ކްރިމިނަލް ކޯޓު: ޑްރަގުގެ ވިޔަފާރިކުރިކަމަށް އެއްބަސްވުމުން 12 އަހަރުގެ ހުކުމެއް ވަނީ އިއްވާފައި
09 ޑިސެމްބަރ 2025 - 12:53
ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ފައިސާއާއެކު އަތުލައިގަތް މީހަކު ދައުލަތާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ހެދުމުން އުމުރު ދުވަހުގެ ޖަލު ހުކުމުން ސަލާމަތްވެ، 12 އަހަރުގެ ހުކުމެއް އިއްޔެ ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.
ދައުލަތުން ގ. މައްސާގުގޭ ހުސައިން ޝާހްގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އުފުލީ ސެޕްޓެމްބަރު، 2020 ގައި އޭނާ ދިރިއުޅޭ ގެއިންނާއި ގުޅުންހުރި އެހެން ތަންތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ކިރަން ބޭނުން ކުރާ ސާމާނާއި ފައިސާ ފެނިފައިވާތީ އެވެ. އޭނާއާ ގުޅުންހުރި ތަންތަން ބަލާފާސްކުރުމުގެ ތެރޭގައި ޖުމްލަ 2.5 ކިލޯގެ ކެނެބިސް ފެނިފައިވެ އެވެ.
އެ މައްސަލާގައި ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާއަށް އޭނާ ފުރަތަމަ އިންކާރުކުރި ނަމަވެސް ފަހުން ދައުވާއަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދި އެވެ. އެ ދައުވާއަކީ ސާބިތުވެއްޖެ ނަމަ، 25 އަހަރުގެ ޖަލު ހުކުމެއް އަންނަ ދައުވާއެއް ނަމަވެސް އިއުތިރާފުގެ އެއްބަސްވުމާއެކު އަދަބަށް ލުއިތަކެއް ލިބެ އެވެ.
އެގޮތުން ދައުލަތުން އެއްބަސްވެފައިވަނީ އަދަބެއްގެ ގޮތުން 12 އަހަރާއި ހަ މަހުގެ ޖަލު ހުކުމާއި 50،000ރ. ޖޫރިމަނާއަކަށެވެ. އަދި ކޯޓުން ވެސް ވަނީ އެ އެއްބަސްވުން ބަލައިގަނެ، އެމީހާގެ މައްޗަށް އެ އަދަބު ކަނޑައަޅައިފަ އެވެ. އަދި އެ މައްސަލާގައި ފެނުނު 61.230ރ. ދައުލަތަށް ނަގަން ވަނީ އަމުރުކޮށްފަ އެވެ.
އެ މައްސަލާގައި އެ މީހާ ޖަލު ބަންދުގައި ހުންނަތާ ފަސް އަހަރާއި ތިން މަހާއި ހަތަރު ދުވަސް މިހާރު ވަނީ ވެފަ އެވެ. އެހެންކަމުން އެ މުއްދަތު އުނިކުރުމުން އެ މީހާ ދެން ތަންފީޒު ކުރަން ޖެހޭނީ ހަތް އަހަރާއި ދެ މަހާއި 26 ދުވަހުގެ ޖަލު ހުކުމެކެވެ.
މަސްތުވާތަކެތީގެ ގާނޫނުގައި ކުރިން މިފަދަ މައްސަލަތަކުގައި އަދަބު ކުޑަ ކުރެވޭ ގޮތަށް ދައުލަތާ އެކު އެއްބަސްވުން ހަދަން ފުރުސަތު އޮތް ނަމަވެސް، ދާދިފަހުން އެ ގާނޫނަށް ގެނައި އިސްލާހުގައި އެކަން ވަނީ މަނާކޮށްފަ އެވެ.
އެ ގާނޫނަށް ތިން މަސް ފަހުން އެ އިސްލާހަށް އަމަލުކުރަން ފެށުމުން އެފަދަ މައްސަލަތަކުގައި ދައުލަތަށް އެއްބަސްވުމެއް ނުހެދޭނެ އެވެ. އަދި އަދަބުގެ ގޮތުގައި އިއްވާ އުމުރު ދުވަހު ޖަލު ހުކުމަކީ 25 އަހަރުގެ ބަދަލުގައި މަރުވަންދެން ކަމަށް ވެސް އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑަމީ
09 December 2025
ހާދަ މޮޔަ ޑީލަރެކޭ. އޭނަޔަކަށް ނުވިސްނުނު ރާށްޖޭގެ ކޯޓުތަކުން ސަލާމާތް ވެވެނީ 100ކިލޯ އަށްވުރެ ގިނަ އަދަދު ގެނެސްގެން ކަން.
ޑަކު
09 December 2025
12 އަހަރު އޮނާ ޖަލުގާ އޮވެދާނެބާ؟ މަށަށް ޝައްކު.
މުލޭ
09 December 2025
ނޯންނާނެ. 3 އަހަރު ނޫނީ 4 އަހަރަށްފަހު ޕެރޯލްގެ ގާނޫނުގެ ދަަށުން މިނިވަން ވުމުގެ ފުރުސަތު ލިބި ޖަލުން ސަލާމަތްވާނެ.
މޯލްޑިވްސް 2.0-
09 December 2025
މަރުހަބާ ދިވެހީންގެ ދިވެހިރާއްޖެއަށް. 5 އަހަރުފަހުން ހުކުމް. މިއީ އަދުލު އިންސާފް ލިބުމުގެ ސްޕީޑް ހުރި މިންވަރު.
ރާވެރިބެ
09 December 2025
ބައްލަވާ މިހާރުގެ ގާނޫނުގެ ދަށުން ތިކަހަލަ އެެއްބަސް ވުން ނެހެދޭނެ. މްރުވަންދެން ޖަލަށް ލާން ޖެހޭނީ. އެގޭ ގާނޫނަށް އަމަލު ކުރަން ފަށާނީ 3 މަސް ފަހުންކަން. އެކަމަކު 12 އަހަރު މާ ކުޑަ. 20 އަހަރު ނަމަވެސް ދޯ.