އަޅާށެވެ. އެއަށް ފަހު، ދަތުރުވެރިންގެ މާރުކޭޓާއި މަސްމާރުކޭޓު ވެސް އާ އިމާރާތަށް ބަދަލުކުރާ ގޮތަށެވެ.
ކޮންޓްރެކްޓް ފައިނޭންސް އުސޫލުން މާރުކޭޓް ހަދަން ބަޔަކާ އެކު މާލޭ ސިޓީ ކައުންސިލުން އޭރު ސޮއި ވެސް ކުރި އެވެ. ނަމަވެސް، އޭރުގެ ޕްލޭނިން މިނިސްޓްރީން މާލޭގެ ލޭންޑް ޔޫސް ޕްލޭން ފާސް ނުކުރުމުން އެކަން ފެށޭގޮތް ނުވީ އެވެ.
ސިޓީ ކައުންސިލުން އޭރު ޕްލޭންކުރީ އަލަށް ހަދާ އިމާރާތުގެ ބޭސްމަންޓުގައި ޕާކިން ޒޯނެއް ވެސް ހަދާށެވެ. ގްރައުންޑު ފްލޯގައި މަސް މާރުކޭޓު ހަދާއިރު، ފުރަތަމަ ތިން ފުލޯގައި ހަދަން ނިންމީ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓެވެ. އަދި އެންމެ މަތީ ފްލޯ ދޫކުރަން ނިންމީ ފުޑް ކޯޓް ހިންގާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނާސިރުބެ
09 December 2025
ޖަޕާނަކުން އަޅައެއް ނުދޭނެ..އެއްޗެއް ދޭނެކަމަށް ޕްރޮޕޯޝަލް އެއް ލައިގެން ތިއުޅެނީ ، ޖަޕާނަކުން އިމާރާތެއް އަޅައެއް ނުދޭނެ ދެވަނަ ބުރީގަ ސައުތު ހޮޓާ ބޮޑުބަދިގެ އަޅާކަށް އަދި ފިހާރަ ހަދައިގެން ފައިދާ ހޯދާކަށް ، ޖަޕާނަކުން އެހީނުވާނެ ސަލާމަތާއި ރައްކާތެރިމަށް އަދި ހިއުމަން ކެޕިޓަލް ޑިވެލޮޕްމެންޓަށް ނޫނީ ، ކޮމާޝަލް ޕްރޮޖެކްޓަކަށް އެމީހުން ނުދޭނެ މިހާރު އެހީއެއް
ހޭ ނެތޭނެ
09 December 2025
ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ދިވެހި ރައްޔިތުންނަށް އަޅައިދޭ މަސްމާރުކޭޓު ދިވެހި ސަރުކާރުން ރިޕަބްލިކު އޮފް އާރު ސީ ސީ އާއި ހަވާލުކުރުމުގެ މަސްވަރާ މަދްމާރުކޭޓުގައި ފަށައިފިއެވެ !މި ބައްދަލުވުމުގައި ބޭންކު އޮފް އާރު ސީ ސީ އިންވެސް ބައިވެރިވެއެވެ. ޕްރޮޕޯޝަލްގައި ވަނީ 2028 އެވެ.
އެމްސް
09 December 2025
މަސް މާރުކޭޓް، ލޯކަލް މާރުކޭޓް ހުރި ތަނަަށް، މޫދަަށްވާގޮތަަށް ބޭރަަށް ނެރުން މާބުއްދިވެރިއެއް ނޫންބާއެވެ؟
ކަޑަބޮއް ސައީދު
08 December 2025
ބިލްޑިންގ ގެ ތިރިއަށް ނުވަތަ ފުރަތަމަ ބުރިއަށް ޕާކިން ލުމަށް ކަނޑަ އެޅިގެން ގޮވާލަން. ސިކުނޑި ބޭނުން ކުރައްވާތި ޑިޒައިން ކުރާއިރު.
ކޮތަރޭ
08 December 2025
މެގަ ޕްރޮޖެކްޓެ! ހހހހހހހހހހހ
އިސްމާލު
08 December 2025
ޕާކިންގ... ކޮންމެ އިމާތަކާއެކުވެސް...
ކޮރަލް
08 December 2025
ރާއްޖެ އަށް ފައިދާ އޮތީ މަސްވެރިކަމާ ދަނޑުވެރި ކަމުންނެވެ. އެކަމުން ފައިދާ ވާނީ އެދާއިރާތަކުން ޒުވާނުންނަށް މަތީ ތައުލީމް ދީގެންނެވެ. ދެން އެދާއިރާ ގަ ވިޔަފާރި ކުރާ ބިދޭސީން ޑިޕޯތް ކޮށްގެންނެވެ.
އެޑްމުންޑޯ
08 December 2025
ހިލޭ އަޅާދީ ފިއްޔާ ރަގަޅު އެހެންނޫނީ ، ތިކަމެއް ވާނެކަމަކަށް ނުފެނޭ
ޢަލީބެ
08 December 2025
މާލެއަށް މިއައި ބަދަލާއެކު މަސްމާރުކޭޓެއްގެ އޮޕަރޭޝަންތައް ހިންގޭނެ ޖާގަ މިހާރު ހުރި ތަނުން ނުލިބޭނެ. ފަޅުވެސް ކުޑަ. ލޮޖިސްތިކް ތަކުލީފް. މަސްދޯނި ފަހަރުގެ ސަޕްލައި މަސްވެރިންގެ ޕާރކް. ވެކިއުމް ޕެކް. މަހުގެ އެކްސްޕޯޓްކުރާ ކުދި ވިޔަފާރި. މަސްވެރިންގެ ހޮޓާ. ފިހާރަތައް. މާލޭ އުތުރުފަޅި ރިޑިޒައިން ކުރަންވީ ގެސްޓުހޮޓާ ތަކަަށް ބީޗްލާފަ
އާދަނާ
08 December 2025
ތިޔަ ތަނެއް އަޅަން އަޅަން ކިޔާތާ މިހާރު ގަރުނެއްވީ މީ!